Roadha Mihaaru
އެމްޑީޕީގެ ހަގީގީކުލަ ވެރިކަން ގެއްލުމުން ފެނޭ: ސައީދު

އެމްޑީޕީގެ ހަގީގީ ކުލަ އެ ޕާޓީއަށް ވެރިކަން ގެއްލޭ ކޮންމެ ފަހަރަކު ފެންނާނެ: ސައީދު

28 ފެބުރުއަރީ 2024

އިދިކޮޅު އެމްޑީޕީ އަކީ ދިވެހިންގެ ތަރައްގީ އާއި ކުރިއެރުމަށް ހުރަސްއަޅާ ބައެއް ކަމަށާއި އެ ޕާޓީގެ ހަގީގީ ކުލަ ވެރިކަން ގެއްލޭ ކޮންމެ ފަހަރަކު ފެންނަ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިއަދު ވިދާޅުވެއްޖެ އެވެ.

އިފްރާޒް އަލީ ނ. ހޮޅުދޫން އިފްރާޒް އަލީ

އިދިކޮޅު އެމްޑީޕީ އަކީ ދިވެހިންގެ ތަރައްގީ އާއި ކުރިއެރުމަށް ހުރަސްއަޅާ ބައެއް ކަމަށާއި އެ ޕާޓީގެ ހަގީގީ ކުލަ ވެރިކަން ގެއްލޭ ކޮންމެ ފަހަރަކު ފެންނަ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިއަދު ވިދާޅުވެއްޖެ އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ރާއްޖޭގެ އުތުރުގެ ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދު ހަވީރު ނ. ހޮޅުދޫގައި ބޭއްވި ޖަލްސާގައި ސައީދު ވިދާޅުވީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ގެ ވެރިކަމުގައި ދިވެހި ދައުލަތް 120 ބިލިއަން ރުފިޔާ އިން ދަރުވާލާފައިވާ ކަމަށެވެ. އެ މަނިކުފާނު ވެރިކަމުން ފައިބައިގެން ވަޑައިގަތީ ދިވެހިންގެ "މިނިވަންކަން ބަޔަކަށް ތަބަކަށް ލައިފައި ދީ، އަޅުތާސްތުކޮށްފައި" ކަމަށް ވެސް ސައީދު ވިދާޅުވި އެވެ.

ސައީދު ވިދާޅުވީ ކުރީގައި ވެރިކަން ކުރެއްވި ރައީސެއްގެ ހައިސިއްޔަތުން އިބޫ އަށް މަހަކު 300،000 އެއްހާ ރުފިޔާ ލިބިވަޑައިގަންނަވާ ކަމަށެވެ. އެ އިނާޔަތުގެ ބޮޑު ބަޔަކީ ގައުމަށް ފައިދާ ހުރި އިޖުތިމާއީ ކަންކަން ކުރުމަށް އޮފީހެއް ހިންގުމަށް ދައުލަތުން ދޭ ފައިސާ ކަމަށް އޭނާ ވިދާޅުވި އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު، ނ. ހޮޅުދޫގެ ރައްޔިތުންނާ ބައްދަލުކުރައްވަން ބޭއްވި ޖަލްސާ.-- ފޮޓޯ: ރައީސް އޮފީސް

ރައީސް ޑރ. މުހައްމަދު މުއިއްޒު، ނ. ހޮޅުދޫގެ ރައްޔިތުންނާ ބައްދަލުކުރައްވަން ބޭއްވި ޖަލްސާ.-- ފޮޓޯ: ރައީސް އޮފީސް

ނަމަވެސް، އޭގެ ބަދަލުގައި ފެންނަނީ ގައުމު ހަލަބޮލިކޮށްލަން އެ މަނިކުފާނާއި އެމްޑީޕީން މަސައްކަތްކުރާ ތަން ކަމަށް ސައީދު ވިދާޅުވި އެވެ.

"ކޮން ގައުމެއްގައިތޯ އަލަށް އިންތިހާބުވާ ވެރިއެއްގެ ފައިގައި ދަތި އަޅުވައި ވަށައިގެން ނަރު ދަމައި ހަވަރަށް ދޭން އުޅޭނީ. މިއީ ކޮން ވިސްނުމެއްތޯ؟،" އެމްޑީޕީގެ މެޖޯރިޓީ އޮންނަ ރައްޔިތުންގެ މަޖިލީހުގެ ބާރުގެ ބޭނުންކޮށްގެން ރައީސް މުއިއްޒު މަގާމުން ވަކިކުރަން އުޅޭ މައްސަލައާ ގުޅުވައި ސައީދު ވިދާޅުވި އެވެ.

އެމްޑީޕީގެ ވެރިކަން ނިމުނުއިރު ގައުމު ވެއްޓިފައި އޮތް އަނދަވަޅުން ސަލާމަތްކޮށްދިނުމަށް އެންމެ 100 ދުވަސް ތެރޭގައި ރައީސް މުއިއްޒު ގިނަ މަސައްކަތްޕުޅުތަކެއް ކުރައްވާފައިވާ ކަމަށާއި އެ މަސައްކަތުގެ ނަތީޖާ، މިއަދު ރާއްޖެއިން ގާއިމްކުރި ޓޫރިޒަމްގެ ރެކޯޑުން އެކަނި ވެސް އެނގެން އެބައޮތް ކަމަށް ސައީދު ވިދާޅުވި އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު، ނ. ހޮޅުދޫގެ ރައްޔިތުންނާ ބައްދަލުކުރައްވަން ބޭއްވި ޖަލްސާ.-- ފޮޓޯ: ރައީސް އޮފީސް

ރައީސް ޑރ. މުހައްމަދު މުއިއްޒު، ނ. ހޮޅުދޫގެ ރައްޔިތުންނާ ބައްދަލުކުރައްވަން ބޭއްވި ޖަލްސާ.-- ފޮޓޯ: ރައީސް އޮފީސް

މި ފެބްރުއަރީ މަހުގައި އެކަނި ރާއްޖެއަށް އައި ޓޫރިސްޓުންގެ އަދަދު ވަނީ 200،000 އަށް ވުރެ މައްޗަށް އަރައިފަ އެވެ. މިއީ އެއް މަސް ތެރޭގައި ރާއްޖެ އައި ޓޫރިސްޓުންގެ އަދަދު 200،000 ހުރަސްކުރި ފުރަތަމަ ފަހަރެވެ.

ސައީދު ވިދާޅުވި ގޮތުގައި، މި ކާމިޔާބީއަކީ ރައީސް މުއިއްޒުގެ މަސައްކަތްޕުޅުން ލިބުނު ކުރިއެރުމެއްތޯ ބައެއް މީހުން ސުވާލު އުފައްދަ އެވެ. އޭނާ ވިދާޅުވީ މިދިޔަ ތިން މަސްދުވަހުގެ ތެރޭގައި ރައީސް ވަނީ ބޭރުގެ އެކި ގައުމުތަކުގެ ވެރިންނާ ބައްދަލުކުރައްވައި އަދި ފޯނު ގުޅުއްވައިގެން ވެސް ރާއްޖޭގެ ހާލަތު ވިދާޅުވެ ދެއްވައިފަ އެވެ. އެ މަނިކުފާނުގެ އެދިވަޑައިގަތުމުން މި ހަލާތުން ރާއްޖެ އަރައިގަތުމަށް އެ ފަރާތްތަކުގެ އެހީތެރިކަން ވެސް ރާއްޖެއަށް އަންނަނީ ލިބެމުން ކަމަށް ސައީދު ވިދާޅުވި އެވެ އެހެންވެ، މި ކާމިޔާބީގައި ރައީސް މުއިއްޒުގެ ހިއްސާ ވަރަށް ބޮޑުކަން އޭނާ ފާހަގަކުރެއްވި އެވެ.

"މިއަދު ކުރީގެ ރައީސުން ވެސް ކުރަންވީ ކަމަކީ ރައީސް މުއިއްޒު މި ގައުމު ވެއްޓިފައި އޮތް ހާލަތުން ސަލާމަތްކުރުމަށްޓަކައި ކުރައްވާ މަސައްކަތްޕުޅަށް އެހީތެރިކަން ފޯރުކޮށްދިނުން ނޫންތޯއޭ އަޅުގަނޑުގެ ސުވާލަކީ. އެކަމަކު މިއަދު އެހެންތޯ މަޖިލިސް މަސައްކަތް ކުރަނީ، އެހެންތޯ މިއަދު އެމްޑީޕީގެ މެޖޯރިޓީ އޮތް މަޖިލީހުން ކަންތައް މި ކުރަނީ،" ސައީދު ވިދާޅުވި އެވެ.

"އެމްޑީޕީގެ ހަގީގީ ކުލަ އެ މީހުންގެ އަތުން ބާރު ދާއިރަށް ކޮންމެ ފަހަރަކު ފެންނާނެ. ހަމަ އެގޮތަށް އެ މީހުންގެ މައްޗަށް ބާރު އަންނަ ކޮންމެ ފަހަރަކު ދިވެހި ރައްޔިތުން ފުން ކަނޑަށް ގަރަގުކުރާނެ."

ރައީސް ޑރ. މުހައްމަދު މުއިއްޒަށް ނ. ހޮޅުދޫން މަރުހަބާ ކިޔުން.-- ފޮޓޯ: ރައީސް އޮފީސް

ރައީސް ޑރ. މުހައްމަދު މުއިއްޒަށް ނ. ހޮޅުދޫން މަރުހަބާ ކިޔުން.-- ފޮޓޯ: ރައީސް އޮފީސް

ސައީދު ވިދާޅުވީ ރައީސް މުއިއްޒަށް ވެރިކަން ކުރެއްވުމުގެ ފުރުސަތު ނުދީ، އިދިކޮޅުން ކުރާ މަސައްކަތް ފެއިލްކޮށްލުމުގެ ބާރު މިހާރު އޮތީ ހެޔޮ ވިސްނޭ ރައްޔިތުންގެ އަތްމަތީގައި ކަމަށެވެ. އަދި އަންނަ މަހު 17 ގައި ބާއްވާ މަޖިލިސް އިންތިހާބުން އެމްޑީޕީ ފެއިލްކޮށްލައި، ތަރައްގީގެ މިސްރާބަށް ފުރުސަތު ފަހިކޮށްދިނުމަށް ރައްޔިތުންގެ ފަރާތުން އޭނާ އެދިވަޑައިގަތެވެ.