Roadha Mihaaru
ސްޓިކާ ނުޖެހިޔަސް ބޭނުންހާ ގޮތަކަށް ޕާކްކޮށްގެން ނުވާނެ

ސްޓިކާ ނުޖެހުމަކީ ބޭނުންހާ ގޮތަކަށް ޕާކްކުރުމަށް އޮތް ލައިސަންސެއް ނޫން: މިނިސްޓަރު

12 ފެބުރުއަރީ 2024

ޕާކު ކުރާނެ އެކަށީގެންވާ ޖާގަތައް ސަރުކާރުން އަދި ދައްކާފައި ނެތުމުން، ޕާކިން ވަޔަލޭޝަން ސްޓިކާ ނުޖެހުމަކީ ބޭނުން ކޮންމެ ތާކު ޕާކު ކުރަން އޮތް ލައިސަންސެއް ނޫން ކަމަށް ހޯމް އެންޑް ލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން މިއަދު ވިދާޅުވެއްޖެ އެވެ.

ނާޒިމް ހަސަން ނާޒިމް ހަސަން

ޕާކު ކުރާނެ އެކަށީގެންވާ ޖާގަތައް ސަރުކާރުން އަދި ދައްކާފައި ނެތުމުން، ޕާކިން ވަޔަލޭޝަން ސްޓިކާ ނުޖެހުމަކީ ބޭނުން ކޮންމެ ތާކު ޕާކު ކުރަން އޮތް ލައިސަންސެއް ނޫން ކަމަށް ހޯމް އެންޑް ލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން މިއަދު ވިދާޅުވެއްޖެ އެވެ.

މާލޭގައި ވެހިކަލް ޕާކު ކުރާނެ ޕާކިން ބިލްޑިންގްތައް ގާއިމްކޮށް، އެކަށީގެންވާ ޕާކިން ޖާގަތައް ހެދުމަށް ފަހު، ނޫނީ ސްޓިކާ ނުޖަހަން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ނިންމަވައިފަ އެވެ. އެ މަނިކުފާނު ވަނީ ކުރީގެ ރައީ ސަރުކާރުން ކޮށްފައިވާ ޕާކިން ޖޫރިމަނާތައް ވެސް މާފު ކުރައްވައިފަ އެވެ.

އެ ނިންމުމާ އެކު، މާލޭގެ މަގުތަކުގައި ޕާކު ކުރުމުގެ މައްސަލަ ވަނީ ވަރަށް ބޮޑަށް ބޮންސުންލައިފަ އެވެ. ބޮޑުތަކުރުފާނު މަގަކީ ޕާކް ކުރުން މަނާ މަގެއް ނަމަވެސް، އެ މަގުގެ ދެ ފަރާތުގައި ވެސް ބޮޑެތި ވެހިކަލްތައް ޕާކް ކޮށްފައިވާއިރު، މަގުގައި ދުއްވާ މީހުންނަށް ވެސް އޭގެ ސަބަބުން ވަނީ ދަތިވެފަ އެވެ.

އެކަމަކު، މިއަދާ ހަމައަށް ވެސް އެ ވެހިކަލްތަކާ މެދު ފުލުހުން އެއްވެސް ފިޔަވަޅެއް އަޅާފައެއް ނުވެ އެވެ.

"ސްޓިކާ މި ވަގުތު ނުޖެހުމަކީ ލައިންސަންސެއް ކަމަށް ބަލައިގެން ނުވާނެ ބޭނުންހާ ތާކު ޕާކު ކުރުން. މި ވަގުތަށް ހުރިހާ ރައްޔިތުން ވެސް ގަބޫލު ކުރަން ޖެހޭނެ އާންމު މަގުތަކަކީ ހުރިހާ މީހުން ވެސް ބޭނުން ކުރަން އޮތް ތަން،" މާލޭގެ ޓްރެފިކް މައްސަލަ ބޮއްސުންލައި، އިތުރަށް ގޯސްވެފައިވާތީ އެ ކަމާ ގުޅޭ ގޮތުން "މިހާރު" އިން މިއަދުގެ މީޑިއާ ބްރީފިންގައި ސުވާލު ކުރުމުން މިނިސްޓަރު އިހުސާން ވިދާޅުވި އެވެ.

"އެހެންވީމާ ތިޔަ ބޭފުޅުންގެ ސައިކަލް ޕާކު ކޮށްފައި ހުންނަ ގޮތުން ފަޔާ ވެހިކަލެއް އަންނަން ތާށިވެގެން ތިޔައިން ބޭފުޅެއްގެ ގޭގައި ނުވަތަ އިންޓްރެސްޓް ހުންނަ ތަނެއްގައި ރޯވެފައި ހުންނަ އަލިފާންގަނޑު ނިއްވަން ލަސްވެދާނެ. އެމްބިއުލާންސް އެ ހިސާބަށް ދިޔުން ލަސްވެދާނެ."

މިނިސްޓަރު ވިދާޅުވީ ޕާކު ކުރުމަށް އެކަށީގެންވާ ޖާގަތަކެއް ގާއިމް ކުރެވެންދެން ވެސް އެހެން ވެހިކަލްތަކަށް އުނދަގޫ ނުވާނެ ގޮތަށް ޕާކް ކުރުމަށް ވަރަށް ބޮޑަށް އިލްތިމާސް ކުރައްވާ ކަމަށެވެ.

ޕޮލިސް ކޮމިޝަނަރު އަލީ ޝުޖާއު ވިދާޅުވިގޮތުގައި، މަގުތަކުގެ ދެ ފަރާތުގައި ޕާކު ކޮށްފައިވާ އުޅަނދުތަކުގެ މައްސަލަ ހައްލު ކުރުމަށް އަންނަނީ މަޝްވަރާ ކުރަމުންނެވެ. އެކަމުގައި އަމަލު ކުރާނެ ގޮތެއް އާންމުންނަށް ވަރަށް އަވަހަށް އަންގަމުންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އެ އުޅަނދުތައް ނަގާ ނަމަ އެ އުޅަނދުތައް ނަގަން ވެރި ފަރާތްތަކަށް އެކަށީގެންވާ ވަގުތެއް ދޭނެ ކަމަށާއި އެ ވަގުތުގައި އެކަން ނުކޮށްފި ނަމަ ފުލުހުން އެ ވެހިކަލްތައް ނަގާނެ ކަމަށް ވެސް ޝުޖާއު ވިދާޅުވި އެވެ.