Roadha Mihaaru
ސްޕޯޓްސް ކާރު ދުއްވި މީހާގެ ވަނަވަރު އާންމުކޮށްފި

ސްޕޯޓްސް ކާރު ދުއްވި މީހާގެ ވަނަވަރު އާންމުކޮށްފި

06 ސެޕްޓެމްބަރ 2024

ހުޅުމާލޭ ސެންޓްރަލް ޕާކު ކައިރިން ބާރު ސްޕީޑުގައި ދުއްވި ސްޕޯޓްސް ކާރަކުން ޖެހި ޒުވާނަކު ރޭ ދަންވަރު ނިޔާވެފައިވާއިރު، އެ ކާރު ދުއްވި މީހާގެ ވަނަވަރު ފުލުހުން މިއަދު އާންމުކޮށްފި އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

ހުޅުމާލޭ ސެންޓްރަލް ޕާކު ކައިރިން ބާރު ސްޕީޑުގައި ދުއްވި ސްޕޯޓްސް ކާރަކުން ޖެހި ޒުވާނަކު ރޭ ދަންވަރު ނިޔާވެފައިވާއިރު، އެ ކާރު ދުއްވި މީހާގެ ވަނަވަރު ފުލުހުން މިއަދު އާންމުކޮށްފި އެވެ.

އެ މައްސަލާގައި ފުލުހުން ހައްޔަރުކުރީ ސ. ހިތަދޫ ވައިލެޓްފެހި މުހައްމަދު ވިސާމް ސިދުގީ، 26 އެވެ.

ފުލުހުން ބުނި ގޮތުގައި ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ކާރެއްގައި ސައިކަލަކުން ޖެހުނު އެކްސިޑެންޓިގެ ރިޕޯޓް ލިބުނީ ރޭ ދަންވަރު 2:48 ގަ އެވެ.

އެ ހާދިސާގައި އަނިޔާވީ ސައިކަލު ދުއްވަން އިން އުމުރުން 23 އަހަރުގެ ހަސަން ސަމާހަށެވެ. އެކަމަކު އެކްސިޑެންޓުގައި ލިބުނު އަނިޔާތަކަށް ހުޅުމާލޭ ހޮސްޕިޓަލުގައި ފަރުވާދެމުންދަނިކޮށް އޭނާ ވަނީ ނިޔާވެފަ އެވެ. ސެންޓްރަލް ޕާކު ކައިރީ ހުންނަ އުރީދޫ އޮފީސް އިމާރާތާ ދިމާލުން ހިނގި އެ އެކްސިޑެންޓުގައި ސަމާހު މަރުވީ ބޮލަށް ލިބުނު އަނިޔާތަކުގަ އެވެ. އެނގިފައިވާ ގޮތުގައި އޭނާ މަރުވީ ހޮސްޕިޓަލަށް ގެންދިޔަތާ ކުޑައިރުކޮޅެއް ފަހުންނެވެ.

ލ. އިސްދު އަށް އުފަން ސަމާހު ނިޔާވިއިރު އޭނާއަކީ ރޭ ދަންވަރު ހުޅުމާލޭގައި ބޭއްވި ޓީއެފްޖީ މެރަތަންގައި ބައިވެރިވާން މާލެ އައިސް އުޅުނު ޒުވާނެކެވެ. އެކްސިޑެންޓް ހިނގީ ވެސް މެރަތަން އޮންނަ ސަރަަހައްދަށް ސައިކަލުގައި ބައެއް ރައްޓެހިން ގެންގޮސްދިން ފަހުންނެވެ.

ސަމާހު ނިޔާވި އިރު އޭނާ ދިޔައީ އަންނަ މަހު ކައިވެންޏަށް ވެސް ތައްޔާރުވަމުން ކަމަށް އޭނާގެ ގާތް މީހުން ބުންޏެވެ.

ހަފްތާ ބަންދުގައި ހުޅުމާލޭގައި ސްޕޯޓްސް ކާރުތައް އާންމުންނަށް ނުރައްކާވާ ގޮތަށް ބާރު ސްޕީޑުގައި ދުއްވާކަމުގެ ޝަކުވާ އަބަދުވެސް އޮވެ އެވެ. މީގެ ކުރިން ވެސް ވަނީ ރޭގެ އެކްސިޑެންޓު ހިނގި ހިސާބުގައި، ބާރަށް ދުއްވި ކާރަކުން ސައިކަލެއްގައި ޖެހި ސައިކަލްގައި އިން މީހަކު މަރުވެފަ އެވެ. އަދި ހުޅުމާލެ 2 ގައި މިދިޔަ މަހު ވެސް ސްޕޯޓްސް ކާރެއް ބާރު ސްޕީޑުގައި ގޮސް ސައިކަލެއްގައި ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގި އެވެ.