Roadha Mihaaru
ވިލިމާލޭގައި ބެޓެރީ ވެހިކަލް ރަޖިސްޓްރީކުރަން އަންގައިފި

ވިލިމާލޭގައި ދުއްވާ ބެޓެރީ ވެހިކަލްތައް ކައުންސިލްގައި ރަޖިސްޓްރީކުރަން އަންގައިފި

05 ނޮވެމްބަރ 2021

ވިލިމާލޭގައި ދުއްވާ ބެޓެރީ އުޅަނދުތައް މާލޭ ސިޓީ ކައުންސިލުގައި ރަޖިސްޓްރީކުރަންޖެހޭ ގޮތަށް އެ ކައުންސިލުން ނިންމައިފި އެވެ.

ނަޖާހް މަސްއޫދު ނަޖާހް މަސްއޫދު

ވިލިމާލޭގައި ދުއްވާ ބެޓެރީ އުޅަނދުތައް މާލޭ ސިޓީ ކައުންސިލުގައި ރަޖިސްޓްރީކުރަންޖެހޭ ގޮތަށް އެ ކައުންސިލުން ނިންމައިފި އެވެ.

ސިޓީ ކައުންސިލުން އިއްޔެ ކުރި އިއުލާނެއްގައި ބުނީ، ވިލިމާލޭގައި ދުއްވާ ބެޓެރި ވެހިކަލްތަކުގެ އަދަދު އިތުރުވަމުންދާތީ، ވިލިމާލޭގައި ދުއްވާ ބެޓެރި ވެހިކަލްތަކުގެ ދަފްތަރެއް މާލެ ސިޓީ ކައުންސިލްގައި އެކުލަވާލަން ބޭނުންވާ ކަމަށެވެ.

އެހެންވެ، ވިލިމާލޭގައި ދުއްވާ ބެޓެރި ވެހިކަލްތައް އިއްޔެއިން ފެށިގެން 15 ދުވަހުގެ ތެރޭގައި ކައުންސިލްގައި ރަޖިސްޓްރީވުމަށް އެ އިއުލާނުގައި އެންގި އެވެ. މި މުއްދަތު ހަމަވާނީ މި މަހުގެ 19 ވަނަ ދުވަހު އެވެ.

އެ އިއުލާނުގައި އިތުރަށް ބުނީ، އެ މުއްދަތުގެ ފަހުން ވިލިމާލެއަށް އަރުވާ ބެޓެރި ވެހިކަލްތައް ވެސް ކައުންސިލްގައި ރަޖިސްޓްރީކުރަން ޖެހޭނެ ކަމަށެވެ.

ކައުންސިލުން ބުނީ މާލޭ ސިޓީ ކައުންސިލުގެ ވެބްސައިޓުގައި، އެކަމަށް ކަނޑައެޅިފައިވާ ލިންކުން އުޅަނދު ރަޖިސްޓްރީ ކުރެވޭނެ ކަމަށެވެ.

ވިލިމާލެ އަކީ ބެޓެރީ އުޅަނދުތައް ނޫން އެހެން އުޅަނދުތައް ދުއްވުން މަނާކޮށްފައި އޮންނަ ތަނެކެވެ. އެކަމަކު ފަހަކަށް އައިސް ބެޓަރީ އުޅަނދުތައް ވެސް ގިނަވެ، އެކަމުގެ އުނދަގޫ ކުރިމަތިވާ ކަމަށް ބުނެ ބައެއް އާންމުން ކަންބޮޑުވުން ފާޅު ކުރެ އެވެ.