Roadha Mihaaru
ނަޝީދަށް ދިން ހަމަލާއާ ގުޅޭ އާ މައުލޫމާތު ހޯދަނީ

ނަޝީދަށް ދިން ހަމަލާއާ ގުޅޭ އާ މައުލޫމާތު ހޯދަން އެދިއްޖެ

25 މާޗް 2024

ރައްޔިތުން މަޖިލީހުގެ ކުރީގެ ރައީސް މުހައްމަދު ނަޝީދަށް މެއި 6، 2021 ގައި ދިން ޓެރަރިސްޓް ހަމަލާއާ ގުޅޭ އިތުރު ތަފްސީލްތަކެއް ހުރި ކަމަށް ޑިފެންސް މިނިސްޓަރު ޣައްސާން މައުމޫން ވިދާޅުވުމާ ގުޅިގެން އެ މައުލޫމާތު ހޯދުމަށް މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ މިއަދު ހުށަހަޅުއްވައިފި އެވެ.

އައިޝަތު ނުޒުހާ އައިޝަތު ނުޒުހާ

ރައްޔިތުން މަޖިލީހުގެ ކުރީގެ ރައީސް މުހައްމަދު ނަޝީދަށް މެއި 6، 2021 ގައި ދިން ޓެރަރިސްޓް ހަމަލާއާ ގުޅޭ އިތުރު ތަފްސީލްތަކެއް ހުރި ކަމަށް ޑިފެންސް މިނިސްޓަރު ޣައްސާން މައުމޫން ވިދާޅުވުމާ ގުޅިގެން އެ މައުލޫމާތު ހޯދުމަށް މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ މިއަދު ހުށަހަޅުއްވައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ އަށް ޣައްސާން ހާޒިރުކޮށް ސުވާލުކޮށްފައިވާއިރު، އިމްތިޔާޒް ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ޣައްސާން ވިދާޅުވީ އެ މައްސަލަ ވަރަށް ގާތުން ބަލަމުން ގެންދާނެ ކަމަށާއި މިހާތަނަށް ބެލި ބެލުމުގެ ބައެއް އާ މައުލޫމާތު ލިބިފައިވާ ކަމަށެވެ.

އޭނާ ވިދާޅުވީ، މަޖިލީހުން އެދޭ ނަމަ އެ މައުލޫމާތުތައް ހިއްސާކުރައްވާނެ ކަމަށެވެ.

ޣައްސާން އެހެން ވިދާޅުވުމާ ގުޅިގެން މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމަށް، އިމްތިޔާޒް ފޮނުއްވި ސިޓީއެއްގައި ވަނީ އެ މައުލޫމާތު މަޖިލީހުން ހޯދައިދެއްވައި އެ މައުލޫމާތުތަކުގެ އަލީގައި ކަމާ ގުޅޭ ކޮމިޓީން އެ މައްސަލަ ބަލައިދިނުމަށް އެދިވަޑައިގެންފަ އެވެ.

ނަޝީދަށް ދިން ހަމަލާއާ ގުޅިގެން މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ (241) ކޮމިޓީއިން އިންކުއަރީއެއް ވަނީ ހަދައިފަ އެވެ.

މެއި 6، 2021 ގައި ނަޝީދަށް ދިން ހަމަލާއާ ގުޅިގެން އަށް މީހެއްގެ މައްޗަށް ދައުވާކޮށްފައިވެ އެވެ. އެ މީހުންގެ ތެރެއިން ބޮން ގޮއްވުމުގައި އަމަލީ ގޮތުން ބައިވެރިވި އަދުހަމް އަހުމަދުގެ މައްޗަށް ކުށް ސާބިތުވެ، އޭނާގެ މައްޗަށް 23 އަހަރުގެ ޖަލު ހުކުމެއް ވަނީ އިއްވައިފަ އެވެ. ބާކީ ތިބި ހަތް މީހުންގެ ޝަރީއަތް އަދިވެސް ނުނިމެ އެވެ.