Roadha Mihaaru
އިންޑިއާގެ އިތުރު ސިފައިންތަކެއް އަންނަ މަހު ފޮނުވާލަނީ

އިންޑިއާގެ އިތުރު ސިފައިންތަކެއް އަންނަ މަހުގެ 10 ގެ ކުރިން ފޮނުވާލަނީ

17 މާޗް 2024

ރާއްޖޭގައި ގާއިމުވެ ތިބި އިންޑިއާގެ ސިފައިންގެ މީހުންގެ ތެރެއިން އިތުރު ބެޗެއްގެ ބަޔަކު އަންނަ މަހުގެ 10 ގެ ކުރިން ގެންދަން އިންޑިއާ ސަރުކާރުން އެއްބަސްވެއްޖެ އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

ރާއްޖޭގައި ގާއިމުވެ ތިބި އިންޑިއާގެ ސިފައިންގެ މީހުންގެ ތެރެއިން އިތުރު ބެޗެއްގެ ބަޔަކު އަންނަ މަހުގެ 10 ގެ ކުރިން ގެންދަން އިންޑިއާ ސަރުކާރުން އެއްބަސްވެއްޖެ އެވެ.

ރާއްޖޭގައި ތިބޭ އިންޑިއާގެ އަސްކަރިއްޔާގެ މީހުން އަނބުރާ ގެންދިއުމާއި އަދި ދެ ގައުމުގެ ގުޅުމާ ގުޅޭ އިތުރު ކަންކަމަށް މަޝްވަރާ ކުރަން އުފައްދާފައިވާ ހައި ލެވެލް ކޯ ގުރޫޕުގެ ތިން ވަނަ ބައްދަލުވުން ރާއްޖޭގައި މިއަދު ބޭއްވުމަށް ފަހު، ދިވެހި ހާރިޖިއްޔާ އިން ނެރުނު ބަޔާނެއްގައި ބުނީ މިހާރު ބާކީ ދެ ޕްލެޓްފޯމުގައި ތިބި ސިފައިން ދެ ތާރީހެއްގައި ގެންދަން ނިންމާފައިވާ ކަމަށެވެ. އޭގެ ތެރެއިން އެއް ބެޗު އަންނަ އޭޕްރީލް 10 ގެ ކުރިން އަދި އަނެއް ބެޗުގެ ސިފައިން މޭ 10 ގެ ކުރިން ގެންދާނެ ކަމަށް ބަޔާނުގައި ބުންޏެވެ.

ރާއްޖޭގައި ގާއިމުވެ ތިބި އިންޑިއާ ސިފައިންގެ ފުރަތަމަ ބެޗު ވަނީ މި މަހުގެ 10 ގެ ކުރިން ގެންގޮސްފަ އެވެ. އެއީ އިންޑިއާ އިން ހަދިޔާކުރި ހެލިކޮޕްޓަރު ދުއްވަން އައްޑޫ ގަމަށް އިންޑިއާ އިން ފޮނުވި 26 ސިފައިންނެވެ. އެ މީހުންގެ ބަދަލުގައި އެ ހެލިކޮޕްޓަރު ދުއްވަން މިހާރު ތިބީ އިންޑިއާގެ ސިވިލިއަނުންނެވެ.

ރާއްޖެ އިން އިންޑިއާގެ ހުރިހާ ސިފައިން ބާލަން ދެ ގައުމުން އެއްބަސްވެފައިވާ އެންމެ ފަހު ތާރީހަކީ މި އަހަރުގެ މޭ 10 ގެ ކުރިންނެވެ.

މިއަދު ބޭއްވި ދެ ގައުމުގެ މަތީ ފެންވަރުގެ ބޭފުޅުންގެ ތިން ވަނަ މަޝްވަރާތަކާ ގުޅޭ ގޮތުން ރާއްޖޭގެ ފޮރިން މިނިސްޓްރީން ބުނީ ރާއްޖޭގެ އޭވިއޭޝަން ޕްލެޓްފޯމްތަކުގައި ތިބި އިންޑިއާގެ ސިފައިންގެ ބަދަލުގައި ސިވިލް މީހުން ގެނައުމުގެ މަސައްކަތުގައި ކުރިއެރުން ހޯދަމުން އަންނަ ކަން ދެ ގައުމު ވެސް ފާހަގަކުރާ ކަމަށެވެ.

ދެ ގައުމުގެ ދެމެދުގައި ހިންގާ އިގްތިސާދީ މަސައްކަތްތަކާ ގުޅޭ ގޮތުން މަޝްވަރާކޮށް، ރާއްޖޭގައި މިހާރު ހިނގަމުން އަންނަ މަޝްރޫއުތައް އަވަސް ކުރުމަށް ވެސް މިއަދު މަޝްވަރާ ކޮށްފައިވާ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

ދެ ގައުމުގެ މަތީ ފެންވަރުގެ ބޭފުޅުންގެ ހަތަރު ވަނަ ބައްދަލުވުން ބާއްވަން ދެ ގައުމުން މިއަދު އެއްބަސްވީ އިންޑިއާގެ ދިއްލީގަ އެވެ. އެ ބައްދަލުވުން ބާއްވާނީ ރާއްޖެ އާއި އިންޑިއާ އަށް ވެސް ފަސޭހަ ވަގުތެއްގައި ކަމަށް ދެ ގައުމުން ބުންޏެވެ.

ރާއްޖެ އަށް އިންޑިއާ އިން ހަދިޔާ ކޮށްފައިވާ ދެ ހެލިކޮޕްޓަރާއި ޑޯނިއާ މަތިންދާބޯޓު އޮޕަރޭޓް ކުރުމަށް ހަރަކާތްތެރިވާ އިންޑިއާ ސިފައިން ބޭލުވުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެކެވެ. އެ މަނިކުފާނު ގެންދަވަނީ ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބެލެހެއްޓުމާއި ރާއްޖޭގެ ސަލާމަތާ ގުޅޭ ކަންކަމުގައި ސީދާ ބޭރުގެ ފަރާތްތަކަށް ކޮންޓްރޯލް އޮންނަ ގޮތަށް ހުންނަ ކަންކަން ނިމުމަކަށް ގެންނަން މަސައްކަތްޕުޅު ކުރައްވަމުންނެވެ.

އޭގެ ތެރެއިން އެއް ކަމަކީ އަސްކަރީ ތިން ޑްރޯން ތުރުކީ އިން ރާއްޖެ އަށް ހޯދައި މިދިޔަ ހުކުރު ދުވަހުގެ ރޭ އެ އޮޕަރޭޓް ކުރަން ފެށުމެވެ. އެ ތިން ޑްރޯން ބޭނުންކޮށްގެން ރާއްޖޭގެ އިގުތިސާދީ ސަރަހައްދު މިހާރު ބަލަހައްޓަނީ ދިވެހި ސިފައިން އެކަންޏެވެ. ތުރުކީ އިން އަދި އިތުރު ތިން ޑްރޯން ރާއްޖެ ގެންނަން ސަރުކާރުން ވަނީ ނިންމައިފަ އެވެ.

ރައީސް މުއިއްޒު ވިދާޅުވެފައި ވަނީ ޑްރޯން ގެނައުމުގައި ގިނަ އާލާތްތައް ތުރުކީ އިން ރާއްޖެ އަށް ދިނީ ހިލޭ ކަމަށެވެ.

ކުއްލި ހާލަތްތަކުގައި ބަލި މީހުން އުފުލުމަށް ވެސް މިހާރު ވަނީ ޑޭޝް 8 ގެ މަތިންދާބޯޓަކާއި ސީ ޕްލޭނެއް ހަމަޖައްސައިފަ އެވެ. ރައީސް ވިދާޅުވެފައި ވަނީ މި އަހަރުގެ ތެރޭގައި ރާއްޖެ އަށް "ހެލިކޮޕްޓަ ސާވިސަސް" ފެށުމުން ބަލި މީހުން އުފުލަން ހާއްސަ ހެލިކޮޕްޓަރެއް ވެސް އެ ފްލީޓަށް އިތުރު ކުރާނެ ކަމަށެވެ.