މީގެ ހަތް އަހަރު ކުރިން، ލިޓަސް ސާވިސް ސެންޓަރު ތެރޭ 24 ފަހަރު ވަޅި ޖަހައި މަރާލި މުހައްމަދު އަނަސްގެ މަރުގެ މައްސަލާގައި ހެކި ނެތް ކަމަށް ބުނެ ދައުވާކުރި ހަތް މީހުންގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން އިއްވުމުން އިންސާފުގެ އުއްމީދު އާއިލާ އަށް ވަނީ އެއްކޮށް ގެއްލިފަ އެވެ.
26 ފެބުރުއަރީ 2024
މީގެ ހަތް އަހަރު ކުރިން، ލިޓަސް ސާވިސް ސެންޓަރު ތެރޭ 24 ފަހަރު ވަޅި ޖަހައި މަރާލި މުހައްމަދު އަނަސްގެ މަރުގެ މައްސަލާގައި ހެކި ނެތް ކަމަށް ބުނެ ދައުވާކުރި ހަތް މީހުންގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން އިއްވުމުން އިންސާފުގެ އުއްމީދު އާއިލާ އަށް ވަނީ އެއްކޮށް ގެއްލިފަ އެވެ.
އަނަސްގެ ބައްޕަ އަބްދުއްރާފިއު، އޭނާގެ ލޯބިވާ ދަރިފުޅަށް އިންސާފު ލިބޭތޯ ދެކެމުންދިޔަ އުއްމީދުތައް ގެއްލި، އެއްކޮށް ވަނީ މާޔޫސްވެފަ އެވެ. އެންމެންގެ ލޯ ކުރިމަތީގައި އޭނާގެ ދަރިފުޅު ރަހުމުކުޑަކޮށް މަރާލިއިރު، އިންސާފަށް އެދި ޖަހަން ޖެހުނު އާދޭހަށް ނިންމުމެއް ނެތެވެ.
ރާފިއު ގަބޫލުކުރާ ގޮތުގައި އޭނާގެ ދަރިފުޅަށް އިންސާފު ނުލިބުނީ ކުށްވެރިންގެ މައްޗަށް ހެކި ނެތިގެނެއް ނޫނެވެ. އެ އާއިލާގެ ނިކަމެތިކަމާއި ފަގީރުކަމާއި ސިޔާސީ އަރާއި ބާރު ނެތުމުން ކަމަށް އޭނާ ބުންޏެވެ.
"...ހެކި ނެތިގެނެއް ނޫން ކުށް ސާބިތު ނުވީ. އަނަސްއެއް މިހާރަކު ނެތް. އަނަސްވީ އާސަހަރާގައި. ކަށިކޮޅު ވެސް މިހާރު އޮތް ކަމެއް ނޭނގެ. އަނަސްއެއް ނެތް، އަނަސް ނެތީމަ ގާޒީއަށް ވެސް އެނގެން ޖެހޭތާ އޭނާ މަރާލައިފި ކަން ކޮންމެވެސް ބަޔަކު،" "މިހާރު"އާ ވާހަކަ ދައްކަމުން ރާފިއު ބުންޏެވެ.
"ދިވެހިރާއްޖޭގައި ހިނގި އެންމެ ސާފު މަރު މިއީ. މިއަށްވުރެ ސާފުކޮށް މީހަކު މަރާލައިފައެއް ނޯންނާނެ. ސާބިތު ނުވުމަކީ އަޅުގަނޑުމެން ނިކަމެތިވުމާއި ފަގީރުވުމުގެ ނަތީޖާ. މޮޅު މީހުންނަށް މޮޅު ގޮތް، ނިކަމެތިންނަށް ދެރަ ގޮތް މި ގައުމުގަ އޮންނަ ގޮތަކީ. އޭގަ ނޯންނާނެ އިތުރު ގޮތެއް."
"އެކަމަކު ﷲގެ ހަސްރަތުގައި އެންމެން ހަމަހަމަ."
އަނަސްގެ ބައްޕަ ރާފިއު ބުނީ ތެދެކެވެ. އަނަސްގެ މަރަކީ ސިއްރުން ފޮރުވިގެން ހިންގި ޖަރީމާއެއް ނޫނެވެ. އޭނާގެ ގަޔަށް 24 ފަހަތަށް ވަޅިން އެ ދިން ހަމަލާތައް ވީޑިއޯ އިން ސާފުކޮށް ހުރީ ފެންނާށެވެ. ޖެހި ކޮންމެ ވަޅިއަކާއި އެކަން ކުރި މީހުން އެ ހުރީ ސާފުކޮށް ފެންނާށެވެ. ރަހުމެއް ނެތި އެ ހަމަލާތައް ދިނީ އެންމެ ބާރު ބޮޑު ގަޑީ، އެންމެންގެ ލޯ ކުރިމަތީގަ އެވެ.
ސައިކަލްތަކެއްގައި މޫނު ނިވާކޮށްގެން ބޮޑު ހަތިޔާރު އަތަށް ނަގައިގެން ތިބި ބަޔަކު އަނަސް ފަހަތުން ދުވެ، ހަމަލާ ދިނީ އޭނާ ފިލަން ލިޓަސްގެ ތެރެއަށް ވަނުމާ އެކު އެތަނުގެ ތެރެއަށް ވަދެގަނެ އެވެ. އެ ހުރިހާ މަންޒަރެއް ކެމެރާ އަށް ހުރީ ރެކޯޑްވެފަ އެވެ.
"އެންމެ ކުޑަ ކުއްޖާ އަށް ވެސް ގަބޫލު ކުރެވޭ ފަދަ ހެކި އެބަ ހުރި. ގިނަ ހެކިތައް ބަލައިގަނެ ޝަރީއަތުގައި ވާހަކަ ދައްކާފައި ވެސް އެބަހުރި،" އަނަސްގެ ބޭބެ އަހުމަދު ޝިޔާމް ބުންޏެވެ.
އެކަމަކު، މި މައްސަލާގައި އަނަސް އަށް ހަމަލާ ދިން ކަމަށް ބުނެ ދައުލަތުން ދައުވާ ކުރި ހަތް މީހުން ވެސް އެކަމުގައި ބައިވެރިވާ ކަމަށް ސާބިތު ކުރެވެން ނެތް ކަމަށް ބުނެ އިއްޔެ ކްރިމިނަލް ކޯޓުން ވަނީ ހުކުމް ކޮށްފަ އެވެ. އަނަސްގެ މަރަށް ހަތް އަހަރު ފަހުން، ޝަރީއަތް އެތައް އަހަރެއް ވަންދެން ކޯޓުގައި ތެޅުމަށް ފަހު، އައި ހުކުމްއާ އެކު އަނަސްގެ އާއިލާ އަށް އަނެއްކާވެސް މޮޅިވެރިކަމާ ވަނީ ކުރިމަތިލާން ޖެހިފަ އެވެ.
ކްރިމިނަލް ކޯޓުން ހުކުމް ކުރުމާ އެކު، އަނަސްގެ ބައްޕަ އަބްދުއްރާފިއު ވަނީ އަނެއްކާވެސް މުއައްސަސާތަކަށް ގޮސް، އޭނާގެ ދަރިފުޅަށް އިންސާފު ހޯދައިދިނުމަށް އެދި އާދޭސް ދަންނަވަން ރަށުން މާލެއަށް ދަތުރު ފަށައިފަ އެވެ. މެދުކެނޑުމެއް ނެތި މިވީ ހަތް އަހަރުގެ ތެރޭ އިންސާފަށްޓަކައި އޭނާ ކުރި ހުރިހާ މަސައްކަތެއް ވަނީ ނާކާމިޔާބު ވެފަ އެވެ.
"އަޅުގަނޑުމެންނަށް އޮންނަނީ އާދޭސް ކުރުން. ރާއްޖޭގެ ސިސްޓަމް އޮންނަ ގޮތުން އަޅުގަނޑުމެންނަށް މި އޮންނަނީ މުއައްސަސާތަކުގައި އާދޭސް ދެންނެވުމުން، އެކަންކަން މެދުނުކެނޑި ކުރާތާ ހަތް އަހަރުވެއްޖެ. މިހާ ތަނަށް އެއްވެސް ސަރުކާރެއްގައި ނުދާ ހިސާބެއް ނޯންނާނެ. ހުރިހާ ލެވެލެއްގެ ހުރިހާ ފަރާތްތަކާ ވެސް ބައްދަލުކޮށް އަނަސް އަށް އިންސާފު ހޯދުމަށް އެދި އާދޭސް ދެންނެވިން،" އަނަސްގެ ދެބެންގެދަރި ބޭބެ ޝިޔާމް "މިހާރު"އާ ވާހަކަ ދައްކަމުން ބުންޏެވެ.
މިއީ މާލޭގައި ރަހުމު ކުޑަ އަމަލުތައް ހިންގުމުގެ ރެކޯޑް އޮތް ޒުވާނުންތަކެއްގެ އަތް ދަށުވެ، އެ މީހުންނަށް "އޮޅިގެން މަރާލެވުނު" އަނަސްގެ އާއިލާ އިން މެދުކެނޑުމެއް ނެތި ކުރަމުންދާ އާދޭހެކެވެ. އެއްވެސް ކުށެއް ނެތި އަނަސް އަށް ދިން "މަރުގެ އަދަބާ" ދެކޮޅަށް އެ އާއިލާ އިން ކުރަމުންދާ ހިތްވަރަށް ދަށު ކޯޓުން ނާއުއްމީދާ ކުރިމަތިޔަސް، އުއްމީދު އަދިވެސް އެބަ އޮތެވެ.
އަނަސް: އޭނާގެ މަރަށް އިންސާފު ނުލިބި ހަތް އަހަރު ވަނީ ވެފައި
1- ގަސްދުގައި މީހަކު މަރާލުމުގެ ދައުވާ؛
- ޅ. ކުރެންދޫ އަސުރުމާގޭ އަހުމަދު ޒަޔާން
- މ. ލޮނުމިދިލިގޭ އަފްރާހު އަބްދުއްރައްޒު
- މ. ދިމިޝްގު އުސްމާން ޝަރީފް
2- ގަސްދުގައި މީހަކު މަރާލުމުގައި ބައިވެރިވުމުގެ ދައުވާ
- ލ. ގަން ތުނޑި ނަންނާރިގޭ ޖުނައިހް އަބްދުﷲ
- ދަފްތަރު ނަމްބަރު 1746 ސިމާހް މޫސާ
- ސ. ފޭދޫ ވެސްޓަންވިލާ ހަސަން މަހްފޫޒް
- ތ. ކިނބިދޫ ގުލްފާމްގޭ މުހައްމަދު ޝާޒް
މިދިޔަ ހަތް އަހަރު ކްރިމިނަލް ކޯޓުގައި އަނަސްގެ މަރުގެ މައްސަލާގައި ހިނގި ޝަރީއަތެއް، އަދި އެ ޝަރީއަތުގައި އިއްވި ހުކުމެއް ވެސް އާއިލާ އިން ގަބޫލެއް ނުކުރެ އެވެ. އާއިލާ އިން ދެކޭ ގޮތުގައި، އެ ހުކުމަކީ އިންސާފުން ބޭރުވެ، ނުފޫޒުގެ ތެރެއިން ކޮށްފައިވާ ހުކުމެކެވެ.
އޭގެ ސަބަބުތައް ޝިޔާމް ކިޔައިދިނެވެ.
އޭނާ ފާހަގަކުރި އެންމެ ބޮޑު ސަބަބަކީ އެއްވެސް މަގުބޫލު އުޒުރެއް ނެތި ޝަރީއަތް އިންތިހާއަށް ލަސްކުރުމެވެ. ޝިޔާމް ބުނި ގޮތުގައި އަޑުއެހުންތައް ޝެޑިއުލް ކުރުމަށް ފަހު އެންމެ ފަހު ވަގުތު ކެންސަލް ކުރުމާއި ކުއްލިއަކަށް ކުރިއަލާ އެންގުމެއް ނެތި ވެސް އަޑުއެހުންތައް ތާވަލުކުރި އެވެ.
"އަޑުއެހުންތައް ދިޔަ ގޮތުން ވެސް ވިސްނާލާއިރު އެނގޭ މި ހުކުމް އަންނާނީ މިހެން ކަން. ފުދޭވަރަކަށް ދުވަސް ވެސް ވެއްޖެ. ޕީޖީއަކަށް ވެސް އެކަށީގެންވާ ވަގުތެއް ނުދޭ އަޑުއެހުންތަކަށް ރެޑީ ވާން ވެސް. ވަރަށް ފަހު ވަގުތު އަންގަމުން ދިޔައީ އަޑުއެހުންތައް ތާވަލުކޮށްފައި، ރެޑީވެގެން ދާ ފަހުން ވެސް އެބަހުރި ކެންސަލްކޮށްފައި،" މައްސަލާގެ އަޑުއެހުންތައް ވަރަށް ކައިރިން ބެލި ޝިޔާމް ބުންޏެވެ.
"މައްސަލައިގެ ބާވަތުން ވަރަށް ބޮޑަށް ދިގު ދަންމާފައި މިއޮތީ، ވަކި ފަރާތެއް ފާހަގަ ކުރަން ނެތިން، އެކަމަކު ހަމަ ގަސްތުގައި ދިގު ދަންމާފައި މިއޮތީ، ދިގު ދެންމުމުގެ ސަބަބުން އެބަހުރި ނޭދެވޭ ނަތީޖާ ނުކުމެފައި."
އޭނާ ފާހަގަކުރި އެއް ކަމަކީ މައްސަލާގައި ހެކިބަސް ދޭން ތިބި ގިނަ ބަޔަކު އެކަން ކުރުމަށް ފަހު ވަގުތު ދެކޮޅު ހެދުމެވެ. ޕްރޮސިކިއުޓާ ޖެނަރަލް ހުސެއިން ޝަމީމް ވިދާޅުވި ގޮތުގައި މި މައްސަލާގައި ނުވަ ހެއްކަކު ހެކިބަސް ދޭން ދެކޮޅު ހެދި އެވެ.
އޭގެ އެންމެ މައިގަނޑު ސަބަބަކީ ޝަރީއަތް ދިގުލައިގެން ދިޔުމާއި އެމީހުންގެ ސިއްރުކަން ގެއްލުމުގެ ފުރުސަތު އޮތުމާއި ބޭރު ތެރެއިން ލިބެމުންދިޔަ އިންޒާރުތަކާ ހެދި ކަން ޝިޔާމް ގަބޫލު ކުރެ އެވެ.
"ހެކިބަސް ދޭން ވެސް ބައެއް މީހުން ފަސް ޖެހުނު. އެމީހުންގެ ދިރިއުޅުން ވެސް މި މައްސަލައަށް ހުސްވެގެން ނުތިބެވޭނެ. ޖުވެނައިލް ކޯޓަށް ހުށަހެޅި ސިއްރު ހެކިން ވެސް ބޭނުމެއް ނުވި ކްރިމިނަލް ކޯޓަށް ހެކިބަސްދޭކަށް. އެމީހުންނަށް ކުރިމަތިވާ ކަންކަން ވެސް ހުންނާނެ ހެކިބަސް ދޭއިރު ސިއްރު ހެކިން ވެސް ފަޅާއަރާ ހިސާބުގައި މާޒީގައި ކަންކަން ހިނގާފައި ހުރީ،" ޝިޔާމް ބުންޏެވެ.
ނިޒާމްގެ ތެރެއިން ކަންކަން އެގޮތަށް ފަހިވާ ގޮތަށް އަމަލުކޮށްގެން ކްރިމިނަލް ކޯޓުން ހުކުމް އިއްވާފައިވަނީ، ޝިޔާމް ދެކޭ ގޮތުގައި ޑީލްތަކެއް ނޫނީ ނުފޫޒުތަކެއްގެ ތެރެއިންނެވެ. ހުކުމް ގަބޫލު ކުރަން އެ އާއިލާ އިން ދެކޮޅު ހަދާ ސަބަބަކީ އެއީ އެވެ.
އަނަސްގެ މަރަށް އިންސާފު ހޯދަން ގޮވާލައި ބޭއްވި އެއްވުމެއްގެ ތެރެއިން - ފޮޓޯ: ނާޝިތު ޕޮޓޯސް
ޝިޔާމް ބުނި ގޮތުގައި އެ އާއިލާ އިން މިހާރު ވަނީ ކްރިމިނަލް ކޯޓުގެ ހުކުމް ހައި ކޯޓުގައި އިސްތިއުނާފުކޮށްދިނުމަށް އެދި ޕީޖީ އޮފީހުގައި ދަންނަވައިފަ އެވެ. އެ އޮފީހުން ބުނީ ޝަރީއަތް ނިންމި ގޮތުގެ ރިޕޯޓް އަދި ނުލިބޭ ކަމަށާއި ނަމަވެސް، މައްސަލަ އިސްތިއުނާފު ކުރަން ވިސްނަމުންދާ ކަމަށެވެ.
އާއިލާ އަށް މިހާރު އޮތް އުއްމީދަކީ ހައި ކޯޓެވެ.
"އަޅުގަނޑުމެން ގަބޫލު ކުރަނީ ދަށު ކޯޓުން ނުބައި ނިޔަތެއްގައި ކޮށްފައި އޮތް ހުކުމެއް ކަމަށް. އުއްމީދު ކުރަނީ އިސްތިއުނާފުކޮށްގެން ހައި ކޯޓުން ކުށް ސާބިތުވެގެންދާނެ ކަމަށް،" ޝިޔާމް ބުންޏެވެ.
އަނަސް މަރާލިތާ ހަތް އަހަރު ފަހުން ކޯޓުން އިއްޔެ އިއްވި ހުކުމްގައި ބުނީ މައްސަލައިގައި ދައުލަތުން ހުށަހަޅާފައިވާ ހެއްކާއި ގަރީނާތަކަށް ރިއާޔަތްކޮށް، އެ ހަތް މީހުން ކުށުގައި ބައިވެރިވާ ކަމަށް އެކަށީގެންވާ ޝައްކެތް ނެތް މިންވަރަށް ސާބިތުވާ ކަމަށް ކަނޑައެޅެން ނެތް ކަމަށެވެ.
މައްސަލާގައި ހުށަހަޅާފައިވާ ސީސީޓީވީ ފުޓޭޖްތަކާއި ފުލުހުންގެ އިންޓެލިޖެންސް ރިޕޯޓުން ވެސް ކުށް ސާބިތު ކުރެވޭ ވަރަށް ހެކި ލިބިފައި ނުވާ ކަމަށް ކޯޓުގެ ގާޒީ އަލީ ނަދީމް އިއްވެވި ހުކުމްގައި ވެ އެވެ. ފުޓޭޖްތަކުގެ ޗެއިން އޮފް ކަސްޓަޑީ ފުރިހަމަ ނުވާ ކަމަށް ވެސް ހުކުމްގައި ބުންޏެވެ.
ހުށަހަޅާފައިވާ ފޮޓޯތަކާއި ވީޑިއޯތަކުން ފެންނަނީ ދައުވާ ލިބޭ ހަތް މީހުން ކަށަވަރު ކުރަން އިތުރު އެހެން އެއްވެސް ހެއްކެއް، ބާރު ދޭނެ ހެއްކެއް ވެސް ނެތް ކަމަށް ފާހަގަކޮށްފައި ވެ އެވެ.
ހެކިންނާއި ސިއްރު ހެކިވެރިންނާއި ހަބީރުންގެ ހެކިބަހުން ވެސް ކުށުގެ އަމަލު ހިންގާފައިވަނީ އެ ހަތް މީހުން ކަން ޝަރީއަތަށް ސާބިތުނުވާ ކަމަށް ހުކުމްގައިވެ އެވެ.
ހުކުމުގައި ބުނީ، ހެކީގެ ގޮތުގައި ހުށަހަޅާފައިވާ ކޯލް ރެކޯޑާއި ތަހުގީގީ ރިޕޯޓާއި އިންޓެލިޖެންސް ރިޕޯޓަށް ބުރަދަނެއް ދެވެން ނެތް ކަމަށެވެ. އެއީ އެ ރިޕޯޓްތަކަކީ ކުށް ސާބިތު ކުރަން ރިއާޔަތް ކުރެވޭނެ އެއްޗަކަށް ނުވުމާއި ކޯލް ރެކޯޑަކީ ފުލުހުން އަމިއްލަ އަށް ތައްޔާރު ކޮށްފައިވާ އެއްޗެއްކަށް ވާތީ، އެއީ ހެއްކެއް ކަމަށް ބަލައިގަނެވެން ނެތުމުން ކަމަށް ހުކުމްގައި ބުންޏެވެ.
ނަމަވެސް، އާއިލާ އިން ގަބޫލު ކުރާ ގޮތުގައި ފުލުހުންނާއި މަރު ކޮމިޝަނުންނާއި ޕީޖީ އޮފީހުން އެ އާއިލާއާ ވެސް ހިއްސާކުރި ހެކިތަކުން ވެސް އެ މީހުންގެ މައްޗަށް ކުށް ސާބިތު ކުރެވޭނެ އެވެ.
"ހަމަލާދިން އިރު މޫނު ނިވާކޮށްގެން ތިބި ކަމަށްވިޔަސް، އެބަހުރި މޫނު ނިވާނުކޮށް ތިބި ފުޓޭޖްތައް ވެސް. އެހެންވެ އުއްމީދު ކުރެވޭ ހައި ކޯޓުން ރަނގަޅު އިންސާފެއް ލިބޭނެ ކަމަށް" ޝިޔާމް ބުންޏެވެ.
ހަމަ މި ހެކިތަކުގެ މައްޗަށް ބިނާކޮށް އަނަސްގެ މަރާ ގުޅިގެން ދައުވާ އުފުލި ކުޑަ ކުއްޖާގެ މައްޗަށް ދައުވާ ސާބިތު ނުވާ ކަމަށް ޖުވެނައިލް ކޯޓުން ނިންމި އެވެ. އެކަމަކު، އެ ހުކުމް އަނބުރާލައި، ހައި ކޯޓުން ވަނީ އެ ކުއްޖާގެ މައްޗަށް ކުށް ސާބިތުވާ ކަމާއި އެވަރުގެ ހެކި ހުރި ކަމަށެވެ. ކުއްޖާގެ މައްޗަށް އިއްވީ 18 އަހަރުގެ ޖަލު ހުކުމެކެވެ.
ނަމަވެސް، މިދިޔަ އަހަރު އޮތް ރިޔާސީ އިންތިހާބާ ދިމާކޮށް އެ ކުއްޖާގެ އަދަބު ވަނީ ރައީސުލްޖުމްހޫރިއްޔާ ލުއިކޮށްދެއްވައިފަ އެވެ.
"އަޅުގަނޑުމެން އާއިލާ އިން އާދޭސްއާ އެކު ދަންނަވާނީ މާފުދީ އަދަބު ލުއިކޮށް ނުދޭށޭ. ކޯޓުން ކުރާ ހުކުމް ތަންފީޒުވާން އަޅުގަނޑުމެން ބޭނުންވޭ،" ޝިޔާމް ބުންޏެވެ.
"އަނަސްގެ މަރަށް މަރު އާއިލާ އިން ބޭނުންވަނީ."
އަނަސްގެ މަރަށް ދެން އިންސާފު ލިބިދާނެ ކަމުގެ އުއްމީދެއް އޭނާގެ ބައްޕަ އަށް ނެތެސް، ދަރިފުޅުގެ ހައްގުގައި އެންމެ އިންޗިއެއް ވެސް ފަހަތަށް ނުޖެހޭނެ ކަމާއި އެއްވެސް ބިރަކަށް ނުސިހޭނެ ކަމުގެ ޔަގީންކަން އޭނާ އަށް އެބަ އޮތެވެ.
"މިކަމަށްޓަކައި ވަކާލާތުކޮށް ހަމަ ދާންވީ ހިސާބަކަށް ގޮސް، ބަދަލު ކުރަން ޖެހުނު ކޮންމެ މީހަކާ ވެސް ކަނޑު ފަތާފައި ވެސް ބައްދަލު ކުރެވޭތޯ ބަލާނަން. އުއްމީދެއް ނެތަސް ބައްޕަގެ ހައިސިއްޔަތުން ކުރަން ޖެހުނު ކޮންމެ ކަމެއް ކުރާނަން،" ރާފިއު ބުންޏެވެ.
ލަމްހާ ގޭބަންދަށް ބަދަލުކުރީ ގޯސްކޮށް: ހައި ކޯޓް
ނަޒާހާގެ މައްސަލާގެ ހުކުމް މިމަހު އިއްވަނީ
ލަމްހާ ދޫކޮށްލި މައްސަލަ ހައިކޯޓުގައި އިސްތިއުނާފުކޮށްފި
އަނަސްގެ މަރު: ހައި ކޯޓުން ޝަރީއަތް ފަށައިފި
އަނަސްގެ މަރުގެ މައްސަލަ އިސްތިއުނާފުކޮށްފި
މަރުގެ މައްސަލައެއްގައި ބޮޑު ހުކުމެއް ދަމަހައްޓައިފި
ފުލުހަށް ނާންގާ ކޯޓަށްދާތީ ލަމްހާ ބަންދުކުރަން އެދެފި
ސާހިލްގެ ތަހުގީގު ބަޔާން ބަލައިގަތުމަށް ނިންމައިފި
ޔާމީންގެ މައްސަލައިގެ އަޑުއެހުމެއް ހޯމަ ދުވަހު
ޖިހާދުގެ މައްސަލަ ބޭރުކޮށްލީ ގޯސްކޮށް: ހައިކޯޓް