Roadha Mihaaru

ކިހާދުއްފަރު ހިންގާ ކުންފުނި އެތަނުން ފައިބައި، 1.4 މިލިއަން ޑޮލަރު ދައްކަން ޖެހިއްޖެ

ބ. ކިހާދުއްފަރު އައިލެންޑް ރިސޯޓް މިހާރު ހިންގާ ކުންފުނި އެ ރިސޯޓުން ފޭބުމަށާއި އެ ތަނުގެ ކުއްޔާއި ޖޫރިމަނާގެ ގޮތުގައި 1.4 މިލިއަން ޑޮލަރު (21 މިލިއަން ރުފިޔާ) އެ ތަނުގެ އަސްލު ވެރި ފަރާތަށް ދައްކަން ސިވިލް ކޯޓުން ހުކުމްކޮށްފި އެވެ.

ކިހާދުއްފަރު ހިންގާ ކުންފުނި އެތަނުން ފައިބަން ޖެހިއްޖެ
މުއިއްޒު އިބްރާހިމް
މުއިއްޒު އިބްރާހިމް

19 ފެބުރުއަރީ 2017

ބ. ކިހާދުއްފަރު އައިލެންޑް ރިސޯޓް މިހާރު ހިންގާ ކުންފުނި އެ ރިސޯޓުން ފޭބުމަށާއި އެ ތަނުގެ ކުއްޔާއި ޖޫރިމަނާގެ ގޮތުގައި 1.4 މިލިއަން ޑޮލަރު (21 މިލިއަން ރުފިޔާ) އެ ތަނުގެ އަސްލު ވެރި ފަރާތަށް ދައްކަން ސިވިލް ކޯޓުން ހުކުމްކޮށްފި އެވެ.

އަތަމާ މެރިން އިންޓަނޭޝަނަލަށް ސަރުކާރުން ދޫކޮށްފައި އޮތް ކިހާދުއްފަރު ރިސޯޓް މިހާރު ހިންގަނީ އެމްއެޗް ލޫލޫ ނަމަކަށް ކިޔާ ބޭރު ކުންފުންޏަކުންނެވެ. ފަސް ތަރީގެ އެ ރިސޯޓް ހިންގުން ސަބް ލީސްކޮށް އެމްއެޗް ކުންފުންޏަށް ދީފައި އޮތުމަށް ފަހު މިދިޔަ ޑިސެމްބަރު މަހު އަތަމާ މެރިން ކުންފުނިން ވަނީ އެ ރިސޯޓް އެ ކުންފުންޏާ އަނބުރާ ހަވާލުކުރަން އަންގައިފަ އެވެ. އެއްބަސްވުން ބާތިލު ކޮށްފަ ނޯޓިސް ފޮނުވީ ޑިސެމްބަރު މަހުގެ ކުލި ނުދެއްކުމުންނެވެ.

އެ އެންގުމާ އެއްގޮތަށް އަމަލު ނުކުރުމުން އެ މައްސަލަ އަތަމާ ކުންފުނިން ކޯޓަށް ހުށަހެޅުމުން އެ ކޯޓުން މިދިޔަ ބުރާސްފަތި ދުވަހު އަމުރުކުރީ 10 ދުވަސް ތެރޭގައި އެމްއެޗް ކުންފުނި އެ ރިސޯޓުން ފައިބައި، އެތަން އަތަމާ ކުންފުންޏާ ހަވާލުކުރަން ޖެހޭނެ ކަމަށެވެ. އަދި އެ ތަނުގައި މި ވަގުތު ހުރި ތަކެތީގެ ތެރެއިން އެމްއެޗް ކުންފުނީގެ އެއްޗެހި ފިޔަވައި އިތުރު އެއްޗެއް އެ ރިސޯޓުން ބޭރަށް ނުގެންދެވޭނެ ކަމަށް އެ ހުކުމުގައިވެ އެވެ.

މީގެ އިތުރުން އެތަނުގެ ކުއްޔާއި، ގަވާއިދުން ކުލި ނުދެއްކުމުން ލިބުނު ގެއްލުމާއި އަރާފައިވާ ޖޫރިމަނާއާ އެކު 1.4 މިލިއަން ޑޮލަރު ދެ މަސް ތެރޭގައި ދެއްކުމަށް ވެސް އެ ހުކުމުގައި އަންގާފައިވެ އެވެ.

އެ ހުކުމުގައިވާ ގޮތުން ކިހާދުއްފަރު ހިންގުމާ ބެހޭ ގޮތުން އެ ދެ ކުންފުނީގެ ދެމެދުގައި އޮތް ސަބް ލީސް އެގްރިމެންޓް 2012 ގައި ވަނީ ނިމުމަކަށް އައިސްފަ އެވެ. އެހެންވެ، އަތަމާ ކުންފުނީގެ ނުރުހުމުގައި އެ ތަނުގައި ތިބުމުގެ ހައްގު އެމްއެޗް ކުންފުންޏަށް ނޯންނާނެ ކަމަށް ހުކުމުގައިވެ އެވެ.

އަތަމާ މެރިން ކުންފުނިން ނެގި 700 މިލިއަން ރުފިޔާގެ ލޯނެއް ނުދެއްކިއްޖެ ނަމަ ކިހާދުއްފަރު ވިއްކާލުމުގެ ބާރު ބޭންކަށް ލިބިގެންވާ ކަމަށް ދަށު ކޯޓާއި ހައި ކޯޓުން ކުރިން އޮތީ ހުކުމްކޮށްފަ އެވެ. އެ މައްސަލަ މިހާރު އޮތީ ސުޕްރީމް ކޯޓުގަ އެވެ.