Roadha Mihaaru
ދިމާލަށް އެއްޗެއް ބުނެގެން ފިޔަވަޅެއް ނާޅާނަން: ރައީސް

އަޅުގަނޑު ބޭނުމެއް ނޫން އަޅުގަނޑާ ދިމާލަށް އެއްޗެއް ބުނެގެން ފިޔަވަޅު އަޅާކަށް: ރައީސް

09 މާޗް 2024

އެ މަނިކުފާނާ ދިމާލަށް އަމާޒު ކުރާ ބަހަކާ ގުޅިގެން ނުވަތަ ފާޑުކިޔުމަކާ ހެދި އެއްވެސް މީހަކަށް ފިޔަވަޅު އަޅައި އަދަބު ނުދެއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

އައިޝަތު ނުޒުހާ ޅ. ކުރެންދޫން އައިޝަތު ނުޒުހާ

އެ މަނިކުފާނާ ދިމާލަށް އަމާޒު ކުރާ ބަހަކާ ގުޅިގެން ނުވަތަ ފާޑުކިޔުމަކާ ހެދި އެއްވެސް މީހަކަށް ފިޔަވަޅު އަޅައި އަދަބު ނުދެއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

ޅ. އަތޮޅުގެ ރަށްތަކަށް މިއަދު ހެނދުނު ފެއްޓެވި ދަތުރުފުޅުގައި ކުރެންދޫގައި ވާހަކަފުޅު ދައްކަވމުން ރައީސް ވިދާޅުވީ، އެ މަނިކުފާނާ ގުޅޭ ގޮތުން ސަރުކާރުގެ ކުންފުންޏެއްގެ މުވައްޒަފަކު ސޯޝަލް މީޑިއާގައި ދެއްކި ވާހަކަތަކާ ގުޅިގެން އެ މުވައްޒަފުގެ މަގާމު ދަށްކުރި ކަމުގެ ވާހަކަ ނޫސްތަކުން ފެނިވަޑައިގެންނެވި ކަމަށެވެ.

ރައީސް މުއިއްޒު ވިދާޅުވި ގޮތުގައި އެކަމާ ގުޅިގެން އެ މަނިކުފާނު އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރަށް ގުޅުއްވައި ކަން ހިނގި ގޮތް ސާފުކުރެއްވި އެވެ. އެކަމަކު، މެނޭޖިން ޑިރެކްޓަރުގެ ޖަވާބުން އެނގިވަޑައިގަތީ އެ މުވައްޒަފާ ގުޅޭ މައްސަލަ އެ އަށް ވުރެ މާ ސީރިއަސްކަން ކަމަށް ރައީސް ވިދާޅުވި އެވެ. އެހެންވެ، އެ މައްސަލަ ބަލާފައިވަނީ އެ ކުންފުނީގެ ޕޮލިސީގެ ތެރެއިން ކަމަށް ވެސް މެނޭޖިން ޑިރެކްޓަރާ ހަވާލާ ދެއްވައި ރައީސް މުއިއްޒު ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ އެ ކަން ހިނގި ގޮތް ރައްޔިތުންނަށް ސާފުކޮށްދޭން އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރުގެ އަރިހުގައި އެދިވަޑައިގެންފައިވާނެ ކަމަށެވެ.

ރައީސް އެ އިޝާރާތް ކުރެއްވީ އެސްޓީއޯގެ މުވައްޒަފަކު ހުރި ވަޒީފާ އިން ޑީމޯޓުކުރި މައްސަލައަށެވެ. ސޯޝަލް މީޑިއާގައި އާންމުވެފައިވާ އެ ކަމުގެ ސިޓީގައި ބުނެފައިވާ ގޮތުގައި އެ ފިޔަވަޅު އެޅީ ސަރުކާރުގެ އިސްބޭފުޅުންގެ އަބުރަށް އުނިކަން ލިބޭ ގޮތަށް، ޒިންމާދާރުކަން ކުޑަ ޕޯސްޓުތަކެއް ކޮށް، އޭގެ ސަބަބުން އެ ކުންފުންޏާ މެދު ރައްޔިތުންގެ ހިތްތަކުގައި ނުރަނގަޅު ތަސައްވުރެއް އުފެދުމާ ގުޅިގެންނެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ކުރެންދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަދައްކަވަނީ-- ފޮޓޯ: ރައީސް އޮފީސް

ރައީސް ޑރ. މުހައްމަދު މުއިއްޒު ކުރެންދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަދައްކަވަނީ-- ފޮޓޯ: ރައީސް އޮފީސް

އެ އަމަލުތަކަކީ އެ މުވައްޒަފު ހުރި މަގާމުގެ ސުލޫކީ މިންގަނޑާ ހިލާފު ކަމަކަށް ވާތީ، ފިޔަވަޅު އަޅަން ނިންމީ ކަމަށް އެސްޓީއޯގެ ޖެނެރަލް މެނޭޖަރު މަރިޔަމް ނުޒުލާ ސޮއިކުރައްވައި ފޮނުވާފައިވާ ސިޓީގައި ވެ އެވެ.

ފާޑުކިޔައިގެން ނުވަތަ ހިތްހަމަނުޖެހިގެން ވެސް ބުނާ އެއްޗަކަށް ފިޔަވަޅު އެޅުމަކީ އެ މަނިކުފާނު ގަބޫލުކުރައްވާ ހަމައެއް ނޫން ކަމަށް ރައީސް މުއިއްޒު އެ މައްސަލައާ ގުޅުވައިގެން މިއަދު ވިދާޅުވި އެވެ. އެ މަނިކުފާނު ވިދާޅުވީ ބޭނުންފުޅު ވަނީ ރައްޔިތުން ދައްކާ ހުރިހާ ވާހަކައެއް ވެސް އަޑުއައްސަވައިގެން ކަންކަން ރަނގަޅު ކޮށްގެން ކުރިއަށް ދާން ކަމަށެވެ.

"އަޅުގަނޑު ބޭނުމެއް ނޫން އަޅުގަނޑާ ދިމާލަށް އެއްޗެއް ބުނެގެން ފިޔަވަޅު އަޅާކަށް. އެ ކަހަލަ ކަންތައް ކުރާ މީހެއް ނޫން އަޅުގަނޑަކީ އެއްވެސް އިރެއްގައި. ގާނޫނާއި ގަވައިދާ އެއްގޮތަށް ހަމަ ކޮންމެ މީހަކަށް ވެސް ކޮންމެ އެއްޗެއް ވެސް ވިދާޅުވެވެން ވާނެ. އަދި ހިތްހަމަނުޖެހެންޏާ ވެސް ބޭނުން ހުރިހާ ވާހަކައެއް ދެއްކެން ވާނެ. އެކަމަކު އަޅުގަނޑު ފިޔަވަޅެއް ނާޅާނަން،" ރައީސް ވިދާޅުވި އެވެ.

އެ މަނިިކުފާނު ވިދާޅުވީ، ސަރުކާރުގެ އިސް ހުރިހާ ފަރާތްތަކުން ވެސް ފެންނަނީ ސާފުކޮށް، ތެދުބަހުން ޖަވާބުދޭ ތަން ކަމަށާއި އެކަމަކު ވެސް ރައްޔިތުންނަށް ކަންކަން އޮޅުވާލަން ބަޔަކު މަސައްކަތް ކުރަމުންދާ ކަމަށެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ކުރެންދޫގައި-- ފޮޓޯ: ރައީސް އޮފީސް

ރައީސް ޑރ. މުހައްމަދު މުއިއްޒު ކުރެންދޫގައި-- ފޮޓޯ: ރައީސް އޮފީސް

"އޭގެ ޖަވާބުގައި އެހެން ފަރާތްތަކުން ހަދަނީ ހުސް ދޮގު. ތެދެއް ނެތް ދޮގުތައް ހަދަމުން ދަނީ. އަޅުގަނޑު ރައްޔިތުންގެ ކިބައިން އެދެނީ ރައްޔިތުން ވިސްނާ ވަޑައިގެން ސާފު ބަހުން ތެދުބަހުން ދައްކާ ވާހަކަ ޚިޔާރު ކުރައްވަން،" ރައީސް މުއިއްޒު ވިދާޅުވި އެވެ

ރައީސް ވިދާޅުވީ، އެ މަނިކުފާނު އެދިވަޑައިގަންނަވާ ގޮތާ ހިލާފަށް ވިޔަސް އަބަދުވެސް ކަންކަން ކޮށްދެއްވާނީ ރައްޔިތުން އެދޭ ގޮތަށް ކަމަށެވެ.