Roadha Mihaaru
ސިންގަޕޫރުގެ ބަދަލަކާ އެކު އެއާ ޓިކެޓް އަގު ބޮޑުވެދާނެ

ސިންގަޕޫރުގައި ތިމާވެއްޓާ ރައްޓެހި ޖެޓް ފިއުލް ބޭނުންކުރަން ފަށަނީ، ޓިކެޓް އަގު ބޮޑުވާނެ

19 ފެބުރުއަރީ 2024

ދުނިޔޭގެ އޭވިއޭޝަން ހަބް، ސިންގަޕޫރުން ފުރާ އެއާލައިންތަކުން 2026 ވަނަ އަހަރުން ފެށިގެން ތިމާވެއްޓާ ރައްޓެހި ޖެޓް ފިއުލް ބޭނުންކުރަން ފަށަން ނިންމުމާ އެކު އެއާ ޓިކެޓްގެ އަގު ބޮޑުވާނެ ކަމަށް ބެލެވެން ފަށައިފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ދުނިޔޭގެ އޭވިއޭޝަން ހަބް، ސިންގަޕޫރުން ފުރާ އެއާލައިންތަކުން 2026 ވަނަ އަހަރުން ފެށިގެން ތިމާވެއްޓާ ރައްޓެހި ޖެޓް ފިއުލް ބޭނުންކުރަން ފަށަން ނިންމުމާ އެކު އެއާ ޓިކެޓްގެ އަގު ބޮޑުވާނެ ކަމަށް ބެލެވެން ފަށައިފި އެވެ.

ބޭރުގެ ބައެއް މީޑިއާ ރިޕޯޓުތަކުގައިވާ ގޮތުން ތިމާވެއްޓާ ރައްޓެހި ޖެޓް ފިއުލް ބޭނުންކުރަން ފެށުމުން ބޯޓުތަކުން އާންމުކޮށް ޖެޓް ފިއުލަށް ކުރާ ހޭދަ 3-5 ގުނައާ ދެމެދުގެ މިންވަރަކަށް ބޮޑުވާނެ އެވެ. އެހެންވެ އެ ބައި ފޫބެއްދުމަށް އެއާލައިންތަކުން ޓިކެޓްގެ އަގު ބޮޑުކުރާނެ އެވެ.

އޭޝިއާގެ އެންމެ ބޮޑު އޭވިއޭޝަން ސަމިޓް "ސިންގަޕޫރް އެއާ ޝޯ" ގައި އެ ސިންގަޕޫރުގެ ޓްރާންސްޕޯޓު މިނިސްޓަރު ޗީ ހޮންގް ޓަޓް ވެސް ވިދާޅުވީ، މި ގެންނަ ބަދަލާ އެކު ސިންގަޕޫރަށް ދަތުރުކުރާ އެއާލައިންތަކުގެ ޓިކެޓްގެ އަގުތައް އުފުލުމުގެ ފުރުސަތު ވަރަށް ބޮޑު ކަމަށެވެ.

ޗީ ވިދާޅުވީ، 2026 ވަނަ އަހަރު ލަންޑަނުން ސިންގަޕޫރަށް ކުރާ ދަތުރުތަކުގެ އިކޮނޮމީ ކްލާހުގެ ޓިކެޓަށް 12 ޑޮލަރު އިތުރު ވާނެ ކަމަށެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުން ޖައްވަށް ދޫކުރާ ކާބަންޑައިއޮކްސައިޑުގެ 2-3 ޕަސެންޓް ހިއްސާކުރަނީ އޭވިއޭޝަން އިންޑަސްޓްރީންނެވެ. ޖައްވަށް ދޫކުރާ ވިހަ ގޭސްތައް މަދުކުރުމަށް އޭވިއޭޝަން ދާއިރާއިން ވަނީ އެސްއޭއެފް ބޭނުން ކުރަން ފަށައިފަ އެވެ. މިއީ އިޔާދަކުރަނިވި ބަޔޯމަސް އާއި ކުނީގެ ބާވަތްތަކުން އުފައްދާ އެއްޗެކެވެ.

އޭވިއޭޝަން ދާއިރާ އިން ޖައްވަށް ދޫކުރާ ވިހަ ގޭސްތައް މަދުކުރަން ފެށި ނަމަވެސް، އެކަން ކުރުމަށް ބޮޑު ހަރަދެއް ކުރަން ޖެހެ އެވެ.

"ސިންގަޕޫރުގައި އެސްއޭއެފް ބޭނުންކުރަން ފެށުމަށްޓަކައި، ސިންގަޕޫރުން ފުރާ މަތިންދާބޯޓުތަކުން 2026 ވަނަ އަހަރުން ފެށިގެން އެސްއޭއެފް ބޭނުންކުރަން ޖެހޭނެ. މިކަމުގެ ސަބަބުން، ތެޔޮ އުފައްދާ ފަރާތްތަކަށް ޑިމާންޑް އިތުރުވެ އާ އެސްއޭއެފް ޕްރޮޑަކްޝަން ފެސިލިޓީތަކަށް އިންވެސްޓް ކުރުމަށް ހިތްވަރު ވެސް ލިބޭނެ،" ޗީ ވިދާޅުވި އެވެ.

އިންޓަނޭޝަނަލް ސިވިލް އޭވިއޭޝަން އޯގަނައިޒޭޝަނުން ވަނީ 2050 ވަނަ އަހަރާ ހަމައަށް ނެޓް ޒީރޯ ކާބަން އެމިޝަން ހާސިލްކުރުމަށް އޭވިއޭޝަން ދާއިރާއަށް އަމާޒެއް ކަނޑައަޅައިފަ އެވެ.