Roadha Mihaaru
ޓޫރިޒަމް އިޝްތިހާރު ކުރުމަށް ޑްރީމް ލައިނާ ރާއްޖެ އަށް

ޓޫރިޒަމް އިޝްތިހާރު ކުރުމަށް ޑްރީމް ލައިނާ ރާއްޖެ އަށް

02 ސެޕްޓެމްބަރ 2019

ރާއްޖޭގެ ޓޫރިޒަމް ފުޅާކުރުމަށްޓަކައި ސިންގަޕޯ އެއާލައިންސްގެ ބޮއިން 787 ޑްރީމްލައިނާގެ ދަތުރުތައް ރާއްޖެއަށް ރޭ ފަށައިފި އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

ރާއްޖޭގެ ޓޫރިޒަމް ފުޅާކުރުމަށްޓަކައި ސިންގަޕޯ އެއާލައިންސްގެ ބޮއިން 787 ޑްރީމްލައިނާގެ ދަތުރުތައް ރާއްޖެއަށް ރޭ ފަށައިފި އެވެ.

މި ދަތުރުތައް ފެށުމުގެ ގޮތުން އައި ޑްރީމްލައިނާގެ ފުރަތަމަ މަތިންދާބޯޓަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ވަނީ ހޫނު މަރުހަބާއެއް ކިޔައިފަ އެވެ.

ސިންގަޕޯ އެއާލައިންސުން ރާއްޖެ އަށް ކަނޑައަޅާފައި ހުންނަވާ ޖެނެރަލް މެނޭޖަރު އަހުމަދު ޒުހުރީ އާއި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) ގެެ އެކްޓިން މެނޭޖިން ޑިރެކްޓަރު މޫސާ ސޯލިހުގެ އިތުރުން އެމްއެމްޕީއާރުސީގެ މެނޭޖިން ޑިރެކްޓަރު ތޮއްޔިބު މުހައްމަދު ވެސް ރޭގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތެވެ.

ޑްރީމްލައިނާއަށް މަރުހަބާ ކިޔުމަށް ރޭ ބޭއްވި ރަސްމިއްޔާތުގެ ބައިވެރިން ފޮޓޯއަކަށް ހުއްޓިގެން.--- ފޮޓޯ: ހުސައިން ވަހީދު/ މިހާރު

ޑްރީމްލައިނާއަށް މަރުހަބާ ކިޔުމަށް ރޭ ބޭއްވި ރަސްމިއްޔާތުގެ ބައިވެރިން ފޮޓޯއަކަށް ހުއްޓިގެން.--- ފޮޓޯ: ހުސައިން ވަހީދު/ މިހާރު

ސިންގަޕޯ އެއާލައިންސްގެ ޖެނެރަލް މެނޭޖަރު އަހުމަދު ޒުހުރީ ވިދާޅުވީ، ރާއްޖެ އަށް ޑްރީމްލައިނާ ފެށުމުގެ ބޭނުމަކީ ރާއްޖޭގެ ޓޫރިޒަމް އެހެން ގައުމުުތަކުގައި އިޝްތިހާރު ކުރުން ކަމަށެވެ. އެގޮތުން، އޮސްޓްރޭލިއާ އާއި ޗައިނާ އާއި ޖަޕާނާއި ސިންގަޕޫރުގެ އިތުރުން ސައުތު ކޮރެއާ އާއި އެމެރިކާ ގައި ރާއްޖެ އިޝްތިހާރު ކުރެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ ޑްރީމް ލައިނާ އަކީ ދުނިޔޭގެ އެކި މަންޒިލްތަކަށް ދަތުރު ކުރާ ފްލައިޓަކަށް ވާއިރު އަޅުގަނޑުމެން ރާއްޖެ އަށް މި ދަތުރުތައް ފެށުމުގެ އެންމެ ބޮޑު ބޭނުމަކީ ރާއްޖޭގެ ޓޫރިޒަމް އިޝްތިހާރު ކުރުން. އެގޮތުން ހަ މާކެޓެއްގައި އަޅުގަނޑުމެން ޓޫރިޒަމް ޕްރޮމޯޓް ކުރުމަށް މަސައްކަތް ކުރާނަން،" ޒުހުރީ ވިދާޅުވި އެވެ.

ސިންގަޕޯ އެއާލައިންސުން ރާއްޖެ އަށް ކަނޑައަޅާފައި ހުންނަ ޖެނެރަލް މެނޭޖަރު ޒުހުރީ، ރޭގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަނީ.--- ފޮޓޯ: ހުސައިން ވަހީދު/ މިހާރު

ސިންގަޕޯ އެއާލައިންސުން ރާއްޖެ އަށް ކަނޑައަޅާފައި ހުންނަ ޖެނެރަލް މެނޭޖަރު ޒުހުރީ، ރޭގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަނީ.--- ފޮޓޯ: ހުސައިން ވަހީދު/ މިހާރު

މި ޑްރީމްލައިނާ އިން 140 މަންޒިލަކަށް ދަތުރުކުރެ އެވެ. ރާއްޖެ އަށް ފަށާފައިވާ މި ދަތުރުތައް ތާވަލް ކޮށްފައި ވަނީ ރޭގަނޑަށެވެ.

އެމްއެމްޕީއާރުސީގެ މެނޭޖިން ޑިރެކްޓަރު ތޮއްޔިބު މުހައްމަދު ވިދާޅުވީ، ރާއްޖޭގެ ޓޫރިޒަމް އެހެން އަހަރުތަކާ އަޅާބަލާއިރު މި އަހަރު ވަރަށް ބޮޑުތަނުން ރަނގަޅު ކަމަށާއި މި ޑްރީމްލައިނާގެ ސަބަބުން ޓޫރިޒަމް އިތުރަށް ފުޅާވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ. މީގެ އިތުރުން، ޗައިނާގެ މާކެޓުގައި ރާއްޖެ ހޯދާފައިވާ ކުރިއެރުން އޭނާ ފާހަގަކުރެއްވި އެވެ.

"މި އަހަރަކީ ރާއްޖޭގެ ޓޫރިޒަމަށް ވަރަށް ރަނގަޅު އަހަރެއް. އެގޮތުން މި އަހަރުގެ ފުރަތަމަ ހަ މަސް ދުވަހު ރާއްޖޭގެ ޓޫރިޒަމް މި ވަނީ އެހެން އަހަރުތަކުގެ މި މުއްދަތައް ވުރެ 19 ޕަސެންޓް އިތުރުވެފައި. އަޅުގަނޑުމެންގެ އުއްމީދަކީ މި ދަތުރުތަކުގެ ސަބަބުން ޓޫރިޒަމް އިތުރަށް ފުޅާވުން،" ތޮއްޔިބު ވިދާޅުވި އެވެ.

ޑްރީމް ލައިނާގެ ބިޒްނަސް ކްލާސް: މި ކްލާހުގައި 36 ސީޓް ހުރޭ-- ފޮޓޯ: މިހާރު

ޑްރީމް ލައިނާގެ ބިޒްނަސް ކްލާސް: މި ކްލާހުގައި 36 ސީޓް ހުރޭ-- ފޮޓޯ: މިހާރު

ސިންގަޕޯ އެއާލައިންސްގެ ޑްރީމްލައިނާގެ ބިޒްނަސް ކްލާހުގައި 36 ސީޓް ހުންނަ އިރު އިކޮނޮމީ ކްލާހުގެ އަދަދަކީ 301 ސީޓެވެ.