Roadha Mihaaru
ބުރުގާއެޅި ފުރަތަމަ ސުޕަމޮޑެލް އެކަން ހުއްޓާލީ ކީއްވެ؟

ބުރުގާ އެޅި ފުރަތަމަ ސުޕަމޮޑެލް ހަލީމާ، ފެޝަން އިންޑަސްޓްރީ ދޫކޮށްލީ ކީއްވެ؟

14 ޖެނުއަރީ 2021

ބުރުގާ އެޅި ފުރަތަމަ ސުޕަމޮޑެލް، ހަލީމާ އާދަމް، މިދިއަ ނޮވެމްބަރު މަހު ފެޝަން އިންޑަސްޓްރީ ސިއްސުވާލީ، މޮޑެލްކުރުމުގެ މަސައްކަތުން ދުރުވެއްޖެކަން އިއުލާންކޮށްފަ އެވެ. އޭނާގެ ސަބަބަކީ، މޮޑެލެއްގެ ގޮތުގައި އޭނާ ކުރަން ޖެހޭ މަސައްކަތް އިސްލާމް ދީނުގެ ބައެއް އުސޫލުތަކާ ހިލާފުވުމެވެ.

ބުރުގާ އެޅި ފުރަތަމަ ސުޕަމޮޑެލް، ހަލީމާ އާދަމް، މިދިއަ ނޮވެމްބަރު މަހު ފެޝަން އިންޑަސްޓްރީ ސިއްސުވާލީ، މޮޑެލްކުރުމުގެ މަސައްކަތުން ދުރުވެއްޖެކަން އިއުލާންކޮށްފަ އެވެ. އޭނާގެ ސަބަބަކީ، މޮޑެލެއްގެ ގޮތުގައި އޭނާ ކުރަން ޖެހޭ މަސައްކަތް އިސްލާމް ދީނުގެ ބައެއް އުސޫލުތަކާ ހިލާފުވުމެވެ.

ސޯމާާލިޔާއަށް ނިސްބަތް ވިޔަސް ކެންޔާއަށް އުފަން އެކަމަކު އެންމެ ހަތް އަހަރުގައި އެމެރިކާއަށް ހިޖުރަކޮށް އެ ގައުމުގެ ރައްޔިތަކަށް ވެފައިވާ ރީތި ހަލީމާ ހަމައެކަަނި ފެޝަން އިންޑަސްޓްރީ ދޫކޮށްލީއެއް ނޫނެވެ. ކުޑަކުދިންގެ ހައްގުތަކާއި ރައްކާތެރިކަމާއި ހިމާޔަތުގައި މަސައްކަތްކުރާ އދ.ގެ ޔުނިސެފްގެ އަމަލުތަކާ މެދު ހިތްހަމަނުޖެހި، އެ ޖަމާއަތުގެ އެމްބެސެޑަރުކަމުން ވެސް ވަނީ ވަކިވެފަ އެވެ.

ކުޑައިރު މަންމައާ އެކު ކެންޔާގެ ރެފިއުޖީ ކޭމްޕް، ކަކޫމާގައި ދިރިއުޅެމުން އައިސް ބާއްޖަވެރި ހަޔާތެއް ހޯދަން އެމެރިކާއަށް ހިޖުރަކުރި ހަލީމާގެ ވާހަކަތަކުން އޭނާ އަކީ ކޮން ކަހަލަ ޝަހުސިއްޔަތެއްކަން އެނގެ އެވެ. އެމެރިކާގެ މިނެސޯޓާގައި ވަޒަންވެރިވެ، ސްކޫލް ދައުރުގައި، ފެޝަން ޝޯތަކަށް އެރި ގޮތަށް އޭނާ ވަނީ އެ ދާއިރާއިން ވަރަށް ބޮޑު މަޝްހޫރުކަމެއް ހޯދައިފަ އެވެ. ބޮޑެތި ހުރިހާ މަޖައްލާތަކެއްގައި އޭނާގެ ރީތި ފޮޓޯތައް ޖެހި އެވެ. ކޮންމެ ދުވަހަކު އެތައް ގަޑިއިރެއް ހޭދަކުރީ ފޮޓޯ ޝޫޓްތަކަށް ތައްޔާރުވުމާއި، އެކި ހަރަކާތްތަކުގައި ބައިވެރިވާން ކުރަންޖެހޭ ދަތުރުތަކުގަ އެވެ.

އެކަމަކު ފުރަތަމަ ދުވަހުން ފެށިގެން ވެސް އަދި އޭނާގެ ކޮންޓްރެކްޓްގައި ކަނޑައެޅިގެން ބުނެފައިވާ ބުރުގާއާ ބެހިގެން ނުވާނެކަމުގެ އުސޫލުތައް މުގުރެން ފެށުމުން، ހަލީމާ، 23، އަށް އެ އިންޑަސްޓްރީގައި އުޅެން ކެތެއް ނުވި އެވެ.

އެމެރިކާގެ މުސްލިމް ސުޕަމޮޑެލް ހަލީމާ އޭނާގެ ސްކޫލް ދައުރުގެ ޝޯއެއްގައި: ހަލީމާ އަކީ ބުރުގާ އެޅި ފުރަތަމަ ސުޕަމޮޑެލް

އެމެރިކާގެ މުސްލިމް ސުޕަމޮޑެލް ހަލީމާ އޭނާގެ ސްކޫލް ދައުރުގެ ޝޯއެއްގައި: ހަލީމާ އަކީ ބުރުގާ އެޅި ފުރަތަމަ ސުޕަމޮޑެލް

ދުނިޔޭގެ އެންމެ ބޮޑު އެއް މޮޑެލިން ކުންފުނި އައިއެމްޖީގެ ކޮންޓްރެކްޓްގައި 2017 ގައި ސޮއިކުރި އިރު އެއް ޝަރުތަކީ އޭނާގެ އެއްވެސް ހަރަކާތެއްގައި ބުރުގާ ބޭލުމާ މެދު ވާހަކަ ނުދެއްކުމެވެ. އެހެންކަމުން ހަލީމާ ބައިވެރިވާ ކޮންމެ ހަރަކާތެއްގައި، އޭނާ ލާ ކޮންމެ ހެދުމަކާ އެކު، ބުރުގާ އަޅަ އެވެ.

"މޮޑެލް ކުރުމުގެ ކޮންޓްރެކްޓެއް ހޯދަން މަރުދަންޖެހޭ އަންހެން ކުދިން އެބަ އުޅޭ،" ހަލީމާ ބުންޏެވެ.

"އެކަމަކު އެ ޝަރުތާ ގަބޫލުނުވި ނަމަ އަހަރެން ހަމަ ތައްޔާރަށް ހުރީ އެކަމާ ދުރަށް ދާން."

އެކަމަކު މަސައްކަތަށް ނުކުމެ ވަކި ހިސާބަކުން އޭނާގެ ކޮންޓްރޯލްގެ ދަށުން ބައެއް ކަންކަން ނެއްޓެން ފެށި އެވެ. އަދި ބުރާގެ ބަދަލުގައި ހަމައެކަނި އިސްތަށިގަނޑު ނިވާކޮށްލަން ޖެހޭ ވަރަށް، އޭނާގެ އަތުން ބާރު ދޫވި އެވެ.

"އަހަންނަށް ވެސް އޮޅުންއެރި، އެހެންވެ ބުރުގާ ސްޓައިލްކުރުމުގެ ބައި ވެސް އެހެން މީހުންނަށް ދޫކޮށްލެވުނީ،" ހަލީމާ ބުންޏެވެ.

މޮޑެލް ކުރުމުގެ އެންމެ ފަހު އަހަރު އެކަން އޭނާއަށް ސާފުވާ ވަަރަށް ފެނުނެވެ. ބުރުގާ ކުޑަވަމުން ގޮސް، އޭނާގެ ކަރާއި މޭމަތި ފެންނަ ވަރަށް ވެސް ބައެއް ޝޫޓްތަކުގައި ހެދުން އެޅި އެވެ. ބައެއް ފަހަރަށް ބުރުގާގެ ބަދަލުގައި، ޖިންސް، ނުވަތަ އެނޫން ވެސް ފޮތިގަނޑަކުން އިސްތަށިގަނޑު ނިވާކޮށްލާފައި ހުރެ އެވެ.

ހަލީމާގެ ކޮންޓްރެކްޓްގައި އޭނާ ޝަރުތުކުރި އަނެއް ކަމަކީ ޝޫޓަކަށް ނުވަތަ ޝޯއަކަށް ހެދުން ލާއިރު، އޭނާއަށް ވަކި ތަނެއް ދިނުމެވެ. އެކަމަކު ފަހުން އޭނާއަށް އެނގުނީ، ބުރުގާ އަޅާ އެހެން މޮޑެލުންނަށް އެ ފުރުސަތު ނުލިބޭ ކަމެވެ. އެއީ އޭނާ ދުށް ގޮތުގައި، އޭނާއަށް ކުރާ އިހުތިރާމް މުސްލިމް އެހެން މޮޑެލުންނަށް ނުކުރުމެވެ.

އެމެރިކާގެ މުސްލިމް ސުޕަމޮޑެލް ހަލީމާ ޝޯއެއްގައި: އޭނާ ބުނީ ހިތްހަމަޖެހުމެއް ނެތް ކަމަށް

އެމެރިކާގެ މުސްލިމް ސުޕަމޮޑެލް ހަލީމާ ޝޯއެއްގައި: އޭނާ ބުނީ ހިތްހަމަޖެހުމެއް ނެތް ކަމަށް

"އަހަންނަށް އިހުސާސްކުރެވުނީ އެ އަންހެން ކުދިން ހިނގަމުން އެ އަންނަނީ އަހަރެން ދެއްކި މަގުންނޭ، އަދި އަހަންނަށް ދޮރު ހުޅުވާ މި ލެވުނީ ސިންގާއެއްގެ އަނގަ ތެރެއަށޭ،" ހަލީމާ ބުންޏެވެ.

އޭނާ ވަނީ މުސްލިމް އެހެން މޮޑެލުންގެ ހިމާޔަތުގައި މަސައްކަތްކޮށްފަ އެވެ. މޮޑެލުންގެ ޕާޓީތަކުގައި ބައިވެރިވާ ޒުވާން މުސްލިމް އަންހެން ކުދިންގެ ފަހަތުން ފިރިހެނުން އުޅޭތަން ފެނުމުން، އެ ކުދިން ދުރަށް ގެންދެ އެވެ. އަދި ބައްދަލުކޮށް އުޅެނީ ކޮން ބަޔަކާތޯ ސުވާލުކޮށް، އޮޅުން ވެސް ފިލުވަ އެވެ.

އެހެން މީހުންނަށް އަޅާލުމުގެ ސިފައަކީ ހަލީމާގެ ސޯމާލިއާގެ ގުޅުންތަކުގެ ބައެކެވެ. އޭނާ އުފަންވެ އަދި ކުޑައިރު އުޅުނު ކެންޔާގެ ކަކޫމާ ރެފިއުޖީ ކޭމްޕްގައި އޭނާގެ މަންމަ ދަސްކޮށްދިނީ އެ ރީތި ސިފަތަކެވެ. ބުރަކޮށް މަސައްކަތްކޮށް އެހެން މީހުންނަށް އަޅާލުމަކީ ދިރިއުޅުމުގެ އެންމެ މުހިންމު ބައިތައް ކަމަށް، މަންމަ ކިޔައިދިނެވެ. މޮނެސޯޓާއަށް ހިޖުރަކޮށް، އެމެރިކާގައި އުޅެމުން އަންނަ ސޯމާލިޔާގެ އެންމެ ބޮޑު އާބާދީގެ މެމްބަރަކަށް ވިޔަސް، އެ ސިފަތައް އޭނާ އާއި އާއިލާއިން ދަމަހައްޓަ އެވެ.

ހައި ސްކޫލުން ފެށިގެން ހަލީމާއަކީ ރީތީގެ ރާނީއެކެވެ. އޭނާގެ މިސްރާބު ހުރީ ފެޝަންގެ ދުނިޔެއަށެވެ. އެކަމަކު އެއީ އޭނާއަކީ އަސްލު ކާކުކަން ނިސްބަވްތާ ތިން ޝަރުތު - ކަޅު، މުސްލިމް އަދި ރެފިއުޖީ - އާ ވެސް، ހިލާފު ދާއިރާއެއް ކަމަށް މަންމަ ގަބޫލުކުރި އެވެ.

ހަލީމާގެ ކިބާގައި ހުރި އިންސާނީ އެހީތެރިކަމުގެ ގުޅުމަކީ، މޮޑެލެއްގެ ގޮތުގައި އޭނާ ކުރިއަށް ދިޔަސް މަންމައަށް ލިބުނު ހިތްވަރެކެވެ. އެއީ އޭނާގެ މަޝްހޫރުކަމާއި ނުފޫޒުގެ ތެރެއިން އެހެން މީހުންނަށް އެހީތެރިވެވޭނެ ފުރުސަތު ތަނަވަސްވާނެތީ އެވެ.

އެކަން ހަލީމާ ކުރި އެވެ. އައިއެމްޖީއާ އެކު އޮތް އޭނާގެ ފުރަތަމަ ބައްދަލުވުމުގައި ވެސް އެދުނީ "އަހަރެން ޔުނިސެފަށް ގެންގޮސްދޭށޭ" އެވެ. ޔުނިސެފްގެ އެމްބެސެޑަރަކަށް 2018 ގައި ހަލީމާ ވި އެވެ. ރެފިއުޖީ ކޭމްޕެއްގައި އުޅެފައި ވާތީ އޭނާގެ މަސައްކަތް ހާއްސަކުރީ ކުޑަކުދިންގެ ހައްގުތަކަށެވެ.

އެހެން ކުދިންނަށް ހަލީމާ ވިސްނައިދޭން އުޅުނީ ރެފިއުޖީ ކޭމްޕުން އޭނާއަށް ނުކުމެވުނު ގޮތަށް އެހެން ކުދިންނަށް ވެސް އެ ފުރުސަތު އޮންނާނެ ކަމަށް ބުނެ އެވެ. ނަމަވެސް ޔުނިސެފްގެ ކަންކަން ހުރީ އޭނާ އުއްމީދުކުރި ހިސާބަކު ނޫނެވެ.

ކަކޫމާއަށް ޒިޔާރަތްކޮށް، ހަލީމާ އެ ކުދިންނާ ސުވާލުކުރި އެވެ: އެތަނަށް އަންނަ މީހުންގެ ކުރިމަތީގައި އަދިވެސް ނަށާ ލަވަކިޔަން ހެއްޔެވެ؟ އެކުދިންގެ ޖަވާބަކީ "އާއެނކޭ" އެވެ. ނަމަވެސް އެކުދިން ބުނީ "މިފަހަރު އެކަން ކުރީ ޒިޔާރަތްކުރި އެހެން މީހުންނަށް ނޫން" ކަމަށާއި ހަލީމާއަށް ހާއްސަކޮށްގެން ކަމަށެވެ.

އޭނާ ހިތްހަމައެއް ނުޖެހުނެވެ. އޭނާ ގަބޫލުކުރީ އުމުރުން ހަތް އަހަރު ވަންދެން ކަކޫމާ ރެފިއުޖީ ކޭމްޕްގައި އޭނާ އުޅުނު އިރު ވެސް ޔުނިސެފުން ގެންގުޅުނު އުސޫލުތައް އަދިވެސް ހަމަ އެގޮތުގައި ކުރިއަށް ދާ ކަމެވެ. މަޝްހޫރު މީހުން ކޭމްޕަށް ޒިޔާރަތްކުރުމުން ނަށާ ލަވަކީ ދުވަސްތަކުގެ ހަނދާންތައް އޭނާގެ ހަނދާނަކުން ނުފޮހެވެ އެވެ.

އޭނާ ގަބޫލުކުރާ ގޮތުގައި ޔުނިސެފުން ބޮޑަށް ސަމާލުކަން ދެނީ ބްރޭންޑެއްގެ ގޮތުގައި އެ ޖަމާއަތުގެ ނަން ދަމަހައްޓާށެވެ. ކުޑަކުދިންގެ އުނގެނުމަށް ދޭންޖެހޭ ވަރުގެ ސަމާލުކަމެއް ނުދެ އެވެ. އޭގެ މިސާލު އޭނާގެ އަމިއްލަ ހަޔާތުން ވެސް ނެގެން އެބަ އޮތެވެ.

"އަހަރެންގެ ނަމުގެ އަކުރުތައް އެނގުމުގެ ކުރިން ޔުނިސެފްގެ އަކުރުތައް ދަސްވި،" ހަލީމާ ބުންޏެވެ.

"އެކަމަކު އަހަންނަށް ފުރަތަމަ ފަހަރަށް ފޮތެއް، ފަންސުރެއް އަދި ދަބަހެއް ލިބުނީ މޮނެސޯޓާ އިން. ޔުނިސެފަކުންނެއް ނޫން."

މިދިއަަ ނޮވެމްބަރު މަހު، ދުނިޔޭގެ ކުޑަކުދިންގެ ދުވަހާ ގުޅިގެން ކަކޫމާ ކޭމްޕްގެ ކުޑަކުދިންނާ ވީޑިއޯ ކޯލަކުން އޭނާ ގުޅި އެވެ. އެއީ ޔުނިސެފާ އެކު އޭނާގެ އެންމެ ފަހު މަސައްކަތެވެ. ބޮޑު ބަލިމަޑުކަމެއްގެ ދުވަސްވަރު، ފިނި މޫސުމުގައި އެ ކުދިން އުޅޭ ގޮތް ބަލާކަށް އޭނާއަށް ކުޅަދާނައެއް ނުވި އެވެ.

"އަަހަރެންގެ ހިތްވަރުގަދަކަމާއި އުއްމީދުގެ ރީތި ވާހަކަ" ބޭނުންކުރުމުގެ ފުރުސަތު، ހިލޭސާބަހަށް މަސައްކަތްކުރާ ޖަމާއަތްތަކުގެ ދުނިޔެއާ އެކު ހިއްސާކުރުން، ހަލީމާ ނިންމާލި އެވެ.

އެމެރިކާގެ މުސްލިމް ސުޕަމޮޑެލް ހަލީމާ (ކ) އޭނާގެ މަންމަ އާއި ކޮއްކޮ ފަދުމޯ (ވ) އަދި ދެބެންދެދަރި އަންހެނެއް ކަމަށްވާ ރަހުމާ: މިހާރު އަަނެއްކާވެސް ގިނަ ވަގުތު ހޭދަކުރަނި އާއިލާއާ އެކު

އެމެރިކާގެ މުސްލިމް ސުޕަމޮޑެލް ހަލީމާ (ކ) އޭނާގެ މަންމަ އާއި ކޮއްކޮ ފަދުމޯ (ވ) އަދި ދެބެންދެދަރި އަންހެނެއް ކަމަށްވާ ރަހުމާ: މިހާރު އަަނެއްކާވެސް ގިނަ ވަގުތު ހޭދަކުރަނި އާއިލާއާ އެކު

މަޝްހޫރު ސުޕަމޮޑެލެއްގެ މަސައްކަތުން ދުރުވެ، މިހާރު ހަލީމާ ގިނަ ވަގުތު ހޭދަކުރަނީ މަންމަ އާއި އާއިލާއާ އެކުގަ އެވެ. މޮޑެލްކުރި އިރު އޭނާގެ ބިޒީ ދުވަސްތަކާ ހެދި ރޯދަ މަހާއި އީދު ދުވަސްތަކުގައި ވެސް އާއިލާއާ އެކު މަޑެއް ނުކުރެވެ އެވެ.

ބުރުގާ ބޭނުންކުރުމުގައި އޭނާގެ ބާރު މަޑުމަޑުން ދޫވަމުން ދިޔަ ގޮތަށް، ހަލީމާގެ އަނެއް ކަންބޮޑުވުމަކީ އޭނާގެ ފޮޓޯތަކަށް ގެންނަ ބަދަލުތަކެވެ. ފޮޓޯއިން އޭނާއަކީ ކާކުކަން ނޭނގޭ ވަރު ވެސް ކޮށްލަ އެވެ. އަދި އެއްފަހަރަކު މަޖައްލާއެއްގައި އޭނާގެ ފޮޓޯއާ ޖެހިގެން ބަރަހަނާ ފިރިހެނެއްގެ ފޮޓޯ ޖެހުމުން ވެސް، ވަރަށް ހިތްހަމަނުޖެހުނެވެ.

"ފެންނަ ފެނުމުގައި މި ކެރިއަރުގައި އަހަރެން ހުރީ އެންމެ މަތީގައި. އެކަމަކު އަހަންނަކަށް އުފަލެއް ނުލިބޭ،" ހަލީމާ ބުންޏެވެ.

ކޮވިޑް ބަލިމަޑުކަމަކީ އޭނާއަށް ވެސް ފުރުސަތެކެވެ. މިދިއަ އަހަރު އެކުގައި ކަހަލަ ގޮތަކަށް ދިޔައީ މޮޑެލް ކުރުމުގެ ހަރަކާތެއް ނެތި އެވެ. އާއިލާއާ އެކު އަލުން އުޅެން ފެށުމުން، ކަންކަމާ މެދު އިތުރަށް ވިސްނަން ވަގުތު ލިބުނެވެ. އަދި މޮޑެލްކުރުމުގެ މަސައްކަތުން ދުރަށް ދާން ނޮވެމްބަރު މަހު ނިންމި އެވެ.

"މި ވަގުތު ބޭނުންވަނީ ރަނގަޅު ޗުއްޓީއެއް،" ހަލީމާ ބުންޏެވެ.