Roadha Mihaaru

ގާނޫނީ އެއްވެސް ސިޔާސީ ހަރަކާތަކަށް ހުރަހެއް ނާޅާނެ: ސަރުކާރު

ގާނޫނީ ހަމަތަކުގެ މަތީން ހިންގާ އެއްވެސް ސިޔާސީ ހަރަކާތަކަށް މި ސަރުކާރުން ހުރަސް ނާޅާނެ ކަމަށާއި އެފަދަ ހަރަކާތްތަކަށް ފަހިކޮށްދެވެން އޮތް ކޮންމެ ފުރުސަތެއް ފަހިކޮށްދޭނެ ކަމަށް ސަރުކާރުން ރޭ ބުނެފި އެވެ.

ގާނޫނީ ސިޔާސީ ހަރަކާތަކަށް ހުރަހެއް ނާޅާނެ: ސަރުކާރު
އައިޝަތު ނުޒުހާ
އައިޝަތު ނުޒުހާ

10 އެޕްރީލް 2024

ގާނޫނީ ހަމަތަކުގެ މަތީން ހިންގާ އެއްވެސް ސިޔާސީ ހަރަކާތަކަށް މި ސަރުކާރުން ހުރަސް ނާޅާނެ ކަމަށާއި އެފަދަ ހަރަކާތްތަކަށް ފަހިކޮށްދެވެން އޮތް ކޮންމެ ފުރުސަތެއް ފަހިކޮށްދޭނެ ކަމަށް ސަރުކާރުން ރޭ ބުނެފި އެވެ.

ރައީސް އޮފީހުން ނެރުނު ނޫސްބަޔާނެއްގައި އެހެން ބުނީ، ކުރީގެ ރައީސް އަބްދުﷲ ޔާމީން އިސްވެ އުފައްދަން މަސައްކަތްކުރި ޕީއެންއެފް އުފެއްދުމުގެ ޖަލްސާ ރޭ 9:00 ގައި މާލޭގެ ޕްރައިވެޓް ސްކޫލެއް ކަމަށްވާ ޣިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލްގެ ހޯލްގައި ބާއްވަން އެ ސްކޫލުން ހުއްދަ ދިން ނަމަވެސް އިއްޔެގެ މެންދުރުފަހު އެ ސްކޫލުން އަމިއްލަ ހުއްދަ ބާތިލް ކުރުމުން އުފެދުނު ހަމަނުޖެހުންތަކާ ގުޅިގެންނެވެ. ހުއްދަ ބާތިލްކުރި ސަބަބެއް ކަމަށް ޕީއެންއެފަށް ފޮނުވި މެއިލްގައި ވަނީ ލޮޖިސްޓިކް މައްސަލަތަކެވެ.

މައްސަލަ ހޫނުވީ، ޣިޔާސުއްދީންގެ ހޯލް ދޫކުރުމުގެ އެއްބަސްވުން އެ ސްކޫލުން އަމިއްލަ އަށް ބާތިލްކުރި ނަމަވެސް ޕީއެންއެފުން އެ ޖަލްސާ ރޭ އެ ހޯލްގައި ބާއްވަން އުޅުމުންނެވެ.

އެކަމާ ގުޅިގެން ފާޑުކިޔުން އަމާޒުވެފައިވަނިކޮށް ރައީސް އޮފީހުން ނެރުނު ނޫސްބަޔާނެއްގައި ބުނީ، ފުލުހުން ޖަލްސާއަށް ހުރަސް އެޅީ އެ ސުކޫލުގައި އެ ޖަލްސާ ބާއްވަން އެ ސުކޫލުން އުޒުރުވެރިވުމާ ގުޅިގެން ކަމަށެވެ.

"ދެ ހަފުތާއަށް ވުރެ ދިގު ބަންދު ދުވަސްތަކަކަށް ފަހު، އަންނަ އާދީއްތަ ދުވަހު ސްކޫލްތައް ހުޅުވުމަށް ތައްޔާރުވަމުން ދާތީ އާއި އަދި އަހަރު ފަހު އިމްތިހާން ސްކޫލްތަކުގައި ކުރިއަށް ގެންދާ ދުވަސްވަރު ކަމަށް ވާތީ، އެއްވެސް ހަރަކާތެއް ހިންގުމަށް ސްކޫލް ހޯލްތައް ދޫކުރުމަކީ މި ވަގުތު ސްކޫލްތަކަށް ވަރަށް ދަތިކަމެކެވެ،" ސަރުކާރުގެ ބަޔާނުގައި ވެ އެވެ.

ރައީސް އޮފީހުން ބުނީ، މާލޭގެ އެއްވެސް ސްކޫލެއްގެ ހޯލް ލިބުމުގައި އޮތް ދަތިކަމަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން ޖަލްސާ ބޭއްވުމުގެ މަގު ފަހިކޮށްދިނުމުގެ ގޮތުން ސޯޝަލް ސެންޓަރުގެ މައި ހޯލު އެ ފަރާތްތަކަށް ސަރުކާރުގެ އަމިއްލަ އިސްނެގުމުގެ މަތިން ވަގުތުން ހަމަޖައްސާފައިދީފައި ވާނެ ކަމަށެވެ.

"ގާނޫނީ ހަމަތަކުގެ މަތީން ހިންގާ ސިޔާސީ ކޮންމެ ހަރަކާތަކަށް ވެސް ފަހިކޮށްދެވެން އޮތް ކޮންމެ ކަމެއް މި ސަރުކާރުން އަބަދުވެސް ކުރިއަށް ދާނީ ސިޔާސީ ޙަރަކާތްތަކަށް ޖާގަދީގެން، ގައުމުގެ ކުރިއެރުމާއި ރައްޔިތުންނަށް ލާބަ އާއި މަންފާ ހޯދައިދިނުމުގެ ވިސްނުން އިސްކޮށްގެންނެވެ،" ރައީސް އޮފީހުން ބުންޏެވެ.

ޣިޔާސުއްދީން ސްކޫލްގެ ހޯލް ޕީއެންއެފަށް ދޫކުރުމުގެ އެއްބަސްވުން އެ ސްކޫލުން ބާތިލް ކޮށްފައިވީ ނަމަވެސް އެ އަށް ބެލުމެއް ނެތި އެ ހޯލުގައި ޖަލްސާ ބާއްވަން އުޅުމުން ވަނީ ފުލުހުންނާއި ޕާޓީގެ ސަޕޯޓަރުންނާ ދެމެދު ކުރުމަތިލުމެއް ހިންގައިފަ އެވެ. އެ ކުރިމަތިލުން ހިނގީ ޣިޔާސުއްދީންގެ ހުއްދަ ނެތި އެ ސްކޫލްގެ ހޯލުގައި ޖަލްސާ ބާއްވަން ޕީއެންއެފުން މަސައްކަތް ކުރުމުން ރައްކާތެރިކަމަށް އެދި ސްކޫލުން އެޑިއުކޭޝަން މިނިސްޓްރީ މެދުވެރިކޮށް ހުށަހެޅުމާ އެކު، ފުލުހުން ސްކޫލްގެ ގޭޓް ބަންދު ކުރުމުންނެވެ.

އެ ހުރިހާ މައްސަލަގަނޑަކާ އެކު، ޕީއެންއެފް އުފެއްދުމުގެ ޖަލްސާ އެންމެ ފަހުން ބޭއްވީ ނިއު ޕޯޓް ކުރިން ހިންގި ސަރަހައްދު ނުވަތަ ސިނަމާލެ ބްރިޖު ޕްލެޓްފޯމުގަ އެވެ. ގާނޫނުގައި ބުނާ 300 މީހުން ހަމަކޮށް، ޕީއެންއެފް އުފެއްދުމުގެ ޖަލްސާ އެ ތަނުގައި ބޭއްވީ އިލެކްޝަންސް ކޮމިޝަންގެ މަންދޫބުންގެ ހާޒިރުގަ އެވެ.