Roadha Mihaaru
ފުރަތަމަ އޯޓިސްޓިކް ހަތީބު މާދަމާ ހުކުރު ކުރާނެ

ހާއްސަ އެހީއަށް ބޭނުންވާ ޒައިން މާދަމާ އިމާމްވެ ހުކުރު ނަމާދުކުރާނެ

14 މާޗް 2024

ބޮޑުވެގެން ވާން ބޭނުންވަނީ ކޮން ކަހަލަ މީހަކަށްތޯ މީހަކު ސުވާލުކޮށްލައިފި ނަމަ، ވާހަކަ ދެއްކެން ފެށުނީއްސުރެ ހުސެއިން ޒައިން އަލީ ދެމުން އައި ޖަވާބަކީ އިމާމަކަށް ނުވަތަ ޝެއިހަކަށް ވުމެވެ. އޭގެ 10 އަހަރު ފަހުން މާދަމާއަކީ އޭނާގެ އެ ހުވަފެނުގައި ހަގީގީ ކުލަ ޖެހޭ ދުވަހެވެ. ރާއްޖޭގެ ތާރީހުގައި ފުރަތަމަ ފަހަރަށް އޯޓިސްޓިކް ކުއްޖަކަށް ހުކުރު ކުރުމުގެ ނަސީބު ލައްވާލީ ތާޖުއްދީން ސްކޫލުގެ ގްރޭޑް 10 ގައި ކިޔަވަމުން އަންނަ 17 އަހަރުގެ ޒައިން އަށެވެ. ހުޅުމާލޭ މަސްޖިދުލް އަމާނީގައި މާދަމާ ހުކުރު ނަމާދުކުރާނީ ޒައިނެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

ބޮޑުވެގެން ވާން ބޭނުންވަނީ ކޮން ކަހަލަ މީހަކަށްތޯ މީހަކު ސުވާލުކޮށްލައިފި ނަމަ، ވާހަކަ ދެއްކެން ފެށުނީއްސުރެ ހުސެއިން ޒައިން އަލީ ދެމުން އައި ޖަވާބަކީ އިމާމަކަށް ނުވަތަ ޝެއިހަކަށް ވުމެވެ. އޭގެ 10 އަހަރު ފަހުން މާދަމާއަކީ އޭނާގެ އެ ހުވަފެނުގައި ހަގީގީ ކުލަ ޖެހޭ ދުވަހެވެ. ރާއްޖޭގެ ތާރީހުގައި ފުރަތަމަ ފަހަރަށް އޯޓިސްޓިކް ކުއްޖަކަށް ހުކުރު ކުރުމުގެ ނަސީބު ލައްވާލީ ތާޖުއްދީން ސްކޫލުގެ ގްރޭޑް 10 ގައި ކިޔަވަމުން އަންނަ 17 އަހަރުގެ ޒައިން އަށެވެ. ހުޅުމާލޭ މަސްޖިދުލް އަމާނީގައި މާދަމާ ހުކުރު ނަމާދުކުރާނީ ޒައިނެވެ.

ޒައިންގެ އެ ހުވަފެންތައް ހަގީގަތަކަށް ވުމުން، އެ އުފާވެރިކަން ބަޔާން ކުރާނެ ގޮތެއް ވެސް ލޯޔަރެއްގެ ގޮތުގައި މަސައްކަތްކުރާ ބައްޕަ، އަލީ ރިޒާއަކަށް ނޭނގެ އެވެ.

"މިހާރު" އަށް ވާހަކަ ދައްކަވަމުން ރިޒާ ބުނީ ދަރިފުޅަކީ އޯޓިސްޓިކް ކުއްޖެއްކަން އެނގުނީ އޭނާގެ އުމުރުން ތިން އަހަރުގައި އެއްވެސް ވާހަކައެއް ނުދައްކައިގެން ކަމަށެވެ. ގްރޭޑް އެކަކަށް ސްކޫލަށް ވެއްދިއިރު ވެސް ޒައިނަށް ވާހަކައެއް ނުދެއްކެ އެވެ. އެހެންވެ، އޭރު ސްކޫލު ނިމެންދެން އެތަނުގައި ރިޒާ އިނދެ އެވެ.

"ގްރޭޑް އެކަކުން ފެށިގެން ތާޖުއްދީން ސްކޫލުގައި ކިޔަވަނީ. އޭރު ވެސް ވާހަކަ ނުދެއްކޭތީ އަޅުގަނޑު ޖެހޭނީ ކްލާސް ނިމެންދެން އެެތަނުގައި އިންނަން. އެގޮތަށް ގާތްގަނޑަކަށް ހަ މަސް ހޭދަކުރި ފަހުން ސްކޫލުގައި ސެން ކްލާސްތައް ފެށީމަ އެ ޓީޗަރުންނާ އެކު އިންނާނެ. އެ މީހުން ވަރަށް ރަނގަޅަށް ބަލާ. ދުވަހަކު ވެސް ބުލީކޮށް ނުހަދާ. ވަރަށް ހަމްދަރުދީ އާއި ލޯތްބާ އަޅާލުން ދިން،" ރިޒާ ބުންޏެވެ.

އެކަމަކު ވާހަކަ ނުދެއްކުނަސް އޭރު ވެސް ޒައިންގެ ފަރާތުން ދީނީ ކަންކަމަށް ބޮޑު ލޯތްބެއް އޮންނަކަން އާއިލާއަށް ފާހަގަކުރެވުނެވެ.

"އެންމެ ކުޑައިރުން ފެށިގެން ވެސް ކޮން ކަހަލަ މީހަކަށްހޭ ވާނީ މީހަކު އަހާލިޔަސް ބުނާނެ ތިމަންނަ ވާނީ އިމާމަކަށޭ ޝޭހަކަށޭ. ދެން އަހަރެމެންނަކަށް ވެސް ނޭނގެ މިއީ މިހާ ސީރިއަސްކޮށް ދެއްކި ވާހަކައެއް ކަމެއް އޭރަކު. އޭނާގެ ޝައުގު މިހާ ބޮޑަށް މިކަމަށް ހުންނަ ކަމެއްވެސް،"

ޒައިން ސްކޫލުގެ ގްރެޖުއޭޝަން ހަފްލާއެއްގައި ބައިވެރިވަނީ. އޭނާއަކީ ކިޔެވުމުގައި ވެސް މޮޅު ކުއްޖެއް.

ޒައިން ސްކޫލުގެ ގްރެޖުއޭޝަން ހަފްލާއެއްގައި ބައިވެރިވަނީ. އޭނާއަކީ ކިޔެވުމުގައި ވެސް މޮޅު ކުއްޖެއް.

އެކަމަކު ރިޒާ ބުނި ގޮތުގައި އޭރު ވެސް ޓީވީން ބަންގި ގޮވާ އަޑު އިވުމާއި ނަމާދުގެ ހަރަކާތްތައް ދައްކާ ވަގުތުތަކާއި ގުރުއާން ކިޔަވާ ގަޑިތަކުގައި ޒައިންގެ ސަމާލުކަން އެކަމަށް ގޮސް އެއްކޮށް ހުއްޓެވެ. ރާއްޖެއިން ބޭރަށް އާއިލާ އިން ކުރާ ދަތުރުތަކުގައި ވެސް އޭނާގެ ސަމާލުކަން އެތަންތަނުގެ މަދަހަތަކަށް ލިބެ އެވެ.

އުމުރުން ހަތް އަހަރުގައި ޒައިނަށް ވާހަކަ ދެއްކެން ފެށުނުއިރު އޭރު ވެސް އޭނާ އެންމެ ބޮޑު ޝައުގުވެރިކަމެއް ފާޅުކުރަމުން އައީ ދީނީ ކަންކަމަށެވެ. ގަޑިން ގަޑިއަށް ނަމާދުތައް ކުރެ އެވެ. މިސްކިތަށް ނުދެވިއްޖެ ހާލަތެއްގައި ގޭގައި އޭނާ އިމާމު ވެސް ނަމާދުކުރެ އެވެ. ޓީވީ ބަލައިގެން ތަޖުވީދުން ގުރުއާން ކިޔަވަން ދަސްކުރި އެވެ.

މިހާރު ގުރުއާނުގެ 12 ވަނަ ފޮތް ހިތު ދަސްކުރަމުން އަންނަ، ޒައިނުގެ ޝައުގުވެރިކަން މިހާ ބޮޑަށް އިމާމުކަމަށް ހުންނަކަން އާއިލާއަށް ފާހަގަވީ ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ތެރޭގައި މިސްކިތްތައް ބަންދުކުރި ދަނޑިވަޅުގަ އެވެ.

ޒުވާން ހަތީބުން ތަމްރީނުކުރި ޕްރޮގްރާމު ޒަައިން ފުރިހަމަކުރުމަށް ފަހު އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދުއާ ސަލާމް ކުރައްވަނީ--

ޒުވާން ހަތީބުން ތަމްރީނުކުރި ޕްރޮގްރާމު ޒަައިން ފުރިހަމަކުރުމަށް ފަހު އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދުއާ ސަލާމް ކުރައްވަނީ--

ރިޒާ ބުނި ގޮތުގައި ހުކުރު ދުވަސްތަކުގައި ގޭގައި ނަމާދުކުރިޔަސް އޭނާއަށް ހިތްހަމަޖެހެނީ ހުތުބާ ކިޔައިގެން އެކަން ކުރާށެވެ. އެހެންވެ، އިސްލާމިކް މިނިސްޓްރީގެ ވެބްސައިޓުން ހުތުބާ ޑައުންލޯޑުކޮށްގެން، އޭނާ އިމާމުވެ ގޭގައި ނަމާދުކުރަން ފެށި އެވެ.

"އުމުރުން ހަތް އަހަރުން ފެށިގެން އިމާމުވެ ހުތުބާ ކިޔަން ފަށައިފި. ނަމާދުތައް ވެސް ކުޑައިރުން ފެށިގެން ކުރާނެ، ފަތިސް ނަމާދަށް ވެސް އަމިއްލައަށް ހޭލައިގެން ވެސް ކުރާނެ. އަހަރެމެންނަށް މަސައްކަތް ހުންނަ ގޮތުން ދަތިވެގެން މިސްކިތަށް ނޭރުނަސް އޭނާ ގުޅާނެ މިސްކިތަށް ދާން ވެސް،"

"ކޮވިޑް ތެރޭގައި މީނާ ދެން މިހާ ޝައުގުވާކަން އަސްލު އެނގުނީ. ޑައުންލޯޑުކޮށްގެން އޭނާ ހުތުބާ ކިޔާނެ ގޭ ތެރޭގައި، ދެން އޭނާ އިމާމުވެ ނަމާދުކުރާނީ. އޭނާ ދެން ކަމަކަށް އެދިއްޖެއްޔާ އެކަމެއް ކޮށްދެވޭތޯ އަޅުގަނޑުމެން އަބަދުވެސް ބަލަން. އަނެއްކާ 12 ވަރަކަށް އަހަރުވާނީ ކޮވިޑް ތެރޭގައި އޭނާއަށް،" ދަރިފުޅުގެ ޝައުގުވެރިކަން އެހާ ބޮޑަށް އެކަމަށް ހުންނަ ހިސާބު އެނގުނު ގޮތް ސާފުކޮށްދީ ރިޒާ ބުންޏެވެ.

ރިޒާ ބުނި ގޮތުގައި ނަމާދަށް މިސްކިތަށް އަރާފައި ވެސް މާދަމާ ހުކުރު ކުރާނީ ނޫނީ ތަރާވީސް ކުރާނީ އޭނާ ކަމަށް ޒައިން ބުނެ އެވެ.

ދީނީ ދަރުސްތަކަށް ވެސް ގޮސް ހަދައި، ޒައިނަށް ދީނީ ދާއިރާގައި ރާއްޖޭގައި މަސައްކަތް ކުރާ ބޭފުޅުންނަށް ވެސް ފަރިތަ އެވެ. މަގުމަތިން އެއިން މީހަކު ފެނުނަސް، އޭނާ އަމިއްލައަށް ގޮސް އެމީހުންނަށް ވާހަކަ ދައްކާ ހަދައި ކަމަށް ރިޒާ ބުނެ އެވެ.

ތާޖުއްދީން ސްކޫލުގެ ޕްރިންސިޕަލާ އެކު ޒައިން ފޮޓޯއަކަށް ހުއްޓިގެން.

ތާޖުއްދީން ސްކޫލުގެ ޕްރިންސިޕަލާ އެކު ޒައިން ފޮޓޯއަކަށް ހުއްޓިގެން.

އާންމުކޮށް ރަޝީދު މިސްކިތަށް ނަމާދަށް ދިޔަސް ޒައިންގެ ޝައުގުވެރިކަން ހުންނާތީ އެކި މިސްކިތްތަކަށް އޭނާ ގޮވައިގެން ރިޒާ ދެ އެވެ. އެގޮތަށްދާ ތަންތަނުން ރީއްޗަށް ގުރުއާން ކިޔަވައި މިސްކިތްތައް ފާހަގަކޮށް އެތަންތަނަށް ދާން އޭނާ ބޭނުންވެ އެވެ. އަދި މިސްކިތުގައި އިމާމަކަށް އޮޅިއްޖެ ނަމަ، އެކަން ރަނގަޅުކޮށްދިނުމުގައި ވެސް އެންމެ އަވަހީ ޒައިނެވެ.

މާދަމާ އިމާމުވެ ނަމާދުކުރުމުގެ ފުރުސަތު ޒައިނަށް ލިބިފައިވާއިރު މިއީ ސަރުކާރުން މި ފަހުން ހިންގި "ޒުވާން ހަތީބުން" ޕްރޮގްރާމުގައި ބައިވެރިވާން ފޯމު ހުށަހަޅައިގެން ލިބުނު ފުރުސަތެއް ކަމަށް ރިޒާ ބުންޏެވެ.

"އޭނާގެ ޝައުގުވެރިކަން ހުންނަކަން އެނގުނީމަ އަޅުގަނޑުމެން ބޭނުންވީ ފޯމު ހުށަހަޅަން. އެއީ މިފަހުން ޒުވާން ހަތީބުން ތަމްރީނުކުރުމަށް ސަރުކާރުން އޮތީ އިއުލާނުކޮށްފައި ބޭނުންވާ ޒުވާނުން ބައިވެރިވާން،"

އެއްވެސް ޖެހިލުމެއް ނުވޭ، އޭނާ ލައްވާ އެކަން ކުރުވާކަށް. އަޅުގަނޑުމެންނަށް އެ ކޮންފިޑެންސް އޮތީމަ ބައިވެރިކުރުވީ - ބައްޕަ

ރިޒާ ބުނި ގޮތުގައި އެ ވޯކްޝޮޕްގެ ތެރެއިން ގުރުއާން ކިޔެވުމާއި ހަދީސް ކިޔެވުމުގެ ޓެސްޓްތައް ވެސް ހެދި އެވެ. އެކަމަކު ޒައިން ކުޑަ ތަންކޮޅެއް ކިޔާލުމާ އެކު އިތުރަށް ޓެސްޓް ކުރަން ނުޖެހޭ ކަމަށް އެތަނުގައި ތިބި ޝެއިހުން ވެސް ބުންޏެވެ.

"އިތުރަށް ޓެސްޓެއް ހަދާނެ ކަމެއް ނެތޭ، ފާސްވީއޭ ވިދާޅުވީ،" ގާތްގަނޑަކަށް ހާހެއްހާ ޒުވާނުން ބައިވެރިވި ޕްރޮގްރާމުން ޒައިން ފާސްވި ގޮތާ ގުޅިގެން ފަހުރުވެރިކަމާ އެކު ރިޒާ ބުންޏެވެ.