Roadha Mihaaru
ލޯންޗު އެކްސިޑެންޓުގައި އަނިޔާވި ދެ މީހަކު ސީރިއަސް

ލޯންޗު އެކްސިޑެންޓުގައި އަނިޔާވި ދެ މީހެއްގެ ހާލު ސީރިއަސް

23 ފެބުރުއަރީ 2024

ވިލިމާލޭ ކައިރީ ދެ ލޯންޗެއް ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި އަނިޔާވި މީހުންގެ ތެރެއިން ދެ މީހެއްގެ ހާލު ސީރިއަސްވެ، ފަރުވާ ދެމުން އަންނަނީ އައިސީޔޫގައި ކަމަށް އައިޖީއެމްއެޗުން މިއަދު ބުނެފި އެވެ.

އައިޝަތު ނުޒުހާ އައިޝަތު ނުޒުހާ

ވިލިމާލޭ ކައިރީ ދެ ލޯންޗެއް ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި އަނިޔާވި މީހުންގެ ތެރެއިން ދެ މީހެއްގެ ހާލު ސީރިއަސްވެ، ފަރުވާ ދެމުން އަންނަނީ އައިސީޔޫގައި ކަމަށް އައިޖީއެމްއެޗުން މިއަދު ބުނެފި އެވެ.

ވިލިމާލޭ ވޯޓާސްޕޯޓްއާ ދިމާލުން ކަނޑުމަތިން ދެ ލޯންޗު ޖެހި ހިނގި އެކްސިޑެންޓުގައި ޖުމްލަ 13 މީހަކަށް އަނިޔާވެގެން ވިލިނގިލި ހޮސްޕިޓަލަށް ގެންދިޔަ އެވެ. އޭގެ ތެރޭގައި ތިލަމާލެ ބުރިޖު މަޝްރޫއު ހަވާލުކޮށްފައިވާ އެފްކޮންސް ކުންފުނީގެ 10 މީހަކާއި، އަނަންތާރަ ރިސޯޓުގެ ލޯންޗުގައި ތިބި ތިން މީހަކު ހިމެނެ އެވެ.

އިތުރު ފަރުވާއަށް އޭގެ ތެރެއިން ހަ މީހަކު ރޭގެ ވަގުތެއްގައި އައިޖީއެމްއެޗަށް ގެންދިޔަ އެވެ.

އައިޖީއެމްއެޗުން ބުނީ އައިސީޔޫގައި ފަރުވާ ދެމުން އަންނަ ދެ މީހުންގެ އިތުރުން އަނިޔާވި އެކަކަށް ވޯޑުގައި ފަރުވާ ދެމުން އަންނަ ކަމަށެވެ. އަދި، އެ ހޮސްޕިޓަލަށް ގެންދިޔަ އިތުރު މީހުން ފަރުވާ ދިނުމަށް ފަހު ދޫކޮށްލާފައިވާ ކަމަށެވެ.

މި ހާދިސާގައި އެކްސިޑެންޓުވި އެއް ލޯންޗުގެ ބިއްލޫރިގަނޑު ވަނީ ތަޅައިގެން ގޮސްފަ އެވެ. އަދި ދެވަނަ ލޯންޗު އަޑިއަށް ދިޔަ އެވެ. އަޑިއަށް ދިޔަ ލޯންޗުގެ ބައިތައް ނަގާފައިވަނީ ވޯޓާސްޕޯޓްސް އަތިރިމަތިންނެވެ.

އެ ހާދިސާ ހިނގަން މެދުވެރި ގޮތެއް އަދިވެސް ސާފެއް ނުވެ އެވެ. ނަމަވެސް ބްރިޖު މަސައްކަތް ކުރާތީ މާލެ-ވިލިމާލެ ކަނޑުއޮޅިން ދަތުރުކުރުން އޮތީ މަނާ ކޮށްފަ އެވެ.