Roadha Mihaaru
އިންޑިއާގެ އެހީގައި ކޯސްޓްގާޑަށް ޚާއްސަ ބަނދަރެއް

އިންޑިއާގެ އެހީގައި ރާއްޖޭގެ ކޯސްޓްގާޑަށް ޚާއްސަ ބަނދަރެެއް އުތުރުތިލަފަޅުގައި ހަދަނީ

21 ފެބުރުއަރީ 2021

އުތުރު ތިލަފަޅުގައި އެމްއެންޑީއެފްގެ ކޯސްޓް ގާޑަށް ހާއްސަ ބަނދަރެއް ހަދަން އިންޑިއާ ސަރުކާރާއެކު އެއްބަސްވުމެއްގައި ރާއްޖެ އިން މިއަދު ސޮއިކޮށްފި އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

އުތުރު ތިލަފަޅުގައި އެމްއެންޑީއެފްގެ ކޯސްޓް ގާޑަށް ހާއްސަ ބަނދަރެއް ހަދަން އިންޑިއާ ސަރުކާރާއެކު އެއްބަސްވުމެއްގައި ރާއްޖެ އިން މިއަދު ސޮއިކޮށްފި އެވެ.

ސިފައިންގެ މައި މަރުކަޒު، ބަންޑާރަކޮށީގައި ބޭއްވި ރަސްމިއްޔާތެއްގައި އެ އެއްބަސްވުމުގައި ސޮއިކުރެއްވީ، ރަސްމީ ދަތުރެއްގައި އިއްޔެ ރާއްޖެ ވަޑައިގެންނެވި އިންޑިއާގެ ޚާރިޖީ ވަޒީރު ޑރ. ސުބްރަމަންޔަން ޖައިޝަންކަރާއި ރާއްޖޭގެ ޑިފެންސް މިނިސްޓްރު މާރިޔާ އަހުމަދު ދީދީ އެވެ.

އޭގެ ފަހުން ބަންޑާރަކޮށީގައި ބޭއްވި މީޑިއާ ބްރީފިންއެއްގައި، ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއާ ޖެނެރަލް އަބްދުއްރަހީމް އަބްދުއްލަތީފު ވިދާޅުވީ، ކޯސްޓްގާޑަށް ހާއްސަ ޑޮކްޔާޑެއްގެ މަސައްކަތް ފެށުމަށް 2016 ގައި މަޝްވަރާކޮށް، ޑިފެންސް އެކްޝަން ޕްލޭނެއްގައި އެކުލަވައިލާފައިވާ ކަމަށެވެ. ކުރީގެ ރައީސް މުހައްމަދު ވަހީދުގެ ވެރިކަމުގައި 2013 ގައި އޭރުގެ ޑިފެންސް މިނިސްޓަރު އިންޑިޔާ އަށް ކުރެއްވި ދަތުރެއްގައި އުތުރު ތިލަފަޅު ތަރައްގީ ކުރުމުގެ މަޝްވަރާތައް ކުރިއަށް ގެންގޮސްފައިވާ ކަމަށާއި އޭގެ ފަހުން ރާއްޖެ އަށް ޒިޔާރަތް ކުރި އެކުވެރި އެހެން ގައުމުތަކާއި އެ ގައުމުތަކުގެ ކުންފުނިތަކާއެކު ވެސް އުތުރު ތިލަފަޅު ތަރައްގީ ކޮށްދިނުމަށްޓާކައި މަޝްވަރާ ކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އަބްދުއްރަހީމް ވިދާޅުވިގޮތުގައި، އިންޑިއާ ސަރުކާރުން އެއްބަސްވެފައި ވަނީ ތިން އަހަރުގެ ތެރޭގައި ބަނދަރުގެ މަސައްކަތް ނިންމުމަށެވެ. އެ ތަނަށް ބޭނުންވާ ޓެކްނިކަލް އެހީތެރިކަން ފޯރުކޮށްދިނުމަށް ވެސް އެ ގައުމުގެ ސަރުކާރާއެކު އެއްބަސްވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"މިތަން [ބަނދަރު] ތަރައްގީ ކުރަމުންދާއިރު އިންޑިޔާގެ އެހީތެރިކަން ލިބޭނެ. އިންޑިޔާ އިން އައިސް އެތަން ތަރައްގީ ކުރުމަށްޓަކައި އެ ތަނުގައި ހެދޭ އިމާރާތްތަކާއި އެ ހުރިހާ މަސައްކަތްތަކެއް ކުރަމުން ދާނެ،" އަބްދުއްރަހީމް ވިދާޅުވި އެވެ.

ބްރިގޭޑިއާ ޖެނެރަލް ޒަކަރިއްޔާ މަންސޫރު ވިދާޅުވީ، ކޯސްޓްގާޑަށް ހާއްސަ ބަނދަރެއް ބޭނުންވުމުގެ މުހިންމުކަން ސަރުކާރަށް ދަންނަވަމުން އަންނަތާ ދުވަސްތަކެއް ވެފައިވާ ކަމަށާއި އުޅަނދުފަހަރަށް ބޭނުންވާ މެއިންޓަނެންސް އަދި މަރާމާތާއި އުޅަނދުފަހަރު އަޅާފައި ބެހެއްޓޭނެ ތަނެއް ބޭނުންވާ ކަމަށެވެ.

"ކިތަންމެ މަދު މީސްކޮޅެއް އޮތް ރަށަކަށް ވިޔަސް ބަނދަރެއް އޮންނަން ޖެހޭ. ފުރައިލެފޭނެ ގޮތް ހުންނަން ޖެހޭ. ބަނދަރުން ލިބޭނެ ފަސޭހަތަަށް ލިބެން ޖެހޭ. ހަމަ އެގޮތަށް އަޅުގަނޑުމެންގެ ވެސް ކޯސްޓްގާޑްގެ ފްލީޓް ބޮޑުވަމުން ދިޔުމާއެކީގައި އަދި ތަފާތު ސައިޒުތަކުގެ އުޅަނދުފަހަރު ފްލީޓަށް އަންނަން ފެށުމާއެކީގަ މި އުޅަނދުފަހަރު ބަހައްޓައި މެއިންޓެއިންކޮށް، ބެލެހެއްޓޭނެ އުސޫލީ ނިޒާމެއް އަޅުގަނޑުމެން ތެރެއަށް ގެނައުމަށް ލައްކަ ގިނަ ދުވަހު މަސައްކަތް ކުރެވިއްޖެ،" ކޯސްޓް ގާޑުގެ އެންމެ އިސް ބޭފުޅެއްގެ ގޮތުން ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރެއްވި އަދި ރާއްޖޭގެ ސަރަަހައްދު ބެލެހެއްޓުމުގައި ގިނަ ރޭވުންތަކެއް ރޭއްވެވުމުގައި ވެސް އިސް ދައުރެއް އަދާކުރެއްވި މަންސޫރު ވިދާޅުވި އެވެ.