Roadha Mihaaru
ހަސަންގެ ކެންޑިޑެންސީ ބާތިލްކުރަން ކޯޓަށް

ހަސަންގެ ކެންޑިޑެންސީ ބާތިލްކުރަން އާޒިމްގެ ކޮއްކޮ ސުޕްރީމް ކޯޓަށް

25 މާޗް 2024

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ހެންވޭރު މެދު ދާއިރާ އަށް އަމިއްލަ ގޮތުން ވާދަކުރައްވާ ހަސަން ޝިޔާމް (ވީބީ ހަސަން) ގެ ޝަރުތު ހަމަނުވާ ކަމަށް ބުނެ އެ ދާއިރާ އަށް ވާދަކުރައްވާ މިހާރުގެ މެމްބަރު އަލީ އާޒިމްގެ ކޮއްކޮއަކު ސުޕްރީމް ކޯޓަށް މައްސަލައެއް ހުށަހަޅައިފި އެވެ.

ނާޒިމް ހަސަން ނާޒިމް ހަސަން

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ހެންވޭރު މެދު ދާއިރާ އަށް އަމިއްލަ ގޮތުން ވާދަކުރައްވާ ހަސަން ޝިޔާމް (ވީބީ ހަސަން) ގެ ޝަރުތު ހަމަނުވާ ކަމަށް ބުނެ އެ ދާއިރާ އަށް ވާދަކުރައްވާ މިހާރުގެ މެމްބަރު އަލީ އާޒިމްގެ ކޮއްކޮއަކު ސުޕްރީމް ކޯޓަށް މައްސަލައެއް ހުށަހަޅައިފި އެވެ.

ހ. ކްއީން، އިލްޔާސް އަހުމަދު ހުށަހެޅި އިންތިހާބީ ޝަކުވާއާ ގުޅޭ ޝަރީއަތް މިއަދު ސުޕްރީމް ކޯޓުގައި ފަށަން ވަނީ ތާވަލުކޮށްފަ އެވެ.

އެ ކޯޓަށް އެ މައްސަލަ ހުށަހެޅީ ހަސަންގެ ފަރާތުން ހައި ކޯޓަށް ހުށަހަޅާފައި އޮތް އިސްތިއުނާފު މައްސަލައެއްގައި މިދިޔަ މަހުގެ 13 ވަނަ ދުވަހު ކޯޓުން ހުކުމް ކުރުމާ އެކު، ހަސަންގެ ސާބިތު ދަރަންޏެއް އޮތްކަން ކަށަވަރުވެފައިވާ ކަމަށް ބުނެ އެވެ.

ނަމަވެސް، އެ ހުކުމްގައި ހަސަންގެ ދަރަންޏެއް އޮތް ކަމަށް ސާބިތުވެފައިވީ ނަމަވެސް، އޭނާ އަކީ ދަރަންޏަށް ފައިސާ ދައްކަމުން ނުދާ މީހެއްގެ ގޮތުގައި މާނަ ނުކުރެވޭނެ ކަމަށް ހައި ކޯޓުން ކަނޑައަޅާފައި ވެ އެެވެ.

ގާނޫނުއަސާސީގައިވާ ގޮތުން އަދާކުރާންޖެހޭ ސާބިތު ދަރަންޏެއް އޮތް މީހަކު ނަމަ ހުކުމާ އެއްގޮތަށް އެ ދަރަނި އަދާކުރަމުން ނުދާ މީހަކު ކަމުގައި ނުވުމަކީ މަޖިލީހަށް ވާދަކުރާއިރު ބަލާ ޝަރުތެކެވެ.

ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) އިން ކްރިސްޓަލް ލެގޫން ރިސޯޓަށް 2006 ވަނަ އަހަރު ދޫކުރި 10 މިލިއަން ޑޮލަރާއި 2008 ވަނަ އަހަރު ދޫކުރި 64 މިލިއަން ރުފިޔާގެ ލޯނުގެ މުއްދަތު ހަމަވިއިރު އެ ލޯނު ދައްކާފައިނުވާއިރު، އެ ލޯނަށް ގެރެންޓީ ދިން 11 ފަރާތުގެ ތެރޭގައި ހަސަން ވެސް ހިމެނެ އެވެ.

އެ ދެ ލޯނަށް ޔަގީންކަން ދިން ފަރާތްތަކުން އެ އަށް ޒިންމާވާން ޖެހޭނެ ކަމަށް ކަނޑައަޅައިދޭން ސިވިލް ކޯޓަށް އެސްބީއައި އިން ހުށަހެޅި ދައުވާގައި އެ ކޯޓުން ހުކުމް ކޮށްފައި އޮތީ 8 މަސް ދުވަސް ތެރޭ ލޯނުގެ ފައިސާ އާއި އިންޓްރެެސްޓާއި ޖޫރިމަނާއާ އެކު ދައްކައި ހަލާސް ކުރުމަށެވެ. އެ ހުކުމް އިއްވާފައިވަނީ ލޯނަށް ގެރެންޓީ ދިން 11 މީހުންގެ މައްޗަށެވެ.

މި ހުކުމްއާ އެއްްގޮތަށް މުއްދަތުގައި ފައިސާ ދައްކާފައި ނުވާތީ ހުކުމް ތަންފީޒު ކުރުމުގެ މައްސަލައެއް ވެސް އެސްބީއައި އިން ވަނީ ސިވިލް ކޯޓަށް ހުށަހަޅައިފަ އެވެ. އެ މައްސަލައާ ގުޅިގެން ހުކުމް ތަންފީޒު ކުރުމުގެ މަސައްކަތްތައް އެ ކޯޓުން ކުރަމުން އަންނައިރު، ލޯނަށް ރަހުނުކުރި ދެ ރިސޯޓެއް ވިއްކާލުމުގެ ހުއްދަ ސިވިލް ކޯޓުން އޮތީ ދީފަ އެވެ.

އެ ދެ ރިސޯޓް ވިއްކާލުމަށް ފަހު، ކޯޓުން ގެރެންޓަރުން ދެން އިތުރަށް ދައްކަން ޖެހޭ ފައިސާ ކަނޑައެޅުމާ ހަމައަށް ތަންފީޒު ކުރަން ޖެހޭ ސާބިތު ދަރަންޏެއް ނެތް ކަމަށް އެސްބީއައިގެ މައްޗަށް އަމުރުކޮށްދޭން ހަސަންގެ ފަރާތުން ސިވިލް ކޯޓުގައި އެދިފައި ވެ އެވެ. ނަމަވެސް، ސިވިލް ކޯޓުން ނިންމާފައިވަނީ އެފަދަ އަމުރެއް ނެރެދެވެން ނެތް ކަމަށެވެ.

ސިވިލް ކޯޓުން އެގޮތަށް ނިންމުމުން ހަސަންގެ ފަރާތުން ހައި ކޯޓަށް ހުށަހެޅި މައްސަލާގައި މިދިޔަ މަހުގެ 13 ވަނަ ދުވަހު ހުކުމް ކޮށްފައިވަނީ ސިވިލް ކޯޓުގެ އެ ނިންމުން ބަދަލު ކުރަންޖެހޭ ސަބަބެއް ނެތް ކަމަށެވެ.

ހައި ކޯޓުގެ ހުކުމްގައި ބުނީ ކޯޓަކުން ނިންމާ ނިންމުމަކަށް އަމަލު ކުރަން ފަސްކުރަން އެ ކޯޓަކުން ނުވަތަ އެ މައްސަލައެއް އިސްތިއުނާފު ކުރާ ކޯޓަކުން ނާންގާހާ ހިނދަކު، ކޮންމެ ކޯޓެއްގެ ނިންމުމަކީ އެ އަށް އަމަލު ކުރަން ޖެހޭ ލާޒިމް ނިންމުމެއް ކަމަށް ގާނޫނުގައި ބުނާ ކަމަށެވެ.

އެހެންކަމުން ރަހުނު ވިއްކައިގެން ދަރަނި އަދާކުރެވޭތޯ ބެލުމެއް ނެތި، ގެރެންޓަރުންގެ މައްޗަށް ހުކުމް ތަންފީޒު ކުރުމަކީ ސިވިލް ކޯޓުގެ މަދަނީ އިޖުރާއަތުގެ ގަވައިދުގެ ދަށުން މަނާކަމެއް ނަމަވެސް، އޭގެ މާނައަކީ ގެރެންޓަރުންގެ މައްޗަށް ސާބިތު ދަރަންޏެއް ނެތުމެއް ނޫން ކަމަށް ހައި ކޯޓުގެ ހުކުމްގައިވެ އެވެ.

"ރަހުނު ވިއްކައިގެން ދަރަނި އަދާކުރެވޭތޯ ބެލުމެއް ނެތި، ގެރެންޓަރުންގެ މައްޗަށް ހުކުމް ތަންފީޒުކުރުން ސިވިލް ކޯޓުގެ މަދަނީ އިޖުރާއަތުގެ ގަވައިދުގެ 161 ވަނަ މާއްދާގެ ދަށުން އެ ހިނދަށް މަނާވެފައިވެފައި ވިޔަސް، އެ ހިނދުގައި ވެސް ގެރެންޓަރުންގެ މައްޗަށް ދަރަންޏެއް ސާބިތުވެ އޮތް ކަމަށް ބަލަން ޖެހޭނެ އެވެ. ނަމަވެސް، އެ ހާލަތުގައި ގެރެންޓަރުންނަކީ ހުކުމާ އެއްގޮތަށް ދަރަނި އަދާ ނުކުރާ ބައެއްގެ ގޮތުގައި ނުބެލެވޭނެ އެވެ،" ހުކުމްގައި ވެ އެވެ.

ދެހާސް ނަވާރަ ވަނަ އަހަރުގެ މަޖިލިސް އިންތިހާބަށް ހަސަން ކުރިމަތިލުމުން ވެސް މި ދަރަނީގެ މައްސަލަ ބޮޑުވި އެވެ. އެ ދަރަނި އޮތުމުން ހަސަންގެ ކެންޑިޑެންސީ ކޮމިޝަނުން ބަލައިނުގަތުމުން ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅި އެވެ. އެ މައްސަލާގައި ސުޕްރީމް ކޯޓުން ހުކުމް ކުރީ ހަސަންގެ ފޯމު ކޮމިޝަނުން ބަލައިގަންނަން ޖެހޭ ކަމާއި އޭނާގެ ޝަރުތާ މެދު ސުވާލެއް ނެތް ކަމަށެވެ.