Roadha Mihaaru
އިޒްރޭލުގެ ވެރިން ހައްޔަރުކުރަން އަމުރުކޮށްފާނެތީ ބިރުން

އިޒްރޭލުގެ ވެރިން ހައްޔަރުކުރަން އައިސީސީން އަމުރު ނެރެފާނެ ކަމަށް ބިރުން

30 އެޕްރީލް 2024

އިޒްރޭލުން ފަލަސްތީނުގައި ހިންގާ ޖަރީމާތަކާ ގުޅިގެން އިޒްރޭލުގެ ވެރިން ހައްޔަރުކުރުމަށް ނުވަތަ އެ މައްސަލަ ތަހުގީގު ކުރުމަށް އިންޓަނޭޝަނަލް ކްރިމިނަލް ކޯޓް (އައިސީސީ) އިން އަމުރު ނެރެން އުޅޭ ކަމުގެ އަޑުތަކާ އެކު އިޒްރޭލުން ކަންބޮޑުވެ ބިރުން އުޅެން ފަށައިިފި އެވެ.

އިޒްރޭލުން ފަލަސްތީނުގައި ހިންގާ ޖަރީމާތަކާ ގުޅިގެން އިޒްރޭލުގެ ވެރިން ހައްޔަރުކުރުމަށް ނުވަތަ އެ މައްސަލަ ތަހުގީގު ކުރުމަށް އިންޓަނޭޝަނަލް ކްރިމިނަލް ކޯޓް (އައިސީސީ) އިން އަމުރު ނެރެން އުޅޭ ކަމުގެ އަޑުތަކާ އެކު އިޒްރޭލުން ކަންބޮޑުވެ ބިރުން އުޅެން ފަށައިިފި އެވެ.

އިޒްރޭލުގެ ބޮޑުވަޒީރު ބިންޔާމިން ނަތަންޔާހޫ އާއި އެހެން ބައެއް ވެރިން ހިމެނޭ ގޮތަށް އަމުރެއް ނެރެން އުޅޭ ކަމަށް އިޒްރޭލުގެ މީޑިއާގައި ވާހަކަ ދެކެވޭތާ ދުވަސްތަކެއް ފަހުން އިޒްރޭލުގެ ފޮރިން މިނިސްޓްރީން އާދީއްތަ ދުވަހު ވަނީ ގައުމުގެ ވެރިން ހައްޔަރުކުރުމުގެ އަމުރެއް ނެރެފާނެ ކަމުގެ މައުލޫމާތު މިހާރު ހިއްސާކޮށްފައިވާ ކަމަށް ބުނެފަ އެވެ.

ފޮރިން މިނިސްޓްރީން ބުނީ އިޒްރޭލުގެ އެކި އެމްބަސީތަކަށް ވެސް މިހާރު މި މައުލޫމާތު ދީފައިވާނެ ކަމަށެވެ.

މިކަމާ ބެހޭ ގޮތުން އައިސީސީން މިހާތަނަށް އެއްވެސް ވާހަކައެއް ނުދައްކަ އެވެ.

މި އަމުރު ނެރެން އުޅޭ ކަމަށް ބުނެ އިޒްރޭލުން ވަނީ 2014 ވަނަ އަހަރު އިޒްރޭލާއި ހަމާސްއާ ދެމެދު ކުރި ހަނގުރާމައާ ގުޅިގެން ފެށި ތަހުގީގުގެ ވާހަކަ ވެސް ދައްކައިފަ އެވެ. މީގެ ތިން އަހަރު ކުރިން އައިސީސީން ބަލަން ފެށި މި މައްސަލައިގެ އިތުރުން އިޒްރޭލުން ފަލަސްތީނުގެ ބިންތަކުގައި ގާނޫނާ ހިލާފަށް ޔަހޫދީން ވަޒަންވެރިކޮށް ފަލަސްތީނުގެ އާބާދީތައް ނައްތާލާ މައްސަލަ ވެސް ހިމެނެ އެވެ. އަދި މިހާރު ޣައްޒާގައި އިޒްރޭލުން ފަލަސްތީނުގެ 34،000 އަށް ވުރެ ގިނަ މީހުން ޝަހީދުކޮށްލާފައިވާ ޖަރީމާތަކުގެ މައްސަލަ ވެސް ހިމެނެ އެވެ.

އިޒްރޭލުގެ އިސް އޮފިޝަލުން ވަނީ އައިސީސީން މިފަދަ އަމުރެއް ނެރެން ނޫޅޭ ކަމުގެ ޔަގީންކަން ދިނުމަށް ގޮވާލައިފަ އެވެ. އަދި އިޒްރޭލާ ދެކޮޅަށް އަޅާ ފިޔަވަޅަކީ "އެންޓި-ސެމިޓިޒަމް" ނުވަތަ ޔަހޫދީންނަށް ނަފްރަތު ކުރުމުގެ އަމަލެއްގެ ގޮތުގައި ބެލިދާނެ ކަމުގެ އިންޒާރު ވެސް ދީފައިވެ އެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި އިޒްރޭލުން މިހާރު ވަނީ އައިސީސީން ނެރެފާނެ އަމުރަކާ މެދު ކަންބޮޑުވެ އެކަމުގެ ޝަކުވާ އެމެރިކާގައި ވެސް ކޮށްފަ އެވެ. އެމެރިކާ އާއި އިޒްރޭލަކީ ވެސް އައިސީސީގެ މެންބަރުންނެއް ނޫނެވެ. އެކަމަކު ފަލަސްތީނުން 2015 ވަނަ އަހަރު ވަނީ އައިސީސީ ބަލައިގެންފަ އެވެ.

އެމެރިކާއިން ވަނީ އައިސީސީން އިޒްރޭލުގެ މައްސަލަ ތަހުގީގުކުރަން އުޅޭ ކަމަށް ބުނާތީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އަދި ބުނެފައި ވަނީ އެ މައްސަލަ ބެލުމުގެ އިހްތިސާސް އައިސީސީ އަށް ނޯންނާނެ ކަމަށެވެ. އެކަމަކު އައިސީސީގެ ޗީފް ޕްރޮސިކިއުޓަރު ކަރީމް ޚާން މިދިޔަ އޮކްޓޫބަރު މަހު ވިދާޅުވެފައިވާ ގޮތުގައި ހަމާސް އާއި އިޒްރޭލާއި އިޒްރޭލުގެ ސިފައިން ހަނގުރާމައިގެ އެއްވެސް ޖަރީމާއެއް ޣައްޒާގައި ހިންގާ ނަމަ އެކަމެއް ބެލުމުގެ އިހްތިސާސް އެ ކޯޓަށް ލިބިގެންވެ އެވެ.

ޚާން ވިދާޅުވި ގޮތުގައި އައިސީސީން ބަލަމުން ދަނީ ޣައްޒާގައި އެއްވެސް ބަޔަކު ހަނގުރާމައިގެ ޖަރީމާއެއް ހިންގާފައި ވޭތޯ އާއި އެފަދަ އަމަލެއް ހިންގާފައިވާ ނަމަ އެކަމެއް ކުރި ބަޔަކު ޒިންމާކުރުވުމަށެވެ.

ހަނގުރާމައިގެ ޖަރީމާތަކާއި އިންސާނިއްޔަތާ ދެކޮޅަށް ހިންގާ ޖަރީމާތަކާއި ނަސްލު ނައްތާލުމުގެ ތުހުމަތުތަކުގައި ވަކިވަކި ފަރުދުންގެ ޝަރީއަތް ހިންގާ އައިސީސީގައި ކުރިއަށްދާ ތަހުގީގަކީ ހޭގްގައި ވެސް ހުންނަ އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) ގައި އިޒްރޭލާ ދެކޮޅަށް ފެށި ނަސްލު ނައްތާލުމުގެ މައްސަލައާ ވަކި ތަހުގީގެކެވެ.

ދުނިޔޭގެ ކޯޓުގެ ގޮތުގައި ބަލަމުން އަންނަ އައިސީޖޭ އަކީ ދައުލަތްތަކުގެ މެދުގައި އުފެދޭ މައްސަލަތައް ބެލުމަށް އދ. އިން ގާއިމުކޮށްފައިވާ ކޯޓެކެވެ.