Roadha Mihaaru
ރޭސިން ސައިކަލެއްގައި ޖެހި މީހަކު "މަރަށް ތެޅިތެޅި"!

ރޭސިން ސައިކަލެއްގައި ޖެހި މީހަކު "މަރަށް ތެޅިތެޅި"!

25 މާޗް 2024

މިދިޔަ ހުކުރު ދުވަހުގެ ރޭ ހުޅުމާލޭގައި އަލީ ނަސީރު ގެ ކައިރީގައި ހުންނަ "މަސްޖިދުއް ރަޝީދު" އަށް ދާން ގެއިން ނިކުތީ ތަރާވީސް ނަމާދަށެވެ. އާއިލާގެ އެންމެންހެން މިސްކިތަށް ތަރާވީހަށް ދިޔައިރު ގޭގައި ދެން ތިބި ކުޑަކުދިންނާއެކު ހުރީ 22 އަހަރުގެ ކާފަ ދަރިފުޅެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

މިދިޔަ ހުކުރު ދުވަހުގެ ރޭ ހުޅުމާލޭގައި އަލީ ނަސީރު ގެ ކައިރީގައި ހުންނަ "މަސްޖިދުއް ރަޝީދު" އަށް ދާން ގެއިން ނިކުތީ ތަރާވީސް ނަމާދަށެވެ. އާއިލާގެ އެންމެންހެން މިސްކިތަށް ތަރާވީހަށް ދިޔައިރު ގޭގައި ދެން ތިބި ކުޑަކުދިންނާއެކު ހުރީ 22 އަހަރުގެ ކާފަ ދަރިފުޅެވެ.

ގެ ކައިރީ ރޭސިން ޖަހާ އަޑު އޭރު ވެސް އިވެ އެވެ. އެކަމަކު ކުއްލިއަކަށް އިވުނު ބާރު އަޑާ އެކު ކޮއްކޮމެން ގޮވައިގެން ބެލްކަންޏަށް ނިކުމެ ބަލައިލި އިރު، މިސްކިތުން ފައިބައިގެން އައި 69 އަހަރުގެ ކާފަ އޮތީ އެކްސިޑެންޓުވެ "މަރަށް ތެޅިތެޅި" އެވެ.

"އަޅުގަނޑު ބުރުގާ އެޅުންތޯ ވެސް ނުބަލަން ހަމަ އަވަހަށް ދުވެފައި ކާފަ ކައިރިއަށް ދާން ތިރިއަށް ފޭބީ. އަޅުގަނޑު ބާރުބާރަށް މި ގޮވަނީ ކާކުގެ ސައިކަލެއްގައި ހެއްޔޭ ޖެހުނީ... ދެން އެތަނުން ކުއްޖަކު އައިސް ބުނެފި އޭނަ އަތުންނޭ ޖެހުނީ،" އަލީ ނަސީރުގެ ކާފަ ދަރިފުޅު ކިޔައިދިނެވެ.

އޭނާ އެ ތަނުން ނުގޮސް މަޑުކުރަން ބުނެ، ބައްޕަ އަށް ގުޅި ކަމަށާއި ފޯނު ބޭއްވިތަނާ ނަމާދުން ފައިބައިގެން މަންމަ (އަލީ ނަސީރުގެ ދަރިފުޅު) އަންނަނިކޮށް ފެނުނު ކަމަށް އޭނާ ބުންޏެވެ.

"އަޅުގަނޑު ހަޅޭއްލަވާ އަޑު އިވިގެން މަންމަ އަތުވެއްޖެ ދުވެފަ، ހަމަ އެ ވަގުތު އެތަނަށް ބައްޕަ ވެސް އައީ،" ކާފަ ދަރިފުޅު ބުންޏެވެ.

އެކަމަކު އެތަނުން ކާފަ ނަގައިގެން ހޮސްޕިޓަލަށް ގެންދިއުމަށް އެއްވެސް މީހަކު އެހީ ނުވި ކަމަށް އޭނާ ބުންޏެވެ.

"ބައްޕަ އައި ގަޑީގައި ގެ ކައިރީ އުޅޭ މީހެއް އައި ވޭނެއްގައި. އައިސް ބުނީ އަވަހަށް ކާފަ އަރުވާށޭ. އެކަމަކު އެތާނގައި ތިބި މީހުން އޭރުވެސް ބުނަމުން ދިޔަ ނުނަގާށޭ. އޭރު ވެސް ލޭތައް ބިންމަތީގައި ހަމަ ބައިވަރު އޮތް،" ކާފަ ދަރިފުޅު ކިޔައިދިނެވެ.

"މަންމަ އާއި ބައްޕަ، ކާފަ ގޮވައިގެން ހޮސްޕިޓަލަށް ގެންދިޔަ ފަހުން އެމްބިއުލާންސް އައިސް، ޕޮލިހުން ވެސް އައީ."

އަލީ ނަސީރުގެއަށް ވަންނަނިކޮށް ގައިގައި ޖެހި، އެކްސިށެންޓުވި ސައިކަލު.-- ފޮޓޯ: އާއިލާ

އަލީ ނަސީރުގެއަށް ވަންނަނިކޮށް ގައިގައި ޖެހި، އެކްސިށެންޓުވި ސައިކަލު.-- ފޮޓޯ: އާއިލާ

އޭނާ ބުނީ ކާފަ ނަމާދަށް ގެންދާ ގޮނޑި އޮތީ އެކްސިޑެންޓްވިތާ ކައިރީ ބާއްވާފައި ކަމަށާއި ފައިވާން ވެސް ކައިރިއަށް ގެނެސް ބާއްވާފައި އޮތް ކަމަށެވެ.

އަލީ ނަސީރުގެ ދަރިފުޅު، މުހައްމަދު ސާއިފް ބުނީ ބައްޕަގެ ބޮލުން ފަސް އިންޗި އަށް ވުރެ ބޮޑަށް ފަޅައިގެން ގޮސް، ސިކުނޑިއަށް ލޭ އެޅި، ފުއްޕާމެޔަށް ވެސް ގެއްލުން ވެފައިވާ ކަމަށެވެ.

ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާ ދިނުމަށްފަހު އަލީ ނަސީރަށް މިހާރު ފަރުދާ ދެމުން އަންނަނީ އޭޑީކޭ ހޮސްޕިޓަލް އައިސީޔޫގަ އެވެ.

"ދެންމެ ޑރ. ނިޔާފް ބެއްލެވުމަށްފަހު ވިދާޅުވީ އަދިވެސް ލޭ މަނާ ނުވާ ކަމަށް. ނަމަވެސް އެއް ދުވަސް އަދި ބަލާނެ ކަމަށް ލޭ މަނާ ވޭތޯ،" އޭނާ ބުންޏެވެ.

ސޯޝަލް މީޑިއާގައި ޖެހި ޕޯސްޓެއްގައި އޭނާ ވަނީ ބައްޕަ ހޮސްޕިޓަލަށް ގެންދަން އެހީތެރިވި މީހުންނަށް ޝުކުރު އަދާކޮށްފަ އެވެ. އަދި އޭނާ ވަނީ ބާރު ސްޕީޑުގައި ސައިކަލު ދުއްވާ މީހުންގެ ސަބަބުން އޭގެ ދެރަ އާއިލާތަކުން ތަހައްމަލް ކުރަމުންދާ ކަމަށް ބުނެފަ އެވެ.

"ހެޔޮ ނުވާނެ، ތިމާއަށް ތިމާ ފެނިގެން އުޅޭ ވައްތަރަށް ނުދުއްވަބަލަ. މި ފަދަ މީހުންގެ އަމަލުގެ ސަބަބުން ކިތައް ކިތައް އާއިލާތޯ ދާއިމަށް ނުކުޅެދި، ދުނިޔެ ދޫކޮށް އެ ދެރަ ތަހައްމަލް ކުރަމުން އެދަނީ،" އޭނާ ބުންޏެވެ.

ފުލުހުން ބުނީ މި މައްސަލައިގައި 27 އަހަރުގެ ޒުވާނަކު ހައްޔަރުކޮށް މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ. އަދި، އެ މައްސަލައިގެ ތަހުގީގަށް އޭނާ ބަންދުގައި ބެހެއްޓުމަށް ކޯޓުން ފަސް ދުވަސް ދީފައިވާ ކަމަށް ފުލުހުން ބުންޏެވެ.

މިދިޔަ އަހަރުގެ ޖޫން 27 ވަނަ ދުވަހުގެ ރޭ ފަތިސް ނަމާދުން ފައިބައިގެން ދަނިކޮށް ވެސް މާލޭގެ މަގުމަތިން ބާރު ސްޕީޑުގައި ދުއްވި ސައިކަލުން ޖެހި މީހަކަށް އަނިޔާވި އެވެ. އެކްސިޑެންޓްވީ އުމުރުން 50 އަހަރުގެ ގައުމީ ޔުނިވާސިޓީގެ ލެކްޗަރާ އަލީ ހަފީޒް އެވެ. އޭނާ އިތުރު ފަރުވާއަށް އިންޑިއާ އަށް ގެންދިއުމަށްފަހު ސެޕްޓެމްބަރު މަހު ވަނީ މާލެ ގެނެސްފަ އެވެ. މިހާރު ހާލު ރަނގަޅު ވަމުން އަންނަ ނަމަވެސް ކުރީގެ ދިރިއުޅުމަށް ނުދެވޭނެ ކަމަށް ޑޮކްޓަރުންނާ ހަވާލާދީ އާއިލާއިން ވަނީ ބުނެފަ އެވެ.

ތައުލީމީ ދާއިރާ އަށް 18 އަހަރަށް ވުރެ ގިނަ ދުވަހު ހިދުމަތް ކޮށްދެއްވާފައިވާ ހަފީޒްގެ އެކްސިޑެންޓާ ގުޅިގެން ސައިކަލު ދުއްވި، ރ. އިނގުރައިދޫ، ލެގޫން ވިއު، ޝަމްއާން އަބްދުލްޝަކޫރު، 22 ހައްޔަރުކުރި އެވެ. އޭނާ އަށް ދެ އަހަރުގެ ޖަލު ހުކުމެއް އަޔެވެ.