Roadha Mihaaru
ހަމަލާގެ ތަހުގީގު މައުލޫމާތު ނަޝީދަށް ދެއްވާ: އެމްޑީޕީ

ހަމަލާގެ ތަހުގީގާ ބެހޭ މައުލޫމާތު ނަޝީދަށް ދޭން އެމްޑީޕީން އެދިއްޖެ

28 މެއި 2021

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަ ކޮށްލަން ދިން ޓެރަރިސްޓް ހަމަލާގެ ތަހުގީގުގެ މައުލޫމާތު ފުލުހުން ސީދާ އެ މަނިކުފާނަށް ދޭން އެމްޑީޕީން ރޭ އެދިއްޖެ އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަ ކޮށްލަން ދިން ޓެރަރިސްޓް ހަމަލާގެ ތަހުގީގުގެ މައުލޫމާތު ފުލުހުން ސީދާ އެ މަނިކުފާނަށް ދޭން އެމްޑީޕީން ރޭ އެދިއްޖެ އެވެ.

އެ ޕާޓީގެ އޮފީހުގައި ބޭއްވި މީޑިއާ ބްރީފިންއެެއްގައި އެމްޑީޕީގެ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފު ވިދާޅުވީ، ފުލުހުން މިހާރު ކުރަމުންދާ ތަހުގީގުގެ މައުލޫމާތު ލިބުމަކީ ވަރަށް މުހިއްމު ކަމެއް ކަމަށެވެ. އެހެންވެ، އެ މައުލޫމާތު ނަޝީދަށް ދެއްވަން ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު އަރިހު އެދިވަޑައިގެންފައިވާ ކަމަށް ވެސް ހަސަން ވިދާޅުވި އެވެ.

"އަދި ކޮމިޝަނާ އޮފް ޕޮލިސް ވަނީ އެކަމަށް އެއްބަސް ވެސް ވެވަޑައިގެންފައި. އެހެންވީމާ އިރާދަކުރެއްވިއްޔާ ފުލުހުން އެ ހަމަޖައްސާ އިންތިޒާމެއްގެ ތެރެއިން ރައީސް ނަޝީދަށް އެ މައުލޫމާތު ލިބޭކަން އަޅުގަނޑުމެން އަނެއްކާ ވެސް ބަލަމުން ގެންދާނަން،" އޭނާ ވިދާޅުވި އެވެ.

އެމްޑީޕީގެ ޗެއާޕާސަންގެ ހައިސިއްޔަތުން ހަސަން މި ވާހަކަ ދައްކަވާފައި ވަނީ ތަހުގީގުގެ މައުލޫމާތު ފުލުހުން ނަޝީދަށް ނުދޭތީ، އަދި އެމައުލޫމާތު ރައީސް އޮފީހުން ހޯއްދަވަން ޖެހިވަޑައިގަންނަވާތީ އެ މަނިކުފާނު ކަންބޮޑުވުން ފާޅުކުރައްވާފައި ވަނިކޮށެވެ. އެ ނަޝީދުގެ ފަރާތްޕުޅުން އެ ކަންބޮޑުވުން ފާޅުކުރެއްވީ މަޖިލީހުގެ ބިލެއްދޫ ދާއިރާގެ އެމްޑީޕީ މެމްބަރު އަހުމަދު ހަލީމް (ދޮންބިލެތް ހަލީމް) އެެވެ.

މައުލޫމާތު ހިއްސާކުރަން ކަމިޝަނަރު ހަމީދު އަރިހުން އެދިވަޑައިގެންފައި ވާ ވާހަކަ ރޭގެ ބްރީފިންގައި ހަސަަން ވިދާޅުވީ، ބެލެވޭ ގޮތުގައި ރައީސް އޮފީހުގެ މިނިސްޓަރު އަދި އެމްޑީޕީގެ ނައިބު ރައީސް މުހައްމަދު ޝިފާޒް އެކަމަށް އިޝާރާތް ކުރެއްވުމުންނެވެ. މީޑިއާ ބްރީފިން ފެށުމުގެ ގޮތުން ހަސަން ދެއްކެވި ވާހަކަ ނިންމަވާލަައްވާފައި ޝިފާޒަށް ފުރުސަތު ދެއްވަން އުޅުއްވުމުން، ކަރުދާސްގަނޑެއްގައި ގަލަމުން ފާހަގަ ޖައްސަވައި ޝިފާޒް ހަަސަން އަށް އިޝާރާތް ކުރައްވާ މަންޒަރު ފެނުނެވެ.

"އަދި އެއް ކަމެއް އަޅުގަނޑު ފާހަގަކޮށްްލަން ބޭނުންތެރި ކަމަށް އެބަ ފެނޭ. އެއީ އަޅުގަނޑު ދެކޭގޮތުގައި މި މައްސަލައިގައި އަނިޔާވީ ފަރާތް، ރައީސް ނަޝީދު، ރައީސް ނަޝީދަށް މި މައްސަލަަ ތަހުގީގު ކުރެވެމުން ދާއިރު މައުލޫމާތު ލބުމަކީ، މިހާރު ފުލުހުން އެ ކުރާ ތަހުގީގުގެ މައުލޫމާތު ލިބުމަކީ ވަރަށް މުހިއްމު ކަމެއް،" ޝިފާޒްގެ އިޝާރާތާ ގުޅިގެން ހަސަން ވިދާޅުވި އެވެ.

ތަހުގީގުގެ މައުލޫމާތު ފުލުހުންގެ ފަރާތުން ނަޝީދަށް ލިބިވަޑައި ނުގަންނަވާ ކަމުގެ ކަންބޮޑުވުން ފާޅުކުރެއްވުމުން ރައީސް އޮފީހުން އިއްޔެ ބުނީ އެ މައުލޫމާތު މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ އާއި 241 ކޮމިޓީއަށް އަދި ވަކިވަކި ބައެއް މެމްބަރުންނަށް ފުލުހުން ދެމުން އަންނަ ކަަމަށެވެ.

އެމްޑީޕީން މީޑިއާ ބްރީފިންއެއް ބާއްވައި، ނަޝީދުގެ ތަހުގީގުގެ ކަންތައް ގާތުން ބަލާނެ ކަމުގެ ޔަގީންކަން އެޕާޓީގެ މެމްބަރުންނަށް ރޭ ދިން އިރު، ތަހުގީގު ކުރިއަށްދާ ގޮތާ ދޭތެރޭގައި ނަޝީދުގެ އަރިސް ބައެއް ބޭފުޅުން ގެންދަވަނީ ކަންބޮޑުވުން ފާޅުކުރައްވަމުންނެވެ. އެގޮތުން އެންމެ ބޮޑަށް ފާޅުކުރަމުން ގެންދަވާ ކަންބޮޑުވުމަކީ ހަމަލަ އަށް ހަރަދު ކުރި ބަޔަކު އަދި ނުހޯދި އޮތުމެވެ.