Roadha Mihaaru
ވިއްސާރައިގައި ފީވަކުގެ 20 ގެއަކަށް ގެއްލުން

ވިއްސާރައިގައި ފީވަކުގެ 20 ގެއަކަށް ގެއްލުން

14 އެޕްރީލް 2024

ރާއްޖެއަށް އިއްޔެ ކުރި ވިއްސާރާގައި ށ. ފީވަކުގެ 20 ގެއަކަށް ގެއްލުން ލިބިފައިވާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން މިއަދު ބުނެފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ރާއްޖެއަށް އިއްޔެ ކުރި ވިއްސާރާގައި ށ. ފީވަކުގެ 20 ގެއަކަށް ގެއްލުން ލިބިފައިވާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން މިއަދު ބުނެފި އެވެ.

އެންޑީއެމްއޭ އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ އަތޮޅު ތެރެއަށް އިއްޔެ ކުރި ވިއްސާރާގައި ފީވަކުގެ 20 ގެއަކަށާއި ށ. ފޯކައިދޫގެ ތިން ގެއަކަށް ގެއްލުން ލިބިފައިވާ ކަމަށެވެ.

އެ އޮތޯރިޓީން ބުނި ގޮތުގައި ތ. ހިރިލަންދު އާއި ތ. ވަންދު އަށް ވެސް ބޯކޮށް ވާރޭވެހި ފެންބޮޑުވެގެން ފެން ހިއްކުމުގެ މަސައްކަތް ވަނީ ކޮށްފަ އެވެ. އަދި އެ ހާދިސާގައި ވަންދޫގެ ގެއަކަށް ގެއްލުން ލިބިފައިވާ ކަމަށް ވެސް ބުންޏެވެ.

ރާއްޖޭގެ އެކި ހިސާބުތަކަށް އަދި ވަކިން ހާއްސަކޮށް މާލެއަށް އާދަޔާ ހިލާފަށް ހޫނު ގަދަ ދުވަސްތަކެއް ތަޖުރިބާކުރަން ޖެހުމަށް ފަހު އިއްޔެ ކުރި ވިއްސާރާގައި މާލޭގައި ފެން ބޮޑުވެ، ވަރަށް ގިނަ ގެތަކަށް ގެއްލުން ލިބުނެވެ.

އެންޑީއެމްއޭ އިން މިއަދު ބުނީ މާލޭގެ އެކި ސަރަހައްދުތަކުގައި ފެންބޮޑުވެ، ފެންވަދެގެން ޖުމްލަ 132 ތަނަކުން ރިޕޯޓްކުރި ކަމަށެވެ. އޭގެ ތެރެއިން 122 ތަނަކަށް އެޓެންޑުވެ، 104 ތަނެއްގައި ޖުމްލަ 732 ވެލިބަސްތާ ޖެހި ކަމަށް އެ އޮތޯރިޓީން ބުންޏެވެ.

އެ ތަންތަނުގެ ތެރެއިން ދިރިއުޅެން ދަތިވާ ކަމަށް ރިޕޯޓް ކުރި 10 ގެއެއްގެ ރެޕިޑް އެސެސްމެންޓް ދިވެހި ރެޑް ކްރެސެންޓުގެ އެހީތެރިކަމާ އެކު ނިންމައި ދިރިއުޅެން ދަތިވާ ކަމަށް ފާހަގަކުރެވުނު ހަ ގެއެއްގެ ޖުމްލަ 42 މީހުންނަށް ވަގުތީ ބޯހިޔާވަހިކަމާއި ކެއިންބުއިން އެއް ރެއަށް ހަމަޖައްސައިދިން ކަމަށް ވެސް އެ އޮތޯރިޓީން ބުންޏެވެ.

ރެކޯޑް މިންވަރަކަށް ހޫނު ދުވަސްތަކެއް ދިއުމަށް ފަހު އިއްޔެ މެންދުރު ފަހު މާލެ އާއި ރާއްޖޭގެ އެކި ހިސާބުތަކަށް ކުރަން ފެށި ވިއްސާރާގައި މާލެއަށް ބޯކޮށް ވާރޭ ވެހި ހިނދުކޮޅެއްގެ ތެރޭގައި ފެން ބޮޑުވި އެވެ. އާންމުކޮށް ވެސް ފެން ބޮޑުވާ މަގުތަކުގައި ދަތުރުކޮށް ނޫޅެވޭ ވަރުވެ، ސިފައިން ނުކުމެ ވަނީ މަގުތަކުން ފެން ހިންދުމުގެ މަސައްކަތް ކޮށްފަ އެވެ.