Roadha Mihaaru
ފެނަކައިގެ މެނޭޖަރުގެ ވާހަކަ ޕީއެންސީން ކުށްވެރިކޮށްފި

ކަރަންޓު ދޭންވީ ޕާޓީގެ ގެތަކަށް އެކަނި ކަމަށް ފެނަކައިގެ މެނޭޖަރަކު ވިދާޅުވުމުން ޕީއެންސީން އެކަން ކުށްވެރިކޮށްފި

15 އެޕްރީލް 2024

އަންނަ އާދިއްތަ ދުވަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ކެމްޕެއިނަށް ރޭ ހއ. ދިއްދޫގައި ބޭއްވި ޖަލްސާގައި، ކަރަންޓު ދޫކުރަންވީ ސަރުކާރު ހިންގާ ޕާޓީގެ ގެތަކަށް އެކަނި ކަމަށް ފެނަކައިގެ އެސިސްޓެންޓް މެނޭޖަރު އަބްދުﷲ ރަޝީދު ވިދާޅުވި މައްސަލަ ޕީއެންސީ އިން މިއަދު ކުށްވެރިކޮށްފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

އަންނަ އާދިއްތަ ދުވަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ކެމްޕެއިނަށް ރޭ ހއ. ދިއްދޫގައި ބޭއްވި ޖަލްސާގައި، ކަރަންޓު ދޫކުރަންވީ ސަރުކާރު ހިންގާ ޕާޓީގެ ގެތަކަށް އެކަނި ކަމަށް ފެނަކައިގެ އެސިސްޓެންޓް މެނޭޖަރު އަބްދުﷲ ރަޝީދު ވިދާޅުވި މައްސަލަ ޕީއެންސީ އިން މިއަދު ކުށްވެރިކޮށްފި އެވެ.

ސަރުކާރު ހިންގާ ކޯލިޝަންގެ މައި ޕާޓީ، ޕީއެންސީން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ، "ކަރަންޓު ހަމައެކަނި ދޫކުރަންވީ ޕާޓީ ގެތަކަށް" ކަމަށް ބުނެ ފެނަކައިގެ އެސިސްޓެންޓް މެނޭޖަރުގެ މަގާމުގައި ހުންނެވި އަބްދުﷲ ރަޝީދު ދިއްދޫގައި ރޭ ބޭއްވި ކެމްޕެއިން ޖަލްސާގައި ދެއްކި ވާހަކަތައް ވަރަށް ހަރުކަށިކޮށް ކުށްވެރިކުރާ ކަމަށެވެ.

"އޭނާ ދެއްކި ވާހަކަތަކަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސިޔާސަތެއް ނޫން. އަދި މި ޕާޓީގެ ސިޔާސަތެއް ވެސް ނޫން. ރައީސް މުއިއްޒުގެ ސިޔާސަތަކީ ވަކި ފިކުރަކަށް ނުބަލައި ރައްޔިތުންނަށް ފޯރުކޮށްދޭން ޖެހޭ ހިދުމަތްތައް ފޯރުކޮށްދިނުމުގެ ސިޔާސަތެއް ކަމުގައި ދަންނަވަން،" އެ ޕޯސްޓުގައި ވެ އެވެ.

ރައީސް މުއިއްޒު ވެސް ވަނީ އެ ޕޯސްޓަށް ތާއީދު ކުރެއްވުމުގެ ގޮތުން ރީޕޯސްޓް ކުރައްވައިފަ އެވެ.

ދިއްދޫ ދާއިރާއަށް ޕީއެންސީގެ ޓިކެޓުގައި ވާދަކުރައްވާ އަބްދުލް ލަތީފް މުހައްމަދުގެ ކެމްޕޭން ޖަލްސާގައި އަބްދުﷲ ރަޝީދު ވިދާޅުވީ ކަރަންޓު ދޭކަން ވެސް އެއީ ނަސީބެއް ކަމަށާއި ކަރަންޓު ދޫކުރަންވީ ގެތަށް ބަލައި ވަކިވަކިން ކަމަށެވެ.

މަޖިލިސް އިންތިހާބުގެ ނިމެންދެން ކަރަންޓު ދޫކުރަންވީ ޕީއެންސީގެ މީހުންނަށް އެކަނި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މި މައްސަލާގައި ޕީޕީއެމް/ޕީއެންސީގެ މީޑިއާގެ ވަޓްސްއެޕް ގްރޫޕްގައި ބައެއް ނޫސްވެރިން ސުވާލުކުރުމުން ތަރުޖަމާން ހީނާ ވަލީދު ވިދާޅުވީ އަބްދުﷲ ރަޝީދުގެ މައްސަލަ ބަލައި އަޅަން ޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށެވެ.

ފެނަކައިގެ އެސިސްޓެންޓު މެނޭޖަރު ކަމަށް އަބްދުﷲ ރަޝީދު އައްޔަނުކުރީ މިދިޔަ ފެބްރުއަރީ މަހު އެވެ.

ރައީސް އަދި ޕީއެންސީގެ ރައީސް މުއިއްޒު ވިދާޅުވަމުން ގެންދަވަނީ އެއްވެސް ފިކުރެއްގެ ބަޔަކާ މެދު ތަފާތު ކުރުންތައް ނުގެންގުޅުއްވާނެ ކަމަށެވެ.