13 ފެބުރުއަރީ 2022
އިންޑިއާގެ ކޮލެޖްތަކާއި މަތީ ސާނަވީ ސްކޫލްތަކުގައި ކިޔަވާ މުސްލިމް އަންހެން ދަރިވަރުންގެ ތެރެއިން ބުރުގާ އަޅައިގެން ތިބޭ ދަރިވަރުން އެ ތަންތަނަށް ވަނުން މަނާކުރުމާ ގުޅިގެން އެމެރިކާ އިން އެ ކަމަށް ފާޑު ކިޔުމުން އިންޑިއާ އިން ހިތްހަމަނުޖެހުން ފާޅުކޮށްފި އެވެ.
އިންޑިއާގެ ކޮލެޖްތަކާއި މަތީ ސާނަވީ ސްކޫލްތަކުގައި ކިޔަވާ މުސްލިމް އަންހެން ދަރިވަރުންގެ ތެރެއިން ބުރުގާ އަޅައިގެން ތިބޭ ދަރިވަރުން އެ ތަންތަނަށް ވަނުން މަނާކުރުމާ ގުޅިގެން އެމެރިކާ އިން އެ ކަމަށް ފާޑު ކިޔުމުން އިންޑިއާ އިން ހިތްހަމަނުޖެހުން ފާޅުކޮށްފި އެވެ.
އިންޓިއާގެ ކަރްނާޓަކާ ސްޓޭޓްގެ ސަރަހައްދީ ސަރުކާރުން ނިންމާފައި ވަނީ، ކޮލެޖްތަކާއި ސްކޫލްތަކުގެ މުސްލިމް އަންހެން ދަރިވަރުން، ޔުނިފޯމްގައި ނުހިމެނޭ ބުރުގާ އަޅައިގެން ހާޒިރުވާ ނަމަ ކްލާސްތަކަށް ނުވެއްދުމަށެވެ. މިއީ ދީނީ މިނިވަންކަމުގެ ހައްގެއް ނިގުޅައިގަތުން ކަމަށް ބުނެ، އެމެރިކާގެ އެމްބެސެޑަ އެޓް ލާޖް ފޯ އިންޓަނޭޝަނަލް ރިލިޖަސް ފްރީޑަމްގެ މަގާމުގައި ހުންނެވި ރަޝާދު ހުސައިން ވަނީ ފާޑުވިދާޅުވެފަ އެވެ.
އޭނާގެ ވާހަކަތަކަށް ރައްދު ދެމުން އިންޑިއާ އިން އިއްޔެ ބުނީ، އިންޑިއާގެ ދާހިލީ މައްސަލަތައް އިތުރަށް ކެކިގެންދާ ފަދަ ބަހުރުވައިން ވާހަކަ ދެއްކުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.
އެމެރިކާގެ އެމްބެސެޑަރު ވިދާޅުވި ގޮތުގައި އެމީހަކު ގަބޫލުކުރާ ދީނެއްގެ ހަމަތަކާ އެއްގޮތަށް ހެދުން އެޅުމަކީ ވެސް ދީނީ މިނިވަންކަމުގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށެވެ. އަދި އެކަމަށް ހުރަސް އަޅައިގެން ނުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އޭނާގެ ވާހަކަތައް ކުށްވެރިކުރައްވައި އިންޑިއާގެ އެކްސްޓާނަލް އެފެއާޒްގެ އޮފިޝަލް ތަރުޖަމާނު އަރިންދަމް ބަގްޗީ ވިދާޅުވީ ކިޔަވައިދޭ ތަންތަނުގެ ދަރިވަރުން ހެދުން އެޅުމާ ގުޅޭ ގޮތުން އުފެދިފައިވާ މައްސަލަ މިހާރު އޮތީ ކަރްނާޓަކާ ސްޓޭޓްގެ ހައި ކޯޓުން ގޮތެއް ނިންމުމުގެ މަރުހަލާގައި ކަމަށެވެ. އިންޑިއާގެ ދުސްތޫރީ އޮނިގަނޑާއި ޝަރުއީ މަރުހަލާގެ ކަންކަން އިންތިޒާމު ކުރެވިފައި ހުރީ، ގައުމުގައި އުފެދޭ މިފަދަ މައްސަލަތައް ހައްލުކުރެވޭ ފަދަ ގާބިލުކަމާ އެކުގައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ބުރުގާ އަޅައިގެން ސްކޫލްތަކަށް ހާޒިރުވުން މަނާކުރުމަކީ، ދީނީ މިނިވަންކަމާ ޚިލާފު އަމަލެއް. އަދި އެއީ އަންހެނުން މުޖްތަމައުން ހަވާސާކޮށް ފުރައްސާރަ ކުރުމުގެ އަމަލެއް. އެ މީހަކު ގަބޫލުކުރާ ދީނެއްގެ ހަމަތަކަށް ފެތޭ ހެދުމެއް އެޅުމަކީ، ދީނީ މިނިވަންކަމުގެ ތެރޭގައި ހިމެނޭ ކަމެއް. ދީނީ ގޮތުން އަޅަންޖެހޭ ހެދުމެއް އެޅުމުގެ މިނިވަންކަން، އިންޑިއާގެ ކަރްނާޓަކާ ސްޓޭޓުން ހަނިކޮށް ހިފަހައްޓައިގެން ނުވާނެ،" އެމެރިކާގެ އެމްބެސެޑަ އެޓް ލާޖް ފޯ އިންޓަނޭޝަނަލް ރިލިޖަސް ފްރީޑަމް ރަޝާދު ހުސައިން ވިދާޅުވި އެވެ.
ކަރްނާޓަކާ ސްޓޭޓްގެ ސްކޫލްތަކާއި ކޮލެޖްތަކުގައި ކިޔަވާ އަންހެން ދަރިވަރުން ބުރުގާ އަޅައިގެން ކިޔަވަން ހާޒިރުވުން މަނާކުރި މައްސަލަ، އޭގެ ތެރެއިން ބައެއް އަންހެން ކުދިންގެ ފަރާތުން އެ ސްޓޭޓްގެ ހައި ކޯޓަށް ހުށަހެޅީ މިދިޔަ މަހުގެ ތެރޭގަ އެވެ. އެންމެ ފަނޑިޔާރަކު އެ މައްސަލަ ބައްލަވަން ފެއްޓެވުމަށް ފަހު، މިހާރު އެ މައްސަލަ ވަނީ އެ ކޯޓުގެ އިސް ފަނޑިޔާރަށް ބަދަލުކޮށް، ހަތަރު ފަނޑިޔާރުންގެ ބެންޗަކުން ބެލުމަށް ނިންމައި އަޑުއެހުންތައް ވެސް ފަށައިފަ އެވެ.
ކަރްނާޓަކާ ސްޓޭޓްގެ ސަރަހައްދީ ސަރުކާރުގެ މި ނިންމުމަށް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދަނީ ފާޑުކިޔުންތައް އިތުރުވަމުންނެވެ. އެ ގޮތުން އަންހެނުންގެ ހައްގުތަކަށް ވަކާލާތު ކުރައްވާ ޕާކިސްތާނުގެ ޒުވާން ހަރަކާތްތެރިޔާ އަދި ނޯބެލް ސުލްހައިގެ އިނާމު ހާސިލުކުރައްވާފައިވާ މަލާލާ ޔޫސުފް ޒާއީ ވިދާޅުވީ، ބުރުގާ އަޅައިގެން ކިޔަވަން ދިއުން މަނާކުރުމަކީ ބިރުވެރި ކަމެއް ކަމަށެވެ.
އެމެރިކާގެ މަޝްހޫރު ބަހަވީ އިލްމުވެރިޔާ އަދި މަދަނީ ހައްގުތަކުގެ ހަރަކާތްތެރިޔާ ޕްރޮފެސަރު ނައޮމީ ޗޮމްސްކީ ވިދާޅުވި ގޮތުގައި، އިސްލާމް ދީނާއި މުސްލިމުންނާ މެދު ނަފްރަތު އުފެއްދުމުގެ އެންމެ ނުރައްކާތެރި ބާވަތުގެ އަމަލުތައް ހިންގަނީ އިންޑިއާގަ އެވެ.
ބުރުގާ މައްސަލައިގައި އިންޑިއާގެ ނުރުހުން އޯއައިސީ އަށް
އިންޑިއާގައި ރޭޕް ގިނަވަނީ ބުރުގާ ނާޅާތީ: ޒަމީރު
ބުރުގާގެ މައްސަލަ ހައި ކޯޓުގެ ބެންޗަކުން ބަލަނީ
މުސްކާންގެ ހިތްވަރަށް މެމްބަރަކު ހަދިޔާކުރީ އައިފޯނެއް
ބުރުގާ އަޅާ އަންހެނުންގެ ދިފާއުގައި ސޯނަމް އާއި ރިޗާ
ބުރުގާ މައްސަލައިގައި ކޮލެޖްތައް ތިން ދުވަހަށް ބަންދު
ހަލީމާ އަލުން މޮޑެލިން އަށް
ޓްރަމްޕުގެ ސިޔާސަތާ ދެކޮޅަށް މުސްލިމެއްގެ ފެޝަން ޝޯއެއް
މީހުން މަރާ އެޖެންޓު އިންޑިއާގެ ވަޒީފާއިން ވަކިކޮށްފި
ދީނީ މައްސަލަތަކުގައި އިންޑިއާއަށް އެމެރިކާގެ ނުރުހުން