Roadha Mihaaru
ފެންބޮޑުވި ރަށްތައް އާއްމު ހާލަތަކަށް ވަނީ ބަދަލުވެފައި

ފެންބޮޑުވި ރަށްތައް އާއްމު ހާލަތަކަށް ވަނީ ބަދަލުވެފައި: އެންޑީއެމްއޭ

31 މެއި 2019

ރާއްޖޭގެ ދެކުނުގެ ހިސާބުތަކަށް ކުރި ވިއްސާރައިގައި ފެންބޮޑުވި ރަށްތައް މިހާރު އާއްމު ހާލަތަކަށް ބަދަލުވެފައިވާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން މިއަދު ބުނެފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ރާއްޖޭގެ ދެކުނުގެ ހިސާބުތަކަށް ކުރި ވިއްސާރައިގައި ފެންބޮޑުވި ރަށްތައް މިހާރު އާއްމު ހާލަތަކަށް ބަދަލުވެފައިވާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން މިއަދު ބުނެފި އެވެ.

އެ އޮތޯރިޓީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޑެޕިއުޓީ ސީއީއޯ އުމަރު ފިކްރީ ވިދާޅުވީ ވިއްސާރައާ ގުޅިގެން އެކި ވަރުގެ ގެއްލުން ލިބިގެން ފަސް އަތޮޅަކުން ޖުމްލަ 16 ރަށަކުން ރިޕޯޓުކޮށްފައިވާ ކަމަށެވެ. އެއީ، ތ. ލ، ގއ. ގދ. އަދި މ. އަތޮޅެވެ.

ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީގެ ސީއީއޯ ހިސާން ހަސަން ވިދާޅުވީ ތ. ދިޔަމިގިލި، މަޑިފުށި، ގުރައިދޫ، އޮމަދޫ އަދި ކިނބިދު އަށް ބޯކޮށް ވާރޭވެހި ގޭގެ އަށް ފެންވަދެގެން އެކި ވަރުގެ ގެއްލުން ލިބިފައިވާ ކަމަށެވެ. ލ. އަތޮޅުން ކުނަހަންދޫ، ގަން، ފޮނަދޫ، މާމެންދޫ، މާވަށް އަދި ހިތަދު އަށް ވެސް ބޯކޮށް ވާރޭވެހިފައިވާ ކަމަށް ބުންޏެވެ.

ގއ. ވިލިނގިލި، ދާންދޫ، މާމެންދޫގެ އިތުރުން ގދ. ތިނަދޫ އަދި މ. ކޮޅުފުއްޓަކީ، ވިއްސާރައިގައި އެކި ވަރުގެ ގެއްލުންތައް ލިބިގެން ރިޕޯޓުކުރި ރަށެކެވެ.

ހިސާން ވިދާޅުވީ އެ ރަށްތަކުން މުޅި ޖުމްލަ 368 އަށްވުރެ ގިނަ ގެތަކަށް ފެން ވަދެފައިވާ ކަމަށެވެ. އެ އަދަދު އަދި ވެސް އިތުރުވާނެ ކަމަށް ލަފާކުރެވޭ ކަމަށް ވިދާޅުވި އެވެ.

އުމަރު ވިދާޅުވިގޮތުގައި 16 ރަށުގެ ތެރެއިން މި ވަގުތު ފެންބޮޑުވެފައި ވަނީ ހަމައެކަނި މަގުތަކުގައި ކަމަށެވެ. އެ ތަންތަނުން ފެން ހިންދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

ފެންވަނުމުގެ ސަބަބުން މާމެންދޫގެ ގެއަކަށް ގެއްލުންލިބިފައި.--

ފެންވަނުމުގެ ސަބަބުން މާމެންދޫގެ ގެއަކަށް ގެއްލުންލިބިފައި.--

"ހުރިހާ ރަށެއްގައި ވެސް ހެން އާއްމު ހާލަތަކަށް އައިސްފައި އޮތްކަން އަޅުގަނޑުމެންނަށް އެންމެ ފަހުގެ މައުލޫމާތުން އިނގެނީ. އަދިވެސް ފެން ހުރި ރަށެއްގައި ވިއްޔާ މިހާރު ހަމައެކަނި މަގުތަކުގައި ފެން ހުރި ކަމަށް މައުލޫމާތު ލިބިފައި އޮތީ. މަގުތަކުން ފެން ހިންދުމުގެ މަސައްކަތްތައް ވެސް ވަރަށް ބާރު ސްޕީޑެއްގައި ކައުންސިލްތަކާއި ޕޮލިސް، އެމްއެންޑީއެފް ގުޅިގެން ކުރަމުންދާ ކަމަށް މި އިނގެނީ،" އުމަރު ވިދާޅުވި އެވެ.

ވިލިނގިލީގައި 60 ވަރަކަށް ގެއަށް ފެން ވަންއިރު ހެނދުނު ވީއިރު ފެން ކޮންޓްރޯލް ކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ. އެ ރަށް ވެސް އާއްމު ހާލަތަކަށް އައިސްފައިވާ ކަމަށް ވިދާޅުވި އެވެ.

އެ ވިއްސާރައިގައި އެންމެ ބޮޑަށް ފެން ބޮޑުވީ މާމެންދޫގަ އެވެ. އިންޖީނުގެއަށް ފެން ވަނުމުގެ ސަބަބުން ރަށުން ކަރަންޓު ވެސް ކަނޑާލި އެވެ. ފަތިހު 5:00ގެ ފަހުން ރަށަށް ކަރަންޓު ދޭން ފަށާފައިވާއިރު އެ ރަށުގައި ވެސް މިހާރު ފެން ހުރީ ހަމައެކަނި މަގުތަކުގައި ކަމަށް އުމަރު ވިދާޅުވި އެވެ.

އުމަރު ވިދާޅުވީ ދިރިނޫޅެވޭ ވަރުވެގެން މީހުން ބަދަލުކުރީ 15 ވަރަކަށް ގެއިންކަމަށެވެ. އަދި އެ އޮތޯރިޓީއަށް ކޮންޓްރޯލްނުވާ ވަރަށް އެއްވެސް ރަށެއްގެ ހާލަތު ދަށަށް ނުދާކަމަށް ބުންޏެވެ.