Roadha Mihaaru
އެމްޓީސީސީއަށް 33 މިލިއަން ރުފިޔާގެ ގެއްލުމެއް!

އެމްޓީސީސީއަށް 33 މިލިއަން ރުފިޔާގެ ގެއްލުމެއް!

04 ފެބުރުއަރީ 2020

މިދިޔަ އަހަރު އެމްޓީސީސީއަށް 33 މިލިއަން ރުފިޔާގެ ބޮޑު ގެއްލުމެއް ލިބިއްޖެ އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

މިދިޔަ އަހަރު އެމްޓީސީސީއަށް 33 މިލިއަން ރުފިޔާގެ ބޮޑު ގެއްލުމެއް ލިބިއްޖެ އެވެ.

އެމްޓީސީސީން އާންމުކުރި ކުންފުނީގެ މާލީ ރިޕޯޓުގައިވާ ގޮތުން މިދިޔަ އަހަރު ނިމުނު އިރު އާމްދަނީ 1.1 ބިލިއަނަށް އެރި ނަމަވެސް ކުންފުންޏަށް ކުރިމަތިވީ ގެއްލުމެވެ.

އެމްޓީސީސީއަށް 2018 ގައި 43 މިލިއަން ރުފިޔާގެ ފައިދާއެއް ވި އެވެ. އެކަމަކު އެއީ 2017 ގައި ލިބުނު 145 މިލިއަން ރުފިޔާގެ ފައިދާއަށް ބަލާއިރު ވަރަށް ކުޑަ އަދަދެކެވެ.

މިދިޔަ ދެ އަހަރު މާލީ ބޮޑު އަނދަވަޅެއްގައި އޮތުމުން އެމްޓީސީސީގެ އާންމު ހިއްސާދާރުންނަށް މިދިޔަ އަހަރު ހިއްސާގެ ފައިދާ ބަހާފައެއް ވެސް ނުވެ އެވެ.

އެމްޓީސީގެ އެމްޑީގެ މަގާމުގައި ހުންނެވި ހަސަން ޝާހު ދާދި ފަހުން ވަނީ އެމްޑަބްލިއުއެސްސީގެ އެމްޑީގެ މަގާމަށް ބަދަލުކޮށްފަ އެވެ. އެމްޓީސީސީ ހަވާލުކުރީ އޭރު އެމްޑަބްލިއުއެސްސީގެ އެމްޑީގެ މަގާމުގައި ހުންނެވި އާދަމް އާޒިމްއާ އެވެ.

މުޅި އަހަރަށް ބަލާއިރު ބޮޑު ގެއްލުމެއް ލިބުނަސް، މިދިޔަ އަހަރުގެ ފަހު ދެ ކުއާޓަރުގައި އެމްޓީސީސީއަށް ފައިދާވި އެވެ. އެގޮތުން މިދިޔަ އަހަރުގެ ފަހު ކުއާޓަރުގެ ފައިދާ އުޅުނީ 10 މިލިއަން ރުފިޔާގަ އެވެ.

ބިން ހިއްކުމާއި ބަނދަރު ހެދުމާއި ވިޔަފާރީގެ އިތުރުން ދަތުރުފަތުރުގެ ދާއިރާގެ މަސައްކަތްތައް އެމްޓީސީސީން ކުރަމުން އަންނަ އިރު ދަތުރުފަތުރުގެ ދާއިރާއިން ބޮޑު ގެއްލުމަކާ އަބަދުވެސް ކުރިމަތިވެ އެވެ. މިދިޔަ އަހަރުގެ ބޭއްވި އަހަރީ އާންމު ޖަލްސާގައި ކުންފުނިން ބުނީ ދަތުރުފަތުރުގެ ދާއިރާއިން ލިބޭ ގެއްލުމުގެ ސަބަބުން މުޅި ކުންފުނީގެ ހިންގުމަށް ނޭދެވޭ އަސަރު ކުރަމުންދާ ކަމަށެވެ.

މިދިޔަ އަހަރު ފަހުކޮޅު ސަރުކާރުން ވަނީ ދަތުރުފަތުރަށް ހާއްސަ ކުންފުންޏެއް ހަދާނެ ކަން އިއުލާނުކޮށްފަ އެވެ. އެކަމަށް ހާއްސަކޮށް ބަޖެޓުގައި 150 މިލިއަން ރުފިޔާ ކަނޑައަޅާފައިވެ އެވެ. ނަމަވެސް އަދި މިހާތަނަށް އެ ކުންފުނި ވުޖޫދަކަށް ނާދެ އެވެ.