Roadha Mihaaru
ފުލުހުން ރޭ އަމަލުކުރި ގޮތް ރިވިއު ކުރަން އަންގަވައިފި

ފުލުހުން ރޭ އަމަލުކުރި ގޮތް ރިވިއު ކުރަން މިނިސްޓަރު އެދިވަޑައިގެންފި

10 އެޕްރީލް 2024

ހާލަތާ ނުބައްދަލުގެ ބާރު ބޭނުން ނުކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު އަންގަވާފައިވާ ކަމަށާއި އެހެންވެ، ޕީއެންއެފް އުފެއްދުމަަށް ރޭ ޣިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލްގެ ހޯލްގައި ބާއްވަން އުޅުނު ޖަލްސާއާ ދިމާކޮށް ހިނގި ކަންތައްތަކުގައި ފުލުހުން އަމަލުކުރި ގޮތް ބަލަން ޕޮލިސް ކޮމިޝަނަރު އަލީ ޝުޖާއު އަށް އަންގަވާފައިވާނެ ކަމަށް ހޯމްލޭންޑް، ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން މިއަދު ވިދާޅުވެއްޖެ އެވެ.

ހާލަތާ ނުބައްދަލުގެ ބާރު ބޭނުން ނުކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު އަންގަވާފައިވާ ކަމަށާއި އެހެންވެ، ޕީއެންއެފް އުފެއްދުމަަށް ރޭ ޣިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލްގެ ހޯލްގައި ބާއްވަން އުޅުނު ޖަލްސާއާ ދިމާކޮށް ހިނގި ކަންތައްތަކުގައި ފުލުހުން އަމަލުކުރި ގޮތް ބަލަން ޕޮލިސް ކޮމިޝަނަރު އަލީ ޝުޖާއު އަށް އަންގަވާފައިވާނެ ކަމަށް ހޯމްލޭންޑް، ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން މިއަދު ވިދާޅުވެއްޖެ އެވެ.

އެ ހަމަނުޖެހުން ހިނގީ ޕީއެންއެފް އުފެއްދުމުގެ ޖަލްސާ ޣިޔާސުއްދީން ސްކޫލްގެ ހޯލްގައި ބޭއްވުމުގެ ހުއްދަ އެ ސްކޫލުން ކުރިން ދީފައި އޮތަސް ލޮޖިސްޓިކް ސަބަބުތަކާ ހެދި އިއްޔެގެ މެންދުރުފަހު އެ އެއްބަސްވުން ބާތިލް ކޮށްފައި ވަނިކޮށް، އެ ޖަލްސާ ހަމަ އެ ހޯލުގައި ރޭ ބާއްވަން އެ ޕާޓީން މަސައްކަތް ކުރުމުންނެވެ.

އެހެންވެ، ފުލުހުން އެކަން ހުއްޓުވުމަށް ބާރުގެ ބޭނުންކުރުމުގެ ތެރޭގައި ޕީއެންއެފްގެ ސަޕޯޓަރުންނާއި ފުލުހުންނާ ދެމެދު ހަމަނުޖެހުން ހިނގީ އެވެ.

ޣިޔާސުއްދީން ސްކޫލަކީ އަމިއްލަ ސްކޫލެއް ކަމަށް ވީ ނަމަވެސް އެ ސްކޫލްގެ ހޯލް ދޫކުރުމުގެ އެއްބަސްވުމާ ހިލާފަށް އެ ތަނުގައި ޕީއެންއެފުން ޖަލްސާ ބާއްވަން އުޅޭތީ އެކަން އެޑިއުކޭޝަން މިނިސްޓްރީ އަށް އެ ސްކޫލުން އެންގި އެވެ. އެހެންވެ، ފުލުހުންގެ ރައްކާތެރިކަމަށް އެ މިނިސްޓްރީން އެދުނީ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

މި މައްސަލާގައި ހޯމް މިނިސްޓަރު އިހުސާން އެކްސްގައި ވިދާޅުވީ، އެސްއޯ ފުލުހުންގެ ބޭނުން ހާއްސަ ހާލަތުތަކުގައި ނޫނީ ނުހިފަން ރައީސް މުއިއްޒު އޮތީ އަންގަވާފައި ކަމަށެވެ.

"ރޭ ޣިޔާސުއްދީން ސްކޫލު ކައިރީގައި ފުލުހުން މަސައްކަތް ކުރެއްވި ގޮތް އަދި ބާރުގެ ބޭނުން ކުރުމާއި “އެސް އޯ“ ފުލުހުން ބޭނުން ކުރަން ޖެހުނު ސަބަބު ރިވިއުކޮށް ބަލަން އަޅުގަނޑު ވާނީ ފުލުހުންގެ ކަމިޝަނަރަށް ދަންނަވާފައި،" ފުލުހުންގެ ކަންކަމަށް ގާނޫނީ ގޮތުން ޒިންމާވެވަަޑައިގަންނަވާ މިނިސްޓަރު ވިދާޅުވި އެވެ.

"އަދި ވަކިން ހާއްސަކޮށް، "އެސް.އޯ" ފުލުހުން ހާއްސަ ހާލަތްތަކުގައި ނޫނީ ބޭނުން ނުކުރެއްވުމަށް ވެސް [ރައީސް ވަނީ] އަންގަވާފަ އެވެ،"--- އިހުސާން

އޭނާ ވިދާޅުވީ، ސުލްހަވެރި އެއްވުންތަކާއި އާންމުން ކުރާ އިހުތިޖާޖުތަކުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމުގައި އަދި އާންމުކޮށް ރައްޔިތުންނާ ގުޅޭ ކަންކަން ހައްލު ކުރަން ފުލުހުން ހަރަކާތްތެރިވާއިރު، ހާލަތާ ނުބައްދަލުގެ ބާރު ބޭނުން ނުކުރުމަށް ރައީސް މުއިއްޒު އޮތީ އަންގަވައިފަ އެވެ.

"އަދި ވަކިން ހާއްސަކޮށް ”އެސް.އޯ“ ފުލުހުން ހާއްސަ ހާލަތްތަކުގައި ނޫނީ ބޭނުން ނުކުރެއްވުމަށް ވެސް [ރައީސް ވަނީ] އަންގަވާފަ އެވެ،" އިހުސާން ވިދާޅުވި އެވެ.

ޣިޔާސުއްދީން ސްކޫލްގެ ހޯލުގެ އެއްބަސްވުން އިއްޔެ މެންދުރުފަހު 3:11 ގައި ބާތިލް ކުރުމުން ވެސް އެ ތަނުގައި ޖަލްސާ ބާއްވަން ޕީއެންއެފުން މަސައްކަތްކުރުމަށް ފަހު، ފުލުހުން އެކަން ހުއްޓުވުމުން ރޭ ދަންވަރު އެ ޖަލްސާ ބޭއްވީ ސިނަމާލެ ބްރިޖު ޕްލެޓްފޯމުގަ އެވެ. އެ ޖަލްސާގައި ވަނީ ޕީއެންއެފްގެ ވަގުތީ ރައީސަކަށް ޔާމީންގެ ދަރިކަލުން ޒެއިން އަބްދުﷲ ޔާމީން ހޮވައިފަ އެވެ.

ރޭގެ ހަމަނުޖެހުންތަކާ ގުޅިގެން ސަރުކާރުން ނެރުނު ބަޔާނެއްގައި ބުނީ، ގާނޫނީ ހަމަތަކުގެ މަތީން ހިންގާ އެއްވެސް ސިޔާސީ ހަރަކާތަކަށް ހުރަސް ނާޅާނެ ކަމަށާއި އެފަދަ ހަރަކާތްތަކަށް ފަހިކޮށްދެވެން އޮތް ކޮންމެ ފުރުސަތެއް ފަހިކޮށްދޭނެ ކަމަށެވެ.

"ދެ ހަފުތާ އަށް ވުރެ ދިގު ބަންދު ދުވަސްތަކަކަށް ފަހު، އަންނަ އާދީއްތަ ދުވަހު ސްކޫލްތައް ހުޅުވުމަށް ތައްޔާރުވަމުން ދާތީ އާއި އަދި އަހަރު ފަހު އިމްތިހާން ސްކޫލްތަކުގައި ކުރިއަށް ގެންދާ ދުވަސްވަރު ކަމަށް ވާތީ، އެއްވެސް ހަރަކާތެއް ހިންގުމަށް ސްކޫލް ހޯލްތައް ދޫކުރުމަކީ މި ވަގުތު ސްކޫލްތަކަށް ވަރަށް ދަތިކަމެކެވެ،" ސަރުކާރުގެ ބަޔާނުގައި ވެ އެވެ.

އެހެންވެ، ޕީއެންއެފް އުފެއްދުމުގެ ޖަލްސާ ސޯޝަލް ސެންޓަރުގެ އިންޑޯ ހޯލްގައި ބޭއްވިދާނެކަން ސްޕޯޓްސް މިނިސްޓްރީން އެ ޕާޓީގެ އިސް ފަރާތްތަކަށް ރޭ އެންގި ކަމަށް ސަރުކާރުން ބުންޏެވެ.