Roadha Mihaaru
އަޅުގަނޑު ނަމަ މި ބަޖެޓަށް ވޯޓެއް ނުދޭނަން: ނަޝީދު

އަޅުގަނޑަށް ވޯޓު ދެވޭ ނަމަ މި ބަޖެޓަށް ވޯޓެއް ނުދޭނަން: ނަޝީދު

18 ނޮވެމްބަރ 2020

މަޖިލީހުގެ ރިޔާސަތުގައި އިންނަވައިގެން ވޯޓު ދެއްވޭ ނަމަ، އަންނަ އަހަރަށް ހުށަހަޅާފައިވާ ދައުލަތުގެ ބަޖެޓަށް އެމަނިކުފާނު ވޯޓު ނުދެއްވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހަންމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

މަޖިލީހުގެ ރިޔާސަތުގައި އިންނަވައިގެން ވޯޓު ދެއްވޭ ނަމަ، އަންނަ އަހަރަށް ހުށަހަޅާފައިވާ ދައުލަތުގެ ބަޖެޓަށް އެމަނިކުފާނު ވޯޓު ނުދެއްވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހަންމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ބަޖެޓާ ބެހޭ ގޮތުން މެމްބަރަކު ދެއްކެވި ވާހަކައަަކަށް ކޮމެންޓް ކުރައްވަމުން ނަޝީދު ވިދާޅުވީ ދައުލަތުގެ ދަރަންޏާ ގުޅޭ ގޮތުން ރައްޔިތުންގެ މަޖިލީހުން ރިޕޯޓެއް ފާސްކޮށްފައިވާ ކަމަށާއި އެ ރިޕޯޓާ އެއްގޮތަށް ނޫނީ މެމްބަރުންނަށް ބަަޖެޓަށް ވޯޓު ދެވޭނެ ގޮތެއް ވިސްނިވަޑައިނުގަންނަވާ ކަމަށެވެ. އެއަށް ފަހު އެ ރިޕޯޓްގެ ނަމްބަރު އެމަނިކުފާނު ވިދާޅުވެދެއްވި އެވެ. އެމަނިކުފާނު މަޖިލީހުގެ ރިޔާސަތުގައި ނީންނަވައި ވޯޓު ދެއްވޭ ގޮތަށް އިންނެވި ނަމަ އެ ބަޖެޓަށް ވޯޓު ނުދެއްވާނެ ކަމަށް ވެސް ވިދާޅުވިި އެވެ.

ދައުލަތުގެ ދަރަންޏާ ބެހޭގޮތުން މަޖިލީހުންް ފާސްކުރި ރިޕޯޓުގައި ސަރުކާރަށް ގޮވާލާފައި ވަނީ ދަައުލަތުގެ ދަރަނި ރިސްޓްރަކްޗާ ކުރުމަށެވެ. ދަރަނި ރިސްޓްރަކްޗާ ކުރުމަކީ ފައިސާ އަނބުރާ ދައްކަން ޖެހޭ މުއްދަތު އިތުރުކުރުމާއި ފައިސާ ދައްކަން ފަށަށް ޖެހޭ ތާރީހު ލަސްކުރުން ފަދަ ކަންތައްތަކެވެ.

"ދަރަނި އަނބުރާ ދެއްކުމަށް ބަޖެޓްގެ ތިން ތަނެއްގައި [ފައިސާ] ޖަހާފައި އެބަވޭ. އެއީ އިންޓަރެސްޓް ދެއްކުމަށް، ޕްރިންސިޕަލުން ދައްކަން ޖެހޭ ބައިދެއްކުމަށް އަދި ސަރުކާރު ހިއްސާވާ ކުންފުނިތައް ކެޕިޓަލައިޒްކޮށްގެން ކަމަށް ވިދާޅުވެ، އޭގެ ތެރެއިން ދަރަނި އަނބުރާ ދެއްކުމަށް މުޅި ޖުމްލަ ފަސްބިލިޔަނެއްހާ ރުފިޔާ އެބަވޭ. އަޅުގަނޑު ދެކޭ ގޮތުގައި އެ ހުރިހާ ލާރިއެއް ބަޖެޓުން ކަނޑައިލަންވީ،" ނަޝީދު ވިދާޅުވި އެވެ.

ރާއްޖޭން ނަގާފައިވާ ލޯނުތައް އަނބުރާ ދެއްކުން ޗައިނާއިން ލަސްކޮށް ނުދިން ކަމަށް ވިދާޅުވެ، އެމަނިކުފާނު ވަނީ އެ ގައުމަށް ވެސް ރޭ ފާޑުވިދާޅުވެފަ އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރަށް ދެ އަހަރު ފުރުމާ ގުޅިގެން، ނަޝީދު ދެއްވި ސްޕީޗުގައި ވިދާޅުވީ ޗައިނާ ފަދަ ބޮޑު އަދި ތަނަވަސް ގައުމަކުން، ރާއްޖޭގައި ތިބި ހަތަރު ލައްކަ މީހުން ކައިރީގައި "ފަށްޓަރުބައި ވިއްކާފައި" އެ ގައުމުގެ ބޭންކުތަކަށް އަނބުރާ ފައިސާ ދައްކާށޭ ބުނާތީ އަޖައިބުވެ އަންތަރީސްވެވަޑައިގަންނަވާ ކަމަށެވެ.

ބަޖެޓާ ބެހޭ ގޮތުން އެމަނިކުފާނު މިމޭރުމުން ވާހަކަފުޅު ދެއްކެވި އިރު، އެމްޑީޕީގެ މެމްބަރުން ވަނީ ބެޖެޓާ ބެހޭ ގޮތުން ހިޔާލުފާޅުކުރެއްވުމުގައި ދެ ބަޔަކަށް ބެހިފަ އެވެ. ބަޖެޓްގައި ހިމަނާފައިވާ ޕީއެސްއައިޕީ މަޝްރޫއުތައް މި ހާލަތުގައި ކުރިއަށް ނުގެންދެވޭނެ ކަމަށް އެއްބައި މެމްބަރުން ވިދާޅުވާއިރު އަނެއްބައި މެމްބަރުން ވިދާޅުވީ އެ މަޝްރޫއުތައް ބަޖެޓްގައި ޖަހާފައި ބަހައްޓައިގެން ފައިސާ ލިބޭތޯ މަސަައްކަތްކުރުން ރަނގަޅު ކަމަށެވެ.

އަންނަ އަހަރަށް ލަފާކުރާ ބަޖެޓާ ބެހޭ ގޮތުން މަރުކަޒީ ބޭންކް އެމްއެމްއޭގެ ގަވަރުނަރު އަލީ ހާޝިމް، މަޖިލީހުގެ ބަޖެޓް ކޮމިޓީ އަށް ދެއްވި ލަފާގައި ވެސް ކަންބޮޑުވުން ފާޅުކުރައްވާފައިވާ އެއް ކަމަކީ ދައުލަތުގެ ދަރަނި އަހަރުން އަހަރަށް ބޮޑުވަމުން ދިއުމެވެ. އޭނާ ވިދާޅުވި ގޮތުގައި ދައުލަތުގެ ދަރަނި މިހާރު ހުރީ ޖީޑީޕީގެ 124 ޕަސެންޓާ އެއްވަރަށެވެ. އެގޮތަށް އޮއްވައި އިތުރު ދަރަނި ނަގަން ޖެހޭ ގޮތަށް މަޝްރޫއުތައް ހިމަނާފައި ވާތީ ގަވަރުނަރު ކަންބޮޑުވުން ފާޅުކުރެއްވި އެވެ.