Roadha Mihaaru
ތެލު ވެލިގަ ރިސޯޓު ވިއްކާލަން އިއުލާނުކޮށްފި

ތެލު ވެލިގަ ރިސޯޓު ވިއްކާލަން އިއުލާނުކޮށްފި

25 މާޗް 2024

އދ. އަތޮޅުގައި އޮންނަ "ޑްރިފްޓް ތެލު ވެލިގަ ރިޓްރީޓް" ވިއްކާލުމަށް ބޭންކް އޮފް ސިލޯން (ބީއޯސީ) އިން އިއުލާނުކޮށްފި އެވެ.

އދ. އަތޮޅުގައި އޮންނަ "ޑްރިފްޓް ތެލު ވެލިގަ ރިޓްރީޓް" ވިއްކާލުމަށް ބޭންކް އޮފް ސިލޯން (ބީއޯސީ) އިން އިއުލާނުކޮށްފި އެވެ.

އެ އިއުލާނުގައި ބުނީ، ސާބިތު ދަރަނީގެ މައްސަލައެއްގައި، ފަސް ތަރީގެ އެ ރިސޯޓުގެ ލީސްހޯލްޑް ރައިޓްސް ވިއްކައިލުމުގެ ހައްގު ސިވިލް ކޯޓުގެ މި މަހުގެ 14 ވަނަ ދުވަހު ކުރި ހުކުމުން ބޭންކަށް ލިބިފައިވާ ކަމަށެވެ.

ސިލޯން ބޭންކުން ބުނީ 30 ކޮޓަރީގެ އެ ރިސޯޓުގެ ލީސްގެ މުއްދަތު ހަމަވާނީ 2064 ވަނަ އަހަރަށް ކަމަށެވެ. އޭގެ ފަހުން ވެސް އިތުރު 49 އަހަރަށް ލީސްގެ މުއްދަތު އިތުރުކުރުމުގެ ފުރުސަތު އޮންނާނެ ކަމަށް ބޭންކުން ބުންޏެވެ.

"ޑްރިފްޓް ތެލު ވެލިގަ ރިޓްރީޓް" ވިއްކައިލުމުގެ އެންމެ ކުޑަ އަގެއްގެ ގޮތުގައި ބޭންކުން ކަނޑައަޅާފައިވަނީ 21.14 މިލިއަން ޑޮލަރެވެ.

ބިޑް ޑޮކިއުމަންޓް ގަތުމުގެ ފުރުސަތު އަންނަ މަހުގެ 18 ވަނަ ދުވަހާ ހަމައަށް ހުޅުވާލާފައިވާ އިރު، ޑޮކިއުމަންޓް ގަންނަން 2،000 ޑޮލަރު އަދި 25،000 ޑޮލަރުގެ ޑިޕޮސިޓެއް ބަހައްޓަން ޖެހެ އެވެ.

ބިޑް ހުށަހެޅުމުގެ ސުންގަނޑި އަކީ އަންނަ މަހުގެ 23 ވަނަ ދުވަހުގެ މެންދުރު 2:00 އެވެ.

ބިޑް ކާމިޔާބުކުރާ ފަރާތުން 30 ދުވަހުގެ ތެރޭގައި ކާމިޔާބުކުރި އަގުގެ 25 ޕަސަންޓު އަދި 60 ދުވަހުގެ ތެރޭގައި ބާކީ ބައި ދައްކައި ހަލާސް ކުރަންޖެހޭނެ ކަމަށް ބޭންކް އޮފް ސިލޯނުން ބުންޏެވެ.