Roadha Mihaaru
ރައީސާ އެކު އިންވެސްޓްމެންޓް ފޯރަމް  ދުބާއީގައި

ރައީސާ އެކު ރާއްޖޭގެ އިންވެސްޓްމެންޓް ފޯރަމް ދުބާއީގައި

11 ފެބުރުއަރީ 2024

ރާއްޖެ އިން އިންތިޒާމް ކޮށްގެން، ރައީސް ޑރ. މުހަންމަދު މުއިއްޒު ވެސް ބައިވެރިވެ ވަޑައިގަންނަވާ އިންވެސްޓްމަންޓް ފޯރަމްއެއް ދުބާއީގައި އަންގާރަ ދުވަހު ފަށާނެ ކަމަށް ދުބާއީގައި ހުންނަ ރާއްޖޭގެ އެމްބަސީން ބުނެފި އެވެ.

އިސްމާއިލް ނަސީރު ދުބާއީން އިސްމާއިލް ނަސީރު

ރާއްޖެ އިން އިންތިޒާމް ކޮށްގެން، ރައީސް ޑރ. މުހަންމަދު މުއިއްޒު ވެސް ބައިވެރިވެ ވަޑައިގަންނަވާ އިންވެސްޓްމަންޓް ފޯރަމްއެއް ދުބާއީގައި އަންގާރަ ދުވަހު ފަށާނެ ކަމަށް ދުބާއީގައި ހުންނަ ރާއްޖޭގެ އެމްބަސީން ބުނެފި އެވެ.

ސަފީރު މުހަންމަދު ހުސެއިން ޝަރީފު (މުންދު) ވިދާޅުވީ ރާއްޖޭގެ ވަފުދުގައި ރައީސުންގެ އިތުރުން މިނިސްޓަރުންނާއި ބައެއް ކުންފުނިތަކުގެ ވެރިންނާއި އަމިއްލަ ވިޔަފާރިވެރިން ހިމެނިވަޑައިގަންނަވާނެ ކަމަށެވެ.

"މި ފޯރަމްގައި ގާތްގަނޑަކަށް 200 އެއްހާ ބޭފުޅުން އެބަ ބައިވެރިވެ ވަޑައިގަންނަވާ،" ފޯރަމަށް ދުބާއީ އަށް އައިސް ތިބި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ސަފީރު ވިދާޅުވި އެވެ.

މުންދު ވިދާޅުވީ ރާއްޖެ އިން އިންތިޒާމުކޮށްގެން ދުބާއީގައި މި ފޯރަމް މި ބާއްވަނީ ރާއްޖެ އާއި ޔޫއޭއީ އަކީ ވިޔަފާރީގެ އެކި އެކި ދާއިރާތަކުން ވަރަށް ގުޅުން ބޮޑު ގައުމެއް އުފެދިފައިވާ ގައުމެއް ކަމަށް ވާތީ ކަމަށެވެ. ހާއްސަކޮށް ޓޫރިޒަމް ދާއިރާގައި ރާއްޖޭގައި ބޮޑެތި އިންވެސްޓްމެންޓްތަކެއް ޔޫއޭއީގެ ވިޔަފާރިވެރިން ކޮށްފައިވާތީ މި ގައުމާއި ރާއްޖެއާ ދެމެދު އޮތް ގުޅުން ވަރަށް މުހިންމު ކަމަށް އޭނާ ވިދާޅުވި އެވެ.

"އަނެއްކޮޅުން މިހާރު ވަރަށް ގިނަ އަދަދެއްގެ ދިވެހިން ވެސް ވަޒީފާގައި އުޅޭ ގައުމެއް މިއީ،" މުންދު ވިދާޅުވި އެވެ.

ރާއްޖެ އިން އިންތިޒާމު ކޮށްގެން ޗައިނާގައި މިދިޔަ މަހުގެ ކުރީކޮޅު ބޭއްވި އިންވެސްޓްމަންޓް ފޯރަމަށް ރައީސް މުއިއްޒު ވަޑައިގަންނަވަނީ: މިފަދަ ބޮޑު ފޯރަމެއް މާދަމާ ދުބާއީގައި ފަށާނެ.---ފޮޓޯ: ރައީސް އޮފީސް

ރާއްޖެ އިން އިންތިޒާމު ކޮށްގެން ޗައިނާގައި މިދިޔަ މަހުގެ ކުރީކޮޅު ބޭއްވި އިންވެސްޓްމަންޓް ފޯރަމަށް ރައީސް މުއިއްޒު ވަޑައިގަންނަވަނީ: މިފަދަ ބޮޑު ފޯރަމެއް މާދަމާ ދުބާއީގައި ފަށާނެ.---ފޮޓޯ: ރައީސް އޮފީސް

މުންދު ވިދާޅުވީ ދުބާއީ އިންވެސްޓްމަންޓް ފޯރަމްގައި ބައިވެރިވެ ވަޑައިގަތުމަށާއި ވޯލްޑް ގަވަމެންޓް ސަމިޓްގައި ބައިވެރިވެ ވަޑައިގަތުމަށް ރައީސް މުއިއްޒު ދުބާއީ އަށް ވަޑައިގަންނަވާނީ މިރޭ ކަމަށެވެ. އަދި، ވޯލްޑް ގަވަމެންޓް ސަމިޓްގައި ރާއްޖޭގެ ރައީސަކު ބައިވެރިވެ ވަޑައިގަންނަވާ މިއީ ފުރަތަމަ ފަހަރު ކަމަށް އޭނާ ވިދާޅުވި އެވެ.

"މީގެ ކުރިން މިދިޔަ ސަރުކާރުގައި ދެ ފަހަރު ވެސް ބައިވެރިވެވަޑައިގަތީ ނައިބު ރައީސް،" މުންދު ވިދާޅުވި އެވެ.

އިންވެސްޓްމެންޓް ފޯރަމްގައި ދުނިޔޭގެ ބައެއް ވިޔަފާރި ޖަމިއްޔާތަކާއި ބޭންކްތަކުން ވެސް ބައިވެރިވާނެ އެވެ.

"އަޅުގަނޑުމެންނަށް އެ ބޭފުޅުންނާ ސީދާ ވާހަކަ ދައްކައި މަޝްވަރާ ކުރުމުގެ ފުރުސަތު ވެސް ލިބިގެންދާނެ،" މުންދު ވިދާޅުވި އެވެ.

ޗައިނާގެ ރައީސް ޝީ ޖިންޕިންގެ ދައުވަތަކަށް މިދިޔަ މަހުގެ ކުރީކޮޅު ރައީސް މުއިއްޒު އެ ގައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅާ ދިމާކޮށް ވެސް އިންވެސްޓްމަންޓް ފޯރަމެއް ޗައިނާގައި ބޭއްވި އެވެ. އެ ފޯރަމްގެ ނަތީޖާ ވެސް ރަނގަޅު ކަމަށް ދިވެހި ސަރުކާރުން ވަނީ ބުނެފަ އެވެ.