Roadha Mihaaru
ޣައްޒާގައި ހަމަލާތައް ހުއްޓާލަން އެއްބަސްވެވޭ ގޮތެއްނުވޭ

ޣައްޒާގައި ހަމަލާތައް ހުއްޓާލުމަށް އެއްބަސް ނުވެވި އެއްބަޔަކު އަނެއް ބަޔަކު ކުށްވެރިކުރަނީ

15 އެޕްރީލް 2024

ފަލަސްތީނުގެ ޣައްޒާގައި ދެމުން ގެންދާ ހަމަލާތައް ހުއްޓާލައި ހަމާސް އިން ރަހީނުކޮށްފައިވާ ފަލަސްތީނު މީހުން މިނިވަންކުރުމާ ބެހޭ ގޮތުން ބާއްވަމުން ގެންދާ މަޝްވަރާތަކުގައި ކުރިއެރުން ނުލިބޭ މައްސަލައިގައި ހަމާސް އާއި އިޒްރޭލުން އެއްބަޔަކު އަނެއް ބަޔަކު ކުށްވެރިކޮށްފި އެވެ.

ފަލަސްތީނުގެ ޣައްޒާގައި ދެމުން ގެންދާ ހަމަލާތައް ހުއްޓާލައި ހަމާސް އިން ރަހީނުކޮށްފައިވާ ފަލަސްތީނު މީހުން މިނިވަންކުރުމާ ބެހޭ ގޮތުން ބާއްވަމުން ގެންދާ މަޝްވަރާތަކުގައި ކުރިއެރުން ނުލިބޭ މައްސަލައިގައި ހަމާސް އާއި އިޒްރޭލުން އެއްބަޔަކު އަނެއް ބަޔަކު ކުށްވެރިކޮށްފި އެވެ.

ހަމަލާތައް ހުއްޓާލުމާ ބެހޭ ގޮތުން ހަމާސް އަށް ހުށަހެޅި ހުށަހެޅުމަށް އެ ޖަމާއަތުން ހޮނިހިރު ދުވަހު ވަނީ ޖަވާބު ދީފަ އެވެ. އެ ޖަވާބު ދިނީ އިޒްރޭލަށް އީރާނުން ހަމަލާދޭން ތައްޔާރުވަމުން ދަނިކޮށެވެ. ހަމާސް އިން ޖަވާބު ދިންކަން އިއުލާނުކުރިތާ މާ ގިނައިރެއް ނުވެ އީރާނުން ވަނީ އިޒްރޭލަށް ޑްރޯން އާއި މިސައިލުން އެތައް ބައިވަރު ހަމަލާއެއް ފޮނުވާލައިފަ އެވެ.

ހަމާސް އިން ހުށަހެޅި ޖަވާބުގައި، މުޅި ހުށަހެޅުމަށް އެއްކޮށް ދެކޮޅު ނުހަދައި އެ ޖަމާއަތުން އަބަދުވެސް ބުނާ ވާހަކަތައް ވަނީ ތަކުރާރުކޮށްފަ އެވެ. އެއީ ދާއިމީކޮށް ހަމަލާތައް ހުއްޓާލުމާއި ޣައްޒާއިން އިޒްރޭލު ސިފައިން ފޭބުމުމެވެ. މިއީ އިޒްރޭލުން އަބަދުވެސް ދެކޮޅު ހަދާ ހުށަހެޅުމެކެވެ.

ހަމަލާތައް ދާއިމީކޮށް ހުއްޓާލަން އިޒްރޭލުން ދެކޮޅު ހަދާއިރު ޣައްޒާގައި އިޒްރޭލު ސިފައިން އެއްގަމު މަގުން ނާރައި އޮތް ހަމައެކަނި ސަރަހައްދު ކަމަށްވާ ރަފަހް އަށް އަރާނެ ކަމަށް އިޒްރޭލުގެ ބޮޑުވަޒީރު ބިންޔާމިން ނަތަންޔާހޫ ގެންދަވަނީ ތަކުރާރުކޮށް އިންޒާރު ދެމުންނެވެ. މިއީ ހަމާސް އިން މިހާރު ހިމާޔަތް ހޯދާ ސަރަހައްދެއް ކަމަށް އިޒްރޭލުން ބުނެ އެވެ.

ނަތަންޔާހޫ ވަނީ ޣައްޒާގެ ހަނގުރާމަވެރި ޖަމާއަތްތަކުން ރަހީނުކޮށްފައިވާ އިޒްރޭލު މީހުން މިނިވަންކުރުމަށް މިހާރު އޮތް ހަމައެކަނި ހުރަހަކީ ހަމާސް ކަމަށް ބުނެފަ އެވެ. ހަމާސްގެ ހުށަހެޅުންތަކުގައި އޮއްޓަރެއް ނެތް ކަމަށާއި ކޮންމެ ހުށަހެޅުމަކަށް ހަމާސް ދެކޮޅު ހަދަނީ ކަމަށް ވެސް ބުންޏެވެ.

އިއްޔެ އިޒްރޭލުގެ ޖާސޫސީ އިދާރާ މޮސާޑުން ބުނީ ހަމާސް އިން ހަމަލާ ހުއްޓާލަން ދެކޮޅު ހަދައިފި ކަމަށާއި އެހެންވެ ހަމާސްގެ ލީޑަރު ޔަހްޔާ ސިންވާރް، އިންސާނީ އެހީ ޣައްޒާއަށް ވައްދަން ބޭނުން ނުވަނީ ކަމަށެވެ. އެކަމަކު އަދިވެސް އެއްބަސްވުމަކަށް އާދެވޭތޯ މަސައްކަތްކުރާ ކަމަށް ބުންޏެވެ. -- އޭއެފްޕީ