Roadha Mihaaru
އުޅަނދުތައް ދުއްވަން އިންޑިއާ ސިވިލިއަނުން ރާއްޖެއަށް!

އިންޑިއާ ސިފައިން ފޭބުމުގެ ތައްޔާރީތައް: އުޅަނދުތައް ދުއްވާ ސިވިލިއަނުން ރާއްޖެ އަތުވެއްޖެ

26 ފެބުރުއަރީ 2024

ރާއްޖޭގެ ތިން ސަރަަހައްދެއްގައި ގާއިމްވެ ތިބި އިންޑިއާގެ ސިފައިން ދެ ގައުމުގެ ސަރުކާރުން އެއްބަސްވި ތާރީހަށް ފޭބުމަށް ފަހު، އިންޑިއާގެ ތިން އުޅަނދު ދުއްވަން ތިބޭނެ އެ ގައުމުގެ ސިވިލިއަނުންގެ ގުރޫޕެއް މިއަދު ރާއްޖެ އަތުވެއްޖެ އެވެ.

އައިޝަތު ނުޒުހާ އައިޝަތު ނުޒުހާ

ރާއްޖޭގެ ތިން ސަރަަހައްދެއްގައި ގާއިމްވެ ތިބި އިންޑިއާގެ ސިފައިން ދެ ގައުމުގެ ސަރުކާރުން އެއްބަސްވި ތާރީހަށް ފޭބުމަށް ފަހު، އިންޑިއާގެ ތިން އުޅަނދު ދުއްވަން ތިބޭނެ އެ ގައުމުގެ ސިވިލިއަނުންގެ ގުރޫޕެއް މިއަދު ރާއްޖެ އަތުވެއްޖެ އެވެ.

އަންނަ މަހުގެ 10 ގެ ނިޔަލަށް އިންޑިއާ ސިފައިން ރާއްޖެ އިން ބޭލުމަށް ފަހު، އިންޑިއާ އިން ހަދިޔާ ކޮށްފައިވާ ދެ ހެލިކޮޕްޓަރާއި ޑޯނިއާ ފްލައިޓް ދުއްވަން އެ ގައުމުގެ ސިވިލިއަނުން ބައިތިއްބަން ދެ ގައުމުން ވަނީ އެއްބަސްވެފަ އެވެ.

އެކަމާ ގުޅޭ ގޮތުން ޑިފެންސް މިނިސްޓްރީން ދެންމެ ނެރުނު ނޫސްބަޔާނެއްގައި ބުނީ، ދެ ގައުމުގެ ދެމެދުގައި ބޭއްވި މަޝްވަރާތަކަށް ފަހު، އައްޑޫ ގަމުގައި އޮންނަ ހެލިކޮޕްޓަރު އޮޕަރޭޓްކުރާ އިންޑިއާގެ ސިވިލިއަނުންގެ ޓީމު މިއަދު ހަވީރު ރާއްޖެ އައިސްފައިވާ ކަމަށާއި މިރޭގެ ވަގުތެއްގައި އައްޑު އަށް ގޮސް އޮޕަރޭޝަންތައް ޓޭކްއޯވާ ކުރާނެ ކަމަށެވެ.

"އަދި ކަނޑައެޅިފައިވާ ތާރީހަށް އައްޑޫގައި ގާއިމުވެ ތިބި އިންޑިއާ ސިފައިން ދިވެހިރާއްޖެ އިން ފައިބާނެ އެވެ،" ޑިފެންސް މިނިސްޓްރީގެ ބަޔާނުގައި ވެ އެވެ.

މި މަރުހަލާގެ ތެރެއިން އައްޑޫގައި އޮތް ހެލިކަޕްޓަރު މަރާމާތަށް އަނބުރާ ގެންދިއުމަށްޓަކައި، ޓެސްޓު ފްލައިޓުތަކެއް މާދަމާ އޮންނާނެ ކަމަށް ވެސް ބަޔާނުގައި ވެ އެވެ. އަދި އެ ހެލިކޮޕްޓަރު ގެންދިއުމަށާއި އޭގެ ބަދަލުގައި ރާއްޖޭގައި ދެން ބޭނުން ކުރާނެ ހެލިކޮޕްޓަރު ހިފައިގެން އަންނަ އިންޑިއާގެ މަނަވަރު އަންނަ ބުދަ ދުވަހު އައްޑު އަށް ދާޏެ ކަމަށް ވެސް ޑިފެންސް މިނިސްޓްރީން ބުންޏެވެ.

"ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅާ އެއްގޮތަށް، ލ. ކައްދޫ އާއި ހދ. ހަނިމާދޫގައި ސްޓޭޝަން ކޮށްފައިވާ 2 ޕްލެޓްފޯމުގައި ތިބި އިންޑިއާ ސިފައިން 10 މެއި 2024 ގެ ކުރިން ފޮނުވާލުމުގެ ކަންކަން އޮމާންކަމާ އެކު ފުރިހަމަކޮށް ނިންމުމަށްޓަކައި ފުރިހަމަ ކުރަންޖެހޭ މަޝްވަރާތަކާއި ކުރަންޖެހޭ ކަންކަން ޑިޕްލޮމެޓިކް ހަމަތަކާއި އުސޫލުތަކުގެ ތެރެއިން ސަރުކާރުން މިދަނީ ކުރަމުންނެވެ،" ޑިފެންސް މިނިސްޓްރީގައި ބަޔާނުގައި ވެ އެވެ.

ރާއްޖޭގައި ގާއިމުގެ ތިބި އިންޑިއާގެ ސިފައިން ފޮނުވާލުމަކީ ރައީސް މުއިއްޒުގެ ރިޔާސީ ވައުދެކެވެ. ވެރިކަމާ ހަވާލުވެވަޑައިގަތުމުގެ ކުރިން އެ މަނިކުފާނު ވަނީ އިންޑިއާ އަށް އެ ހުށަހެޅުއްވުން ހުށަހަޅުއްވައިފަ އެވެ. އަދި މިހާތަނަށް ދެ ގައުމުގެ އިސްބޭފުޅުންގެ މެދުގައި ދެ ބުރެއްގެ މަތިން މަޝްވަރާތައް ބޭއްވި އެވެ.

ރައީސް ވިދާޅުވެފައި އޮތީ އިންޑިއާ ސިފައިން ބާލާނީ ޑިޕްލޮމަސީގެ ހަމަތަކުގެ ތެރެއިން ދެ ސަރުކާރުގެ ދެމެދުގައި މަޝްވަރާތައް ކޮށްގެން ކަމަށެވެ.