ސަރުކާރުގައި ފައިސާ ހުރެ، މަސްވެރިންނަށް ގަސްދުގައި ފައިސާ ނުދީ ސަރުކާރުން ނުތިބޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.
20 ފެބުރުއަރީ 2024
ސަރުކާރުގައި ފައިސާ ހުރެ، މަސްވެރިންނަށް ގަސްދުގައި ފައިސާ ނުދީ ސަރުކާރުން ނުތިބޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.
ގދ. ތިނަދޫ ރައްޔިތުންނާ ބައްދަލުކުރައްވަން މި ރަށުގައި ބޭއްވި ޖަލްސާގައި ރައީސް ވަނީ މަސް ކިރުމަށް ފަހު، މިފްކޯ އިން ފައިސާ ދޫކުރުން ލަސްވެ، ކޫއްޑޫގައި މުޒާހަރާ ކުރަމުންދާ މައްސަލައާ ގުޅިގެން ވެސް ވާހަކަފުޅު ދައްކަވައިފަ އެވެ.
ކުއްޑޫގައި މިދިޔަ އާދިއްތަ ދުވަހުން ފެށިގެން މަސްވެރިން މުޒާހަރާ ކުރަމުން ދަނީ ސަރުކާރުން އެ މީހުންނަށް ދޭންޖެހޭ 300 މިލިއަނެއްހާ ރުފިޔާ ނުދީ އޮތުމުންނެވެ.
ކުރިއަށް އޮތް ރޯދަމަހުގެ ކުރިން އެ މީހުންނަށް ދޭން ޖެހޭ ފައިސާ ދޭނެ ކަމަށް ސަރުކާރުން ބުނުމުން ވެސް ކޫއްޑޫގައި މުޒާހަރާ ކުރަމުންދާތީ، އެކަމާ ގުޅިގެން ރައީސް މުއިއްޒު މިރޭ ވިދާޅުވީ، އެ މަނިކުފާނު ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު، މަސްވެރިކަމުގެ ދާއިރާ ވެސް ވެއްޓިފައި އޮތީ ފުން އަނދަވަޅަކަށް ކަމަށާއި މަސްވެރިންނަށް ދޭން ޖެހޭ އެތައް ސަތޭކަ މިލިއަން ރުފިޔާއެއް ނުދީ ހުރި ކަމަށެވެ.
ރައީސް ވިދާޅުވީ މި ސަރުކާރުން މިހާތަނަށް 442 މިލިއަން ރުފިޔާ މަސްވެރިންނަށް ދޫކޮށްފައިވާ ކަމަށާއި އިތުރަށް ދެވެން އޮތް ވަރަކުން ވެސް އެ ފައިސާ ދެމުން އަންނަ ކަމަށެވެ.
މަސްވެރިންނަށް ފައިސާ ދޫކުރުމުގެ މަސައްކަތް ކުރަމުންދާ ދަނޑިވަޅަކީ ރާއްޖޭގެ އިގްތިސާދު ވެސް އަޑިއަޅާލާފައިވާ ދަނޑިވަޅެއް ނަމަވެސް އިގްތިސާދު ކޮޅަށް ޖެހުމަށް ކުރާ މަސައްކަތާ އެކު އެ ފައިސާ ވެސް ދޫކުރަމުން އަންނަ ކަމަށް ރައީސް ވިދާޅުވި އެވެ.
އިރާދަކުރެއްވިއްޔާ މަސްވެރިންނަށް ދޭންޖެހޭ ފައިސާ ވެސް ދެމުންދާނީ. މިކަމުގައި އަޅުގަނޑު އެދެނީ މަސްވެރިން ވެސް އެކަން ގަބޫލުކުރެއްވުމަށް. އެއްވެސް ހާލަތެއްގައި އަޅުގަނޑުމެންގެ އަތުގައި ދެވެން ހުރި ފައިސާ ގަސްދުގައި ނުދީ އުޅެނީއެއް ނޫން - ރައީސް
ރައީސް މުއިއްޒު ވަނީ ކޫއްޑޫގައި މިހާރު ކުރަމުންދާ މުޒާހަރާގެ ތެރެއިން ކަރަންޓު ކަނޑާލުމުގެ އިންޒާރު ދިނުން ކަހަލަ ކަންކަން ސޯޝަލް މީޑިއާގައި މަސްވެރިން ކުރަމުންދާތީ އެކަން އެގޮތަށް ނުކުރުމަށް ވެސް އެދިވަޑައިގެންފަ އެވެ. ތަންތަނަށް ގެއްލުން ދިނުމުން އޭގެ ގެއްލުން ވެސް ވާނީ ރައްޔިތުންނަށް ކަމަށް ވިދާޅުވެ ރައީސް ވަނީ މަޝްވަރާ ކޮށްގެން އެކަމަށް އަލި މަގެއް ހޯދަން އެދިވަޑައިގެންފަ އެވެ.
"މި ކަމުގައި އަޅުގަނޑު އެދެނީ މަސްވެރިންގެ ކިބައިން ވެސް މިކަން ގަބޫލު ކުރެއްވުމަށް. އެއްވެސް ވަރަކަށް އަޅުގަނޑުމެންގެ އަތުގައި ދެން ހުރި ފައިސާ ހުރެ ގަސްދުގައި ނުދީއެއް ނުތިބޭނަން. އެއީކީއެއް އަޅުގަނޑު ކަން ކުރާނެ ގޮތެއް ނޫން،" ރައީސް ވިދާޅުވި އެވެ.
ރައީސް މުއިއްޒު ވިދާޅުވި ގޮތުގައި ކޫއްޑޫގައި މަސްވެރިން މިހާރު ކުރާ އިހުތިޖާޖު އެ މަނިކުފާނަށް ގަބޫލުފުޅު ކުރެއްވެ އެވެ. އެކަމަކު، އެކަން އެ ގޮތަށް ކޮށްގެން މުޅި ގައުމަށް މާ ބޮޑު ކުރިއެރުމެއް ނުލިބޭ ކަމަށް ވިދާޅުވި އެވެ.
"އެހެންވީމާ އަޅުގަނޑު އެދެނީ އިތުރަށް އަނެއްކާ ވެސް މަޝްވަރާ ކުރައްވަން. އަޅުގަނޑު ވެސް މި ހުރީ ތައްޔާރަށް އަޅުގަނޑާ ބައްދަލުކުރަން ބޭނުންފުޅިއްޔާ. އަޅުގަނޑު ވެސް މި ހުރީ މިރޭ ވިޔަސް މާދަން ވިޔަސް މަޝްވަރާ ކުރަން ތައްޔާރަށް. އެހެންވީމާ މަޝްވަރާ ކުރެވިގެން، ވާހަކަ ދެއްކެވިގެން ރިވެތި އުސޫލުން ކަންކަން ކުރީމާ ކަންކަން ވާނީ،" ރައީސް ވިދާޅުވި އެވެ.
މިހާރު ދޫނުކޮށް ހުރި 300 މިލިއަނެއްހާ ރުފިޔާގެ ތެރެއިން 100 މިލިއަން ރުފިޔާ މި މަހުގެ 26 ގެ ކުރިން ދޭން ސަރުކާރުން އެއްބަސްވުމުން ވެސް ކޫއްޑޫގައި މުޒާހަރާކުރާ ހުއްޓާކަށް އެ މީހުން ބޭނުމެއް ނުވެ އެވެ. މަސްވެރިން ވަނީ އެމީހުން ބޭނުންވަނީ ވަގުތުން ފައިސާ ލިބެން ކަމަށް ބުނެފަ އެވެ. އެ މައްސަލާގައި ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ވެސް ވަނީ މަސްވެރިންނާ ބައްދަލުކުރައްވައި ވާހަކަ ދައްކަވައިފަ އެވެ. އަދި މިފްކޯގެ އިސްވެރިން މިހާރު ވެސް ކޫއްޑޫގައި ގެންދަވަނީ މަޝްވަރާ ކުރައްވަމުންނެވެ.
ބޭނުންވަނީ މަސްވެރިންނަށް ބާރު ދޭން: ރައީސް
ލޭނު މަސްވެރިކަމަށް ހުއްދަ ނުދޭން ރައީސް ނިންމަވައިފި
މަސްވެރިންގެ ބެކްލޮގް އެއްކޮށް ކްލިއާ ކުރެވިއްޖެ:ރައީސް
މަސްވެރިންނަށް ވެސް ރޯދަ އިނާޔަތް ދޭން ބޭނުންވޭ:ރައީސް
މުއްސަނދިކަން ލިބޭނެ ސިނާއަތަކަށް މަަސްވެރިކަން ހެދޭނެ
މިފްކޯގެ ކޮރަޕްޝަން މުލުން ލުހެލާނަން: ރައީސް
ފިޔޯރީގައި މަސްކާރުހާނާއެއް ހަދަން ސޮއިކުރަނީ
މަސްވެރިންގެ މަސައްކަތް ބަލައިގަތުމަކީ ވާޖިބެއް: ރައީސް
މަސްވެރިންގެ ދަފްތަރާ ގުޅޭ ގަވާއިދު ގެޒެޓްކުރަނީ
މާދަމާއިން ފެށިގެން 48 ގަޑިއިރުތެރޭ ފައިސާ ދޫކުރާނެ