Roadha Mihaaru
އިންޑިއާގެ ސްޓޭޓެއްގައި އިސްލާމީ ސްކޫލްތައް މަނާކޮށްފި

އިންޑިއާގައި އާބާދީ އެންމެ ބޮޑު ސްޓޭޓްގައި އިސްލާމީ ސްކޫލްތައް މަނާކޮށްފި

25 މާޗް 2024

އިންޑިއާގެ އެންމެ އާބާދީ ބޮޑު ސްޓޭޓް ކަމަށްވާ އައްލާހްއާބާދުގެ ކޯޓަކުން، އިސްލާމީ ސްކޫލްތައް ހިންގުން މަނާވާ ގޮތަށް އިއްޔެ ހުކުމްކޮށްފި އެވެ.

އިންޑިއާގެ އެންމެ އާބާދީ ބޮޑު ސްޓޭޓް ކަމަށްވާ އައްލާހްއާބާދުގެ ކޯޓަކުން، އިސްލާމީ ސްކޫލްތައް ހިންގުން މަނާވާ ގޮތަށް އިއްޔެ ހުކުމްކޮށްފި އެވެ.

އިންޑިއާގެ އާންމު އިންތިހާބަށް ކުޑަތަންވެފައި ވަނިކޮށް، އުއްތަރްޕްރަދޭޝްގައި ހުންނަ އައްލާހްއާބާދު ހައި ކޯޓުން ކުރި ހުކުމުގައި ވަނީ އިސްލާމީ ސްކޫލްތައް 2004 ވަނަ އަހަރު އަމަލުކުރަން ފެށި "މަދަރުސާ އެކްޓް" ގެ ދަށުން ހިންގަމުން އަޔަސް އެ ގާނޫނު، ގާނޫނުއަސާސީއާ ހިލާފް ކަމަށެވެ.

ދުނިޔޭގެ އެންމެ ބޮޑު ޑިިމޮކްރަސީ ކަމަށްވާ އިންޑިއާގައި މުސްލިމުންނާ ދެކޮޅު މިފަދަ ނިންމުންތައް ގިނަވަމުން ދާއިރު އިއްޔެގެ ހުކުމުގައި ވަނީ އިސްލާމީ ސްކޫލް ނުވަތަ މަދަރުސާތައް ބަންދުކޮށް އެ ތަންތަނުގެ ދަރިވަރުން އާންމު، މެއިންސްޓްރީމް ސްކޫލްތަކަށް ބަދަލުކުރުމަށް ސަރަހައްދީ ސަރުކާރަށް އަންގައިފަ އެވެ.

"އަޅުގަނޑުމެން ދެކޭ ގޮތުގައި މަދަރުސާ އެކްޓް، 2004 އަކީ އިންޑިއާގެ ގާނޫނުއަސާސީގެ އަސާސް ކަމަށްވާ ސެކިއުލަރިޒަމްގެ އުސޫލާ ހިލާފު،" ހައި ކޯޓުން ނެރުނު އަމުރުގައިވެ އެވެ.

“ތައުލީމު ފޯރުކޮށްދިނުމަކީ ދައުލަތުގެ މައްޗަށް އޮތް އަސާސީ އެއް ވާޖިބަކަށް ވާއިރު އެކަން ކުރަން ޖެހޭނީ، ސެކިއުލާ [ވަކި ދީނަކަށް ތަބާނުވުމުގެ] އުސޫލާ ހިލާފް ނުވާ ގޮތަށް. ވަކި ދީނެއްގެ ތައުލީމާއި އެ ދީނެއްގެ އިރުޝާދުތަކާއި ބޭސްފަރުވާތަކާއި ފަލްސަފާތައް ސަރުކާރުން ހަމަޖައްސައިދިނުމަކީ ސަރުކާރަށް ކުރެވޭނެ ކަމެއް ނޫން."

މަދަރުސާތަކުން ގުރުއާނާއި އިސްލާމީ ތާރީހް ކިޔަވައިދޭއިރު ދަރިވަރުންނަށް ހިސާބާއި ސައިންސް ފަދަ އާންމު މާއްދާތައް ވެސް ކިޔަވައިދެ އެވެ.

ބައެއް ހިންދޫން، މުސްލިމުން މަދަރުސާއަށް ކުދިން ފޮނުވާ ގޮތަށް، އެ މީހުންގެ ދަރިން "ގުރޫކުލްސް" ގެ ނަމުން މަޝްހޫރު ހިންދީންގެ ދީނާއި ސަގާފަތް ކިޔަވައިދޭ ތަންތަނަށް ފޮނުވަ އެވެ. މިއީ ހިންދީންގެ "ގުރޫ" އިން ކިޔަވައިދޭ ތަންތަނެވެ.

މި ނިންމުން އައި އުއްތަރް ޕްރަދޭޝްގެ އާބާދީ 200 މިލިއަނަށް އަރާއިރު މުސްލިމުންގެ އާބާދީ އުޅެނީ ގާތްގަނޑަކަށް 20 ޕަސެންޓުގައި ކަމަށް 2011 ވަނަ އަހަރުގެ ބޯހިމެނުމުން ދައްކަ އެވެ.

ރޮއިޓާސް އިން ބުނި ގޮތުގައި ކޯޓުގެ ހުކުމާ އެކު 25،000 މަދަރުސާއަކުން 2.7 މިލިއަން ދަރިވަރުންނާއި 10،000 ޓީޗަރުންނަށް އަސަރުކުރާނެ އެވެ.

ހިންދީ ވަތަނީ ލީޑަރު، ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ވެރިކަމުގައި މުސްލިމުންނާ ދެކޮޅު ގިނަ ނިންމުންތަކެއް ނިންމާފައި ވާއިރު ދީނީ ބޮޑެތި ހަމަނުޖެހުންތައް ވެސް ހިނގާފައިވެ އެވެ. އަދި އަންނަ މަހު އިންތިހާބު ފެށުމާ ދިމާކޮށް ހިންދީން ރުއްސުމަށް މުސްލިމުންނާ ގުޅުން ހުރި އެތައް ކަމެއް ހިންދީންނަށް މޮޅުވާ ގޮތަށް ގެންދަނީ ބަދަލުކުރަމުންނެވެ.

ހައި ކޯޓުގެ މި ނިންމުން އަދި ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރެވޭނެ އެވެ.