Roadha Mihaaru
ހަމާސް އިން ސުލްހައިގެ ވާހަކަތަކުން ވަކިވަނީ

ދެ ކޮމާންޑަރަކަށް ހަމަލާއާ ދިނުމުން ސުލްހައިގެ ވާހަކަތަކުން ހަމާސް ވަކިވަނީ

15 ޖުލައި 2024

އިޒްރޭލުން ހަމާސްގެ އިސް ދެ ކޮމާންޑަރަކަށް އަމާޒުކޮށް ހަމަލާދީ އެތައް ބަޔަކު ޝަހީދުކޮށްލުމުން، ސުލްހައިގެ ވާހަކަތަކުން ހަމާސް ވަކިވާން ނިންމައިފި އެވެ.

އިޒްރޭލުން ހަމާސްގެ އިސް ދެ ކޮމާންޑަރަކަށް އަމާޒުކޮށް ހަމަލާދީ އެތައް ބަޔަކު ޝަހީދުކޮށްލުމުން، ސުލްހައިގެ ވާހަކަތަކުން ހަމާސް ވަކިވާން ނިންމައިފި އެވެ.

އިޒްރޭލުން ހަމާސްގެ އަސްކަރީ ލީޑަރު މުހައްމަދު އައް ޟައިފް އާއި ކޮމާންޑަރެއް ކަމަށްވާ ރަފާ ސަލާމާ އަށް ހަމަލާ ދިނީ އިޒްރޭލުން ރައްކާތެރި ސަރަހައްދުގެ ގޮތުގައި ކަނޑައަޅާފައިވާ ސަރަހައްދަކުންނެވެ. އެ ހަމަލާގައި 92 މީހަކު ޝަހީދުވެފައި ވާއިރު އިޒްރޭލުން ބުނެފައިވަނީ އެ ހަމަލާގައި ސަލާމާ އަވަހާރަވި ކަމަށެވެ.

އިޒްރޭލުން ބުނަނީ މި ދެ ބޭފުޅުންނަކީ އިޒްރޭލަށް އޮކްޓޫބަރު 7 ގައި ހަމާސް އިން ދިން ހަމަލާގެ މޭސްތިރިންގެ ތެރޭގައި ހިމެނޭ ބައެއް ކަމަށެވެ.

ހަމާސްގެ އިސް އޮފިޝަލަކު އޭއެފްޕީއަށް ވިދާޅުވީ މީގެ ނުވަ މަސް ކުރިން ފެށިގެން އިޒްރޭލުން ދެމުން ގެންދާ ހަމަލާތަކާއި ހަމާސްގެ ރައްދު ހަމަލާތައް ހުއްޓުމަކަށް ގެނެސް އިޒްރޭލުގެ ރަހީނުން މިނިވަންކުރުމާ ބެހޭ ގޮތުން ކުރަމުން އަންނަ މަޝްވަރާތަކުން ވަކިވާން ހަމާސް އިން މިހާރު ނިންމާފައިވާ ކަމަށެވެ. މިގޮތަށް ނިންމުމުގެ އެއް ސަބަބަކީ އިޒްރޭލުން އަދިވެސް ގަތުލްއާންމުތައް ހިންގަމުން ދިއުން ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

ޣައްޒާގައި ހުންނަ ހެލްތު މިނިސްޓްރީން ބުނި ގޮތުގައި އިޒްރޭލުން ދިން ހަމަލާގައި 92 މީހަކު ޝަހީދުވެފައި ވާއިރު 300 މީހަކު ޒަހަމްވެފައިވެ އެވެ.

ގަތަރުގައި އުޅުއްވާ، ހަމާސްގެ ސިޔާސީ ގޮފީގެ ވެރިޔާ އިސްމާއިލް ހަނިއްޔާ ވަނީ ހަމަލާތައް ހުއްޓާލުމާ ގުޅޭ މަޝްވަރާގައި އިޒްރޭލުގެ ސީރިއަސްކަމެއް ނެތުމާއި މަޝްވަރާތައް ލަސްކޮށް އަދި ހުރަސްތައް ކުރިމަތިކުރާތީ އާއި ހަތިޔާރެއް ނެތް އާންމުންނާ ދެކޮޅަށް ހަމަލާދީ ގަތުލްއާންމުތައް ހިންގާތީ މަޝްވަރާތަކުން ވަކިވާން ނިންމިކަން މެދުވެރިންގެ ދައުރު އަދާކުރާ ގައުމުތަކަށް ދަންނަވާފައި ކަމަށް ހަމާސްގެ އޮފިޝަލް ވިދާޅުވި އެވެ.

އެކަމަކު މި ކަންކަން އިޒްރޭލުން ރަނގަޅުކޮށްފި ނަމަ އަލުން މަޝްވަރާތައް ފަށަން ހަމާސް ތައްޔާރަށް އޮންނާނެ ކަމަށް ވެސް ވަނީ ބުނެފަ އެވެ.

އިޒްރޭލަށް ހަމާސްއިން ހަމަލާދީ ހާހަކަށްވުރެ ގިނަ މީހުން މަރާލައި 250 އަށް ވުރެ ގިނަ މީހުން ރަހީނުކުރުމާ އެކު އިޒްރޭލުން ދޭން ފެށި ހަމަލާތަކުގައި ފަލަސްތީނުން މިހާތަނަށް 38،000 އަށް ވުރެ ގިނަ މީހުން ވަނީ ޝަހީދުވެފަ އެވެ. ހަމަލާ ދެނީ ހަމާސް ނައްތާލަން ކަމަށް ބުންޏަސް ގެއްލުންވަމުންދަނީ އާންމުންނަށެވެ.