Roadha Mihaaru
ފުލުހުންގެ މުސާރަ ދެގުނަކުރުން ލަސްވާތީ މައްސަލައެއް!

ފުލުހުންނާއި ސިފައިންގެ މުސާރަ ދެ ގުނަ ކުރުމުގެ ވައުދު ފުއްދުން ލަސްވާތީ މަޖީލިހަށް މައްސަލައެއް!

22 ފެބުރުއަރީ 2024

ރިޔާސީ އިންތިހާބުގެ ކެމްޕެއިނު ތެރޭގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވެވަޑައިގެންނެވި ވައުދާ އެއްގޮތަށް ފުލުހުންނާއި ސިފައިންގެ މުސާރަ ދެ ގުނަކުރުން ލަސްވާތީ ރައްޔިތުންގެ މަޖިލީހަށް މައްސަލައެއް ހުށަހަޅައިފި އެވެ.

އައިޝަތު ނުޒުހާ އައިޝަތު ނުޒުހާ

ރިޔާސީ އިންތިހާބުގެ ކެމްޕެއިނު ތެރޭގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވެވަޑައިގެންނެވި ވައުދާ އެއްގޮތަށް ފުލުހުންނާއި ސިފައިންގެ މުސާރަ ދެ ގުނަކުރުން ލަސްވާތީ ރައްޔިތުންގެ މަޖިލީހަށް މައްސަލައެއް ހުށަހަޅައިފި އެވެ.

ފުވައްމުލަކު މެދު ދާއިރާގެ އެމްޑީޕީގެ މެންބަރު ހުސައިން މުހައްމަދު ދީދީ މަޖިލީހަށް އިއްޔެ ހުށަހެޅުއްވި މައްސަލައިގައި ބުނީ، ރައީސް މުއިއްޒު ކެމްޕެއިނުގެ ތެރޭގައި އެފަދައިން ވިދާޅުވެފައިވަނީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން މި އަހަރުގެ ޖެނުއަރީ މަހުން ފެށިގެން ފުލުހުންނާއި ސިފައިންގެ މުސާރަ ބޮޑުކުރުމަށް އޮނިގަނޑު ވެސް ތައްޔާރުކޮށް ނިންމާފައިވަނިކޮށް ކަމަށެވެ.

ސިފައިންނާއި ފުލުހުންގެ މުސާރަ ދެ ގުނަ ބޮޑުކޮށްދޭނެ ކަމަށް ރައީސް ވިދާޅުވެފައިވަނީ ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ސެޕްޓެމްބަރު 15 ގައި އާޓިފިޝަލް ބީޗުގައި ބޭއްވި ޖަލްސާއެއްގަ އެވެ. އެކަމުގެ ތަފުސީލް ދެއްވަމުން ރައީސް އޭރު ވިދާޅުވެފައިވަނީ 2024 ވަނަ އަހަރު 35 ޕަސެންޓް ބޮޑުކޮށް، 2025 ވަނަ އަހަރު 25 ޕަސެންޓް އަދި 2028 ވަނަ އަހަރު 30 ޕަސެންޓް ބޮޑުކޮށް، މުސާރަ ދެ ގުނަ ކުރައްވާނެ ކަމަށެވެ.

ނަމަވެސް މި ސަރުކާރުން ވެރިކަމަށް އައިސް އެކަން ފަސްކޮށްފައިވާ ކަމަށާއި އަންނަ މަހުން ފެށިގެން އަމަލުކުރަން ފަށާނެ ކަމަށް އަންގާފައިވީ ނަމަވެސް އެކަން ކުރެވެން އޮތީ މާލީ ހާލަތު އެހާތަނަށް ރަނގަޅުވާ ނަމަ ކަމަށް ވެސް އަންގާފައިވާ ކަމަށް އެ މައްސަލައިގައިވެ އެވެ.

މައްސަލައިގައި ބުނީ ޕޭ ކޮމިޝަނުން އެގޮތަށް ބުނުމުން އެކަމަށް ރައްދު ދީ، އަންނަ މާޗު އެކެއްގައި މުސާރަ ބޮޑުވާނެ ކަން ފިނޭންސް މިނިސްޓްރީން އަންގާފައިވާ ކަމަށާއި ނަމަވެސް ބޮޑުކުރާނީ ފަސް އަހަރުގެ ދައުރަކަށް ބަހާލައިގެން ކަމަށް ފުލުހުން ބުނެފައިވާ ކަމަށެވެ.

ނަމަވެސް ގައުމުގެ އިގްތިސޯދީ ހާލަތު ކުރިއަށް އޮތް ދެ ތިން މަސް ދުވަހު ރަނގަޅުނުވާނެ ކަމަށް ރައީސް ވިދާޅުވެފައިވާއިރު، ފުލުހުންނާއި ސިފައިންނަށް ބޮޑުކުރަން ފިނޭންސަށް އަންގާފައިވާ މުސާރައަކީ ދެ ގުނަ ބޮޑު މުސާރައެއް ނޫން ކަމަށް އެ މައްސަލައިގައި ބުނެފައިވެ އެވެ.

"... އެއީ ދެ ގުނަ ބޮޑު މުސާރައަކަށް ނުވާތީއާއި އެއީ ރިޔާސީ ވައުދުފުޅާ ހިލާފު އޮނިގަނޑަކަށް ވާތީއާއި މި ކަންކަން ދިގުލައިގެންދާތީ އެއީ މި އިދާރާތަކަށް ކުރާ އިތުބާރު ގެއްލިގެން ހިނގައިދާނެ ކަމެއް،" މައްސަލައިގައި ބުނެފައިވެ އެވެ.

އެހެންކަމުން މުސާރަ ދެ ގުނަ ބޮޑުނުވާނެ ކަމުގެ ބިރު އޮތުމާއެކު، އެ ވައުދު ފުއްދުން އަވަސްކުރުމަށް އެ މައްސަލައިގައި ގޮވާލާފައިވެ އެވެ.

ކުރީ ސަރުކާރުން ނިންމާފައި ވަނީ މުސާރައިގެ އޮނިގަނޑަށް ގެންނަ ބަދަލާއެކު ކޮންސްޓަބަލް ރޭންކުގެ ފުލުހެއްގެ މުސާރަ 11،000ރ. އިން 15،400ރ. އަށް އަދި ސިފައިންގެ ޕްރައިވެޓް ރޭންކުގެ މީހަކަށް 11،500ރ. އިން 16،300ރ. އަށް މުސާރަ ބޮޑު ކުރުމަށެވެ.

މި ސަރުކާރުން މުސާރައިގެ އޮނިގަނޑަށް ގެންނަ ބަދަލާއެކު އެ އަދަދުތަކަށް ވެސް ބަދަލު އަންނާނެ ކަމެއް އަދި ސާފެއް ނޫނެވެ. އެކަމަކު ފުލުހުން ބުނެފައިވާ ގޮތުގައި، މާޗު 1 އިން ފެށިގެން ފުލުހުންގެ މުސާރަ ބޮޑު ވާނެ ކަން ފިނޭންސް މިނިސްޓްރީން އަންގާފައިވެ އެވެ.