Roadha Mihaaru
އިންޑިއާ ސިފައިން އެރީ އޮޅުމެއްގެ ތެރެއިން: މިނިސްޓަރު

ދޯނިތަކަށް އިންޑިއާ ސިފައިން އެރީ އޮޅުމެއްގެ ތެރެއިން ކަމަށް އެ ގައުމުން އެންގި: މިނިސްޓަރު

25 މާޗް 2024

ރާއްޖޭގެ ކަނޑު ސަރަހައްދުގައި އޮތް ތިން މަސް ދޯންޏަށް އިންޑިއާގެ ކަނޑުގެ ސިފައިން އެރީ "މިސް ކޮމިއުނިކޭޝަން"އެއްގެ ތެރެއިން ކަމަށް އެ ގައުމުން ރަސްމީކޮށް އަންގާފައިވާ ކަމަށް ޑިފެންސް މިނިސްޓަރު ޣައްސާން މައުމޫން މިއަދު ވިދާޅުވެއްޖެ އެވެ.

ނާޒިމް ހަސަން ނާޒިމް ހަސަން

ރާއްޖޭގެ ކަނޑު ސަރަހައްދުގައި އޮތް ތިން މަސް ދޯންޏަށް އިންޑިއާގެ ކަނޑުގެ ސިފައިން އެރީ "މިސް ކޮމިއުނިކޭޝަން"އެއްގެ ތެރެއިން ކަމަށް އެ ގައުމުން ރަސްމީކޮށް އަންގާފައިވާ ކަމަށް ޑިފެންސް މިނިސްޓަރު ޣައްސާން މައުމޫން މިއަދު ވިދާޅުވެއްޖެ އެވެ.

ތިން މަސް ދޯންޏަކަށް އިންޑިއާ ސިފައިން އެރި މައްސަލާގައި އެކަން ހިނގި ގޮތް ސާފުކުރަން އިންޑިއާގައި ސަރުކާރުން އެދިފައިވާއިރު، ކުރީގެ ޑިފެންސް މިނިސްޓަރު މާރިޔާ ދީދީ ވިދާޅުވެފައި ވަނީ އޭނާއަށް މައުލޫމާތު ލިބިފައިވާ ގޮތުން އިންޑިއާ ސިފައިން ދޯނިތަކަށް އެރީ އެމްއެންޑީއެފް އަށް ނުގުޅިގެން ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގައި މެންބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން މިއަދު ޣައްސާން ވިދާޅުވީ އިންޑިއާ ސިފައިން ރާއްޖޭގެ މަސް ދޯނިތަކަށް އެމްއެންޑީއެފް އަށް އެންގުމަކާ ނުލައި އެރީ "މިސް ކޮމިއުނިކޭޝަން"އެއްގެ ތެރެއިން ކަމަށް އަންގާފައިވާ ކަމަށެވެ. ނަމަވެސް، އިންޑިއާ ސިފައިން މަސް ދޯނިތަކަށް އެރި ސަބަބެއް ކަމަށް އަންގާފައިވަނީ އެ ދޯނިތަކުގައި ސެޓްލައިޓް ފޯނު ގެންގުޅޭތީ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"ސެޓްލައިޓް ފޯނު ބޭނުން ކުރާތީ އެއީ އެ މީހުން ގަބޫލު ކުރާ ގޮތުގައި ގަވައިދާ ހިލާފު ކަމެއް ކަމަށް ބުނެ ބޯޑް ކުރީ. އެހެންނަމަވެސް އެއީ އިންޑިއާގެ ސަރަހައްދު ތެރޭގައި އެ ފޯނު ބޭނުން ކުރުން، އިންޑިއާގެ ގަވައިދަކަށް ގެނެވުނު ބަދަލަކުން އޮތީ މަނާ ކުރެވިފައި. އެހެންނަމަވެސް ދިވެހިރާއްޖޭގައި އެއީ ބޭނުން ކުރެވޭ ފޯނެއް. އަދި އަޅުގަނޑުމެންގެ ގަވައިދުން ވަކި ވަރަކަށް ބޭރަށް ނުކުންނަ ނަމަ، ގެންގުޅުން ލާޒިމް ކުރާ ފޯނެއް. އެހެންވީމަ ދިވެހިރާއްޖޭގެ މަސްވެރިން ތިބީ ގާނޫނުތަކަށް ތަބާވެގެން،" ޣައްސާން ވިދާޅުވި އެވެ.

މަސް ދޯނިތަކަށް އިންޑިއާ ސިފައިން އެރީ "މިސް ކޮމިއުނިކޭޝަން"އެއްގެ ތެރެއިން ކަމަށް އެ ގައުމުން އަންގާފައިވާއިރު، އެއީ މިނިސްޓަރު ގަބޫލު ކުރައްވާ ކަމެއްތޯ ނޫނީ އެކަމުގައި ފޮރުވިފައިވާ އެހެން ކަމެއް އޮވެދާނެ ކަމަށް ގަބޫލުކުރައްވަންތޯ ހުޅުމާލެ ދާއިރާގެ މެންބަރު އަލީ ނިޔާޒު ސުވާލު ކުރެއްވި އެވެ.

"އަޅުގަނޑު ހަމަ ވަރަށް ބޮޑަށް ގަބޫލު ކުރަން މިސް ކޮމިއުނިކޭޝަންއެއް ކަމަށް. ދިވެހިރާއްޖޭގެ އެކުވެރި ގައުމަކުން ރަސްމީކޮށް ދެއްވާފައި އޮތް ޖަވާބަކީ އެއީ ކަމަށް ވާތީ، އަދި އަޅުގަނޑުމެންގެ ޗީފް އޮފް ޑިފެންސް ފޯސް އެ ދުވަސްވަރު ނިއު ދިއްލީއަށް ކުރެއްވި ދަތުރުފުޅެއްގައި ހަމަ އިންޑިއާގެ އެންމެ މަތީ ޕޮލިސީ ލެވެލްގެ ބޭފުޅުންނާ ބައްދަލުވީމަ ވެސް ދެއްވި ޖަވާބަކީ އެއީ. އަޅުގަނޑުމެން އެ ވާހަކަ ގަބޫލު ކުރަން،" އެ ސުވާލަށް ޖަވާބު ދެއްވަމުން ޣައްސާން ވިދާޅުވި އެވެ.

ޣައްސާން ވިދާޅުވީ ކަނޑު މަތީ އޮޕަރޭޝަންތައް ހިންގާއިރު އަވަށްޓެރި އެއް ގައުމުން އަނެއް ގައުމަށް މައުލޫމާތު ފޯރުކޮށްދިނުމަށް މިހާރު ވެސް ގިނަ ވަސީލަތްތަކެއް އެބަހުރި ކަމަށެވެ.

ރާއްޖޭގެ ކޯސްޓްގާޑަށް އެމެޖެންސީ ހާލަތުގައި ގުޅޭނެ ނަންބަރުތަކެއް އެބަހުރި ކަމަށާއި ރާއްޖޭގެ ޑިފެންސް އެޑްވައިޒަރުން ވެސް އަވަށްޓެރި ގައުމުތަކުގައި އަދި އެ ގައުމުގެ ޑިފެންސް އެޑްވައިޒަރުން ރާއްޖޭގައި ވެސް ތިބޭ ކަން މިނިސްޓަރު ފާހަގަ ކުރެއްވި އެވެ.

ނަމަވެސް، އިންޑިއާ ސިފައިން ރާއްޖޭގެ ދޯނިތަކަށް އެރުމަށް ހިންގި އޮޕަރޭޝަންއާ ގުޅޭ އެއްވެސް މައުލޫމާތެއް ރާއްޖެއަށް ހިއްސާކޮށްފައި ނެތް ކަމަށާއި އެއީ ހައިރާންކަން ލިބުނު ކަމެއް ކަމަށް ޣައްސާން ވިދާޅުވި އެވެ.

"މިހާތަނަށް ކަން ހިނގަމުންދާ ގޮތަކީ މިކަހަލަ އޮޕަރޭޝަނެއް ހިންގާ ވަގުތު ހުރިހާ ފަރާތަކަށް މައުލޫމާތު ހިއްސާ ކުރެވިގެން ކުރިއަށް ގެންދިޔުން. އެ ދުވަހު ކަންތައްވީ ގޮތުގައި އަޅުގަނޑުމެންނަށް ހައިރާންކަމެއް ލިބުނު ކަމަކީ އެކަހަލަ ކޯޑިނޭޝަނެއް ހިނގާފައި ނެތުން،" މިނިސްޓަރު ވިދާޅުވި އެވެ.

"މުސްތަގުބަލުގައި ކުރެވޭނެ ކަމަކީ ކޯޑިނޭޝަން އިތުރުކޮށް ހުރިހާ ގައުމެއް ގުޅިގެން މަސައްކަތް ކުރެވޭނެ ނިޒާމެއް ކަށަވަރު ކުރުން."

އިންޑިއާ ސިފައިން މަސް ދޯނިތަކަށް އެރި މައްސަލާގައި ޣައްސާން މަޖިލީހަށް ޖަވާބުދާރީވަނީ: އިންޑިއާ އިން އަންގާފައިވަނީ އެކަން ކުރެވިފައިވަނީ އޮޅުމެއްގެ ތެރެއިން ކަމަށް މިނިސްޓަރު ވިދާޅުވި

އިންޑިއާ ސިފައިން މަސް ދޯނިތަކަށް އެރި މައްސަލާގައި ޣައްސާން މަޖިލީހަށް ޖަވާބުދާރީވަނީ: އިންޑިއާ އިން އަންގާފައިވަނީ އެކަން ކުރެވިފައިވަނީ އޮޅުމެއްގެ ތެރެއިން ކަމަށް މިނިސްޓަރު ވިދާޅުވި

ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް ހުށަހެޅުއްވި ސުވާލަށް ޖަވާބު ދެއްވަމުން ޣައްސާން ވިދާޅުވީ ރާއްޖޭގެ ދޯނިތަކަށް އިންޑިއާ ސިފައިން އެރީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ތިއްބާކަން ރަސްމީ މަސްދަރުތަކުން ކަށަވަރު ކުރެވިފައިވާ ކަމަށެވެ. އިންޑިއާ ސިފައިން ދޯނިތަކަށް އެރުމުގެ ކުރިން ވެސް އެ ދޯނިތައް ހަރަކާތްތެރިވަމުން ދިޔައީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ކަމަށާއި އިންޑިއާގެ ސަރަހައްދަށް ދޯނިތައް ވަދެފައިނުވާ ކަމަށް ވިދާޅުވި އެވެ.

މިފަދަ ހާދިސާތައް ހިނގުމުގެ މައިގަނޑު ސަބަބަކީ ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބޮޑުވެފައި އެ ސަރަހައްދު ބެލެހެއްޓުމަށް ބޭނުންވާ އެކަށީގެންވާ ވަސީލަތްތައް ދައުލަތުގައި ނެތުން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"މިފަދަ ހާދިސާތައް ހިނގުން ހުއްޓުވުމަށް ކުރެވޭނެ އެންމެ މުހިންމު ކަމަކީ ރާއްޖޭގެ ސަރަހައްދު ބެލެހެއްޓުމަށް ބޭނުންވާ ގާބިލްކަން ދިވެހި އަސްކަރިއްޔާގައި ގާއިމް ކުރުން. ރާއްޖޭގެ ކަނޑުގެ ސަރަހައްދު 24 ބެލެހެއްޓޭނެ ކަމުގެ ޔަގީންކަން އެހެނިހެން ގައުމުތަކަށް ވެސް ލިއްބައިދިނުން،" މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ރާއްޖޭގެ ކަނޑުގެ ސަރަހައްދު 24 ގަޑިއިރު ބެލެހެއްޓުމަށް ބޭނުންވާ ވަސީލަތްތައް ހޯދުމުގެ މަސައްކަތް ރައީސް ޑރ. މުހައްމަދު މުއިއްޒު ގެންދަވަނީ ކުރައްވަމުން ކަމަށާއި އެކަން ކާމިޔާބުވާނެ ކަމަށެވެ.

އޭނާ އިޝާރަތް ކުރެއްވީ ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބަލަހައްޓަން ތުރުކީ އިން ގެނައި އަސްކަރީ ޑްރޯންތަކަށެވެ. އެ ޑްރޯންތަކުގެ އެހީގައި މިހާރު ދިވެހި ސިފައިން ގެންދަނީ ކަނޑުގެ ސަރަަހައްދު ޕެޓްރޯލް ކުރަމުންނެވެ. ނަމަވެސް، ގައުމީ ސަލާމަތަށްޓަކައި ޑްރޯންތަކާ ގުޅޭ މައުލޫމާތު ހާމަ ނުކުރަން ސަރުކާރުން ވަނީ ނިންމައިފަ އެވެ. ޣައްސާން ވިދާޅުވީ އެ މައުލޫމާތު މަޖިލީހުގެ 241 ކޮމިޓީއާ ހިއްސާކުރާނެ ކަމަށެވެ.