Roadha Mihaaru
މަސްރޭހެއް ކެންސަލް ކުރުމުން ކޯޓަށް،މައްސަލަ ނާކާމިޔާބު

މަސްރޭހެއް ކެންސަލް ކުރުމުން ކޯޓަށް، މައްސަލަ ކާމިޔާބެއް ނުވި!

14 ފެބުރުއަރީ 2024

ލ. ފޮނަދޫގައި ބާއްވަން ނިންމި މަސް ރޭހެއް ކެންސަލްކުރި މައްސަލާގައި ބަދަލު ހޯދަން ދައުވާ ކުރުމުން ބަދަލު ދޭންޖެހޭ ސަބަބެއް ނެތް ކަމަށް ކޯޓުން ހުކުމްކޮށްފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ލ. ފޮނަދޫގައި ބާއްވަން ނިންމި މަސް ރޭހެއް ކެންސަލްކުރި މައްސަލާގައި ބަދަލު ހޯދަން ދައުވާ ކުރުމުން ބަދަލު ދޭންޖެހޭ ސަބަބެއް ނެތް ކަމަށް ކޯޓުން ހުކުމްކޮށްފި އެވެ.

ފޮނަދޫގެ އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީން މިދިޔަ އަހަރުގެ މިނިވަން ދުވަހާ ދިމާކޮށް މަސްރޭހެއް ބާއްވަން ނިންމި ނަމަވެސް އެ މަސް ރޭހަށް ފުރައިގެން ދިޔަ ފަހުން މަސް ރޭސް ކެންސަލްކުރި މައްސަލާގައި އެ ކޮމިޓީއާ ދެކޮޅަށް ދައުވާކުރީ އެ ރޭހުގައި ބައިވެރިވާން އުޅުނު ޓީމެއްގެ އިސް މީހެކެވެ.

އެ މީހާ ދައުވާކުރީ ލޯންޗު ކުއްޔަށް ހިފުމަށާއި ތެޔޮ އެޅުމަށާއި އެހެނިހެން ސާމާނު ގަތުމަށް ހަރަދުކުރި 3،200ރ. ހޯދުމަށެވެ. އެކަމަކު، އަންހެނުންގެ ކޮމިޓީން ބުނެފައިވަނީ މަސްރޭސް ކެންސަލްކުރީ މޫސުން ގޯސްވުމުގެ ސަބަބުން ކަމަށެވެ.

ފޮނަދޫ ކޯޓުން މިދިޔަ ހޯމަ ދުވަހު ކުރި ހުކުމުގައި ވަނީ މަސް ރޭހުގެ ގަވާއިދުގައި މޫސުން ގޯސްވުމުގެ ސަބަބުން މަސް ރޭސް ކެންސަލްކުރާ ނަމަ އަމަލު ކުރަންޖެހޭ ގޮތެއް ބަޔާން ކޮށްފައި ނެތް ކަމަށެވެ. އިންސާނުންގެ ބާރު ނުހިނގާ ގުދުރަތީ ކަންކަމާ ގުޅިގެން ލިބޭ ގެއްލުންތަކަށް ޒިންމާވާން ނުޖެހުމަކީ ދުނިޔޭގެ ހުރިހާ ނިޒާމުތަކެއްގައި ބަލައިގެންފައިވާ އުސޫލެއް ކަމަށް ހުކުމުގައި ވެ އެވެ. އެހެންވެ، އަންހެނުންގެ ކޮމިޓީން އަމަލުކުރީ ގަވާއިދާ ހިލާފަށް އަދި ޒިންމާދާރުކަން ކުޑަކޮށް ކަމަށް ނިންމެން ނެތް ކަމަށް ހުކުމުގައި ބުންޏެވެ.

އެހެންވެ، އެ މައްސަލާގައި ގެއްލުމުގެ ބަދަލު ނަގައިދެވެން ނެތް ކަމަށް ހުކުމުގައި ވެ އެވެ.