Roadha Mihaaru
"ކަޅެގަލެކޮޑާ" މުބާރާތުން އެއްވަނަ ކަބޯ އާއި ކައިޕުޓީ

ސާފިން ލީގުގެ "ކަޅެގަލެކޮޑާ" މުބާރާތުން އެއްވަނަ ކަބޯ އާއި ކައިޕުޓީ

17 ފެބުރުއަރީ 2024

ސާފިން އެސޯސިއޭޝަން (އެމްއެސްއޭ) އިން ބާއްވާ ދިވެހި ސާފް ލީގުގެ މިއަހަރުގެ ފުރަތަމަ މުބާރާތް ކަމަށްވާ ގދ. ގައްދޫ "ކަޅެގަލެކޮޑާ" ގައި ނަޖާހު މުހައްމަދު (ކަބޯ) ފިރިހެން އޯޕަން ބައިގެ ޗެމްޕިއަންކަން ދިފާއު ކުރިއިރު، ޖޫނިއާ ޗެމްޕިއަންކަން ކަޔާން އަބްދު އަރީފް (ކައިޕުޓީ) ހޯދައިފި އެވެ.

ސާފިން އެސޯސިއޭޝަން (އެމްއެސްއޭ) އިން ބާއްވާ ދިވެހި ސާފް ލީގުގެ މިއަހަރުގެ ފުރަތަމަ މުބާރާތް ކަމަށްވާ ގދ. ގައްދޫ "ކަޅެގަލެކޮޑާ" ގައި ނަޖާހު މުހައްމަދު (ކަބޯ) ފިރިހެން އޯޕަން ބައިގެ ޗެމްޕިއަންކަން ދިފާއު ކުރިއިރު، ޖޫނިއާ ޗެމްޕިއަންކަން ކަޔާން އަބްދު އަރީފް (ކައިޕުޓީ) ހޯދައިފި އެވެ.

އެންމެ ފުރަތަމަ 2022 ވަނަ އަހަރު ބޭއްވި ފުރަތަމަ ސާފް ލީގުގައި ވެސް ކަޅެގަލެކޮޑާގެ ފައިނަލްގައި ކަބޯ ވާދަ ކުރި އެވެ. އެފަހަރު ދެވަނަ ލިބުނު ނަމަވެސް ޖެހިގެން އައި ދެ އަހަރު ކަބޯ މިވަނީ އަމިއްލަ ރަށުގައި ޗެމްޕިއަންކަން ހޯދައިފަ އެވެ.

އިއްޔެ ކުރިއަށް ދިޔަ ފައިނަލްގައި ކަބޯ މޮޅުވީ ހޫދު އަހުމަދު (ހޫބްޒް) އާ ވާދަކޮށް ޖުމްލަ 13.06 ޕޮއިންޓް އެއްކޮށްގެންނެވެ. ކަބޯގެ އެންމެ ރަނގަޅު ދެ ރާޅަށް 7.33 އަކާއި 5.73 ޕޮއިންޓް ހޯދި އެވެ. ހޫބްޒްގެ ދެވަނަ ރާޅަށް ހޯދި 5.83 ޕޮއިންޓާއި ހަތްވަނަ ރާޅަށް ހޯދި 5.73 ޕޮއިންޓާ އެކު އޭނާ އަށް ޖުމްލަ އެއްކުރެވުނީ 11.56 ޕޮއިންޓެވެ.

ކަބޯ، ކަޅެގަލެކޮޑާގެ ޗެމްޕިއަން ޓްރޮފީ އާއެކު.-- ފޮޓޯ: އެމްއެސްއޭ

ކަބޯ، ކަޅެގަލެކޮޑާގެ ޗެމްޕިއަން ޓްރޮފީ އާއެކު.-- ފޮޓޯ: އެމްއެސްއޭ

ކަބޯ ފައިނަލަށް ދިޔައީ ސެމީގައި 16.50 ޕޮއިންޓް ހޯދައިގެން އިސްމާއިލް މިގްލާލް (ކުޑައިއްސެ) ފަހަތަށް ޖައްސާލައިފަ އެވެ. ވާދަވެރި މި ހީޓްގައި ކުޑައިއްސެ އަށް ލިބުނީ 15.23 ޕޮއިންޓެވެ. ހޫބްޒް ވަނީ ސެމީގައި 16 ޕޮއިންޓް ހޯދައިގެން އިސްމާއިލް ރަޝީދު (ސްމައިލީ) ގެ މައްޗަށް ކުރި ހޯދައިފަ އެވެ. މި ހީޓްގައި ސްމައިލީ އަށް ލިބުނީ 13 ޕޮއިންޓެވެ.

މިއަހަރުގެ މުބާރާތުގެ ހީޓެއްގައި އެންމެ މަތީ ސްކޯ އެއް ހޯދީ ސްމައިލީ އެވެ. އޭނާ ވަނީ ކުއާޓާގައި ޖުމްލަ 17 ޕޮއިންޓް އެއްކޮށްގެން ހީޓުގައި ޖައިލަމް ނިޒާރު ފަހަތަށް ޖައްސާލައިފަ އެވެ. ސްމައިލީ އެޅި ފުރަތަމަ ރާޅަށް އަށް ޕޮއިންޓް ހޯދިއިރު، ތިންވަނަ ރާޅުގައި ނުވަ ޕޮއިންޓް ސްކޯ ކުރި އެވެ. ޖައިލަމް އަށް މި ހީޓުން ލިބުނީ ޖުމްލަ 8.27 ޕޮއިންޓެވެ.

ކުޑައިއްސެ ސެމީ އަށް ދިޔައީ ކުއާޓާގައި އޭނާއާ އެއް ހީޓެއްގައި ވާދަކުރި އަހުމަދު ރަޝީދާ 1.5 ޕޮއިންޓްގެ ތަފާތަކުން ކުރި ހޯދައިގެންނެވެ. ކުޑައިއްސެ މި ހީޓްގައި ޖުމްލަ 12 ޕޮއިންޓް ހޯދި އެވެ.

ކަޅެގަލެކޮޑާގެ ބައިވެރިން، އިނާމު ދިނުމުގެ ރަސްމިއްޔާތަށް ފަހު.-- ފޮޓޯ: އެމްއެސްއޭ

ކަޅެގަލެކޮޑާގެ ބައިވެރިން، އިނާމު ދިނުމުގެ ރަސްމިއްޔާތަށް ފަހު.-- ފޮޓޯ: އެމްއެސްއޭ

ކަޅެގަލެކޮޑާގައި ޖޫނިއާ ދެ ރާޅާއެޅުންތެރިން ކުއާޓާއާ ހަމައަށް ދަތުރު ކުރި އެވެ. އެއީ ކައިޕުޓީ އާއި ޔޫސުފް ކަޔާން ހަމްދާން ޒަކީ (ކައި ޒަކީ) އެވެ. ހޫބްޒް އާ ވާދަކޮށް ކައި ޒަކީ އަށް ކުއާޓާގައި ލިބުނީ 9.80 ޕޮއިންޓެވެ. ހޫބްޒް ސެމީ އަށް ދިޔައީ 13.83 ޕޮއިންޓް ހޯދައިގެންނެވެ. ކައިޕުޓީ ވަނީ ކުއާޓާގައި ކަބޯއާ ވާދަކޮށް 10.20 ޕޮއިންޓް ހޯދައިފަ އެވެ. ކަބޯ ސެމީން ޖާގަ ހޯދީ ޖުމްލަ 12.23 ޕޮއިންޓާ އެކު އެވެ.

ޖޫނިއާ ޗެމްޕިއަނަށް ވަރުގަދަ ފެށުމެއް

މިއީ، މިދިޔަ އަހަރު ދިވެހި ސާފް ލީގުގެ ޖޫނިއާ ޗެމްޕިއަންކަން ހޯދި ކައިޕުޓީ ކަޅެގަލެކޮޑާ ގައި ފައިނަލަށް ދިޔަ ފުރަތަމަ ފަހަރެވެ. އެންމެ ފުރަތަމަ 2022 ވަނަ އަހަރު ކުއާޓާއާ ހަމައިން ނިންމާލަން ޖެހުނުއިރު، މިދިޔަ އަހަރު ސެމީ އަށް ދިޔަ އެވެ.

ކައިޕުޓީ، ކަޅެގަލެކޮޑާގެ ޗެމްޕިއަން ޓްރޮފީ އާއެކު.-- ފޮޓޯ: އެމްއެސްއޭ

ކައިޕުޓީ، ކަޅެގަލެކޮޑާގެ ޗެމްޕިއަން ޓްރޮފީ އާއެކު.-- ފޮޓޯ: އެމްއެސްއޭ

އިއްޔެގެ ފައިނަލްގައި ކައިޕުޓީ އެއްވަނަ ހޯދީ މުހައްމަދު އިނާން އަބްދުލް ހަންނާނާ ވާދަކޮށް ޖުމްލަ 15.50 ޕޮއިންޓް ސްކޯ ކޮށްގެންނެވެ. ކައިޕުޓީގެ ތިންވަނަ ރާޅަށް ހަތް ޕޮއިންޓް ހޯދި އިރު، ހަތަރުވަނަ ރާޅުގައި 8.50 ޕޮއިންޓް ސްކޯ ކުރި އެވެ. އިނާންގެ ހަތަރުވަނަ ރާޅަށް ހޯދި ފަސް ޕޮއިންޓާއި ހަތްވަނަ ރާޅަށް ހޯދި 5.73 ޕޮއިންޓާ އެކު ޖުމްލަ އެއްކުރެވުނީ 10.73 ޕޮއިންޓެވެ.

މިދިޔަ އަހަރު ފައިނަލްގައި ވާދަކުރި ކައި ޒަކީ ވަނީ ސެމީގައި ވާދަކޮށްފަ އެވެ. ނަމަވެސް އޭނާ ބަލިވީ އިނާނާ ވާދަކޮށް 1.33 ޕޮއިންޓްގެ ތަފާތަކުންނެވެ. ކައިޕުޓީ ވަނީ ސެމީގައި އަހުމަދު ލުޒެއިންއާ ވާދަކޮށް މޮޅުވެފަ އެވެ.

ޖޫނިއާ ބައިގެ ކުއާޓާގައި އިނާން ވަނީ ސައްޔިދު ސަލާހުއްދީން ފަހަތަށް ޖައްސާލައިފަ އެވެ. އަދި ކައި ޒަކީ ވަނީ ޔަސީން އަހުމަދު ނާޝިދުގެ މައްޗަށް ކުރި ހޯދައިފަ އެވެ. ކުއާޓާގައި ނޫހް މުހައްމަދު ދުނެއިމް އިރުޝާދާ ވާދަކޮށް ލުޒެއިން ސެމީއަށށް ދަތުރު ކުރިއިރު، ކައިޕުޓީ ސެމީ އަށް ދަތުރު ކުރީ އަހުމަދު ޒަޔާންގެ މައްޗަށް ކުރި ހޯދައިގެންނެވެ.