Roadha Mihaaru
ދެ ދާއިރާއެއް އިތުރުކޮށް ގައުމީ އިނާމަށް ހުޅުވާލަނީ

ގައުމިއްޔަތުގެ ދާއިރާ އިތުރުކޮށް ގައުމީ އިނާމަށް ކުރިމަތިލުމަށް ހުޅުވާލަނީ

18 އެޕްރީލް 2024

ގައުމީ އިނާމަށް ދެ ދާއިރާއެއް އިތުރުކޮށް، އެ އިނާމަށް ކުރިމަތިލުމުގެ ފުރުސަތު އަންނަ އަންގާރަ ދުވަހު ހުޅުވާލަން ނިންމައިފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ގައުމީ އިނާމަށް ދެ ދާއިރާއެއް އިތުރުކޮށް، އެ އިނާމަށް ކުރިމަތިލުމުގެ ފުރުސަތު އަންނަ އަންގާރަ ދުވަހު ހުޅުވާލަން ނިންމައިފި އެވެ.

ރައީސް އޮފީހުން ބުނީ މި އަހަރުގެ ގައުމީ އިނާމަށް ނަން ހުށަހެޅުމުގެ ފުރުސަތު އަންނަ އަންގާރަ ދުވަހު ހުޅުވާލުމަށް ގައުމީ އިނާމާ ބެހޭ ކޮމިޓީން ހަމަޖައްސާފައިވާ ކަމަށެވެ. އަދި ގައުމީ އިނާމާ ބެހޭ ކޮމިޓީން މިހާރު ވަނީ އިނާމު ދޭ ދާއިރާތަކާއި ރޮނގުތަކާ ބެހޭ ގޮތުން ކަމާ ބެހޭ އިދާރާތަކުގެ ހިޔާލު ހޯދައިފައި ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.

ގައުމީ އިނާމު ދޭ ދާއިރާތަކުގެ ތެރެއަށް މި އަހަރު ދެ ދާއިރާއެއް އިތުރުކޮށްފައިވާ ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ. އެއީ؛

• ދިވެހި ގައުމިއްޔަތުގެ ދާއިރާ

ދިވެހި ގައުމިއްޔަތުގެ ދާއިރާއިން އިނާމު ދިނުމުގައި ކޮމިޓީން ބަލާނެ ރޮނގުތަކުގެ ތެރޭގައި ހިމެނެނީ، ދިވެހިންގެ މެދުގައި އެއްބައެއްވަންތަކަން އާލާކުރުމާއި ދެމެހެއްޓުމަށް މަސައްކަތްކުރުމާއި، އިސްލާމީ މިންގަނޑުގެ ތެރެއިން "އިސްލާމީ ދިވެހި ސަގާފީ އާދަކާދަތައް" ދިރުވައި އާލާކުރުމަށް މަސައްކަތްކުރުމާއި ދިވެހިންގެ އަސާސީ ދެމިތިބުމާއި ދިވެހި ރަށްވެހިކަމާއި ވަޒަންވެރިކަމަށް ފަހިވާނޭހެން އިލްމާއި ވިސްނުމާއި ފަންނިއްޔާތާއި އުފެއްދުންތެރިކަން ރާއްޖެއަށް ވެހިކުރުމެވެ.

• ދެމިހުންނަނިވި ހާއްސަ ހިދުމަތެއް ކުރުމުގެ ދާއިރާ

މި ދާއިރާއިން އިނާމު ދިނުމުގައި ބަލާ ގޮތަށް ހަމަޖެހިފައި ވަނީ އެ މީހަކަށް ލިބިފައިވާ ހާއްސަ ހުނަރެއް ބޭނުންކޮށްގެން، ޒަމާންތަކަކަށް ދެމިހުންނަނިވި ގޮތަކަށް ކޮށްފައި ހުރި، މުޖުތަމައު އިން ބަލައިގަނެފައިވާ ހާއްސަ ހިދުމަތަށާއި ދިވެހި ދައުލަތުގެ ހިމާޔަތުގައި ކޮށްފައިވާ ހާއްސަ ހިދުމަތަށެވެ. އަދި މި ދާއިރާ އިން އިނާމު ދިނުމުގައި ބަލާ ގޮތަށް ހަމަޖެހިފައި ވަނީ ހިދުމަތްކޮށްދީފައިވާ ގޮތަށާއި ފެންވަރަށާއި ދެމިހުންނަނިވި މިންވަރަށެވެ.

ގައުމީ އިނާމުގެ ގޮތުގައި ދެނީ ޝަރަފުވެރިކަމުގެ ގައުމީ އިނާމާއި ހިތްވަރު ދިނުމުގެ ގައުމީ އިނާމެވެ.

ޝަރަފުވެރިކަމުގެ ގައުމީ އިނާމުގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ދެއްވާނީ، އައްޑަނައަކާއި ޝަރަފުގެ ބެޖަކާއި ހަނދާނީ ލިޔުމެކެވެ. އަދި ހިތްވަރު ދިނުމުގެ ގައުމީ އިނާމުގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ދެއްވާނީ، ހަނދާނީ ފިލަޔަކާއި ހަނދާނީ ލިޔުމެކެވެ.

ރައީސް އޮފީހުން ބުނީ ގައުމީ އިނާމު މި އަހަރު ވެސް ދޭނީ ގައުމީ ދުވަހުގެ މުނާސަބަތުގައި ބާއްވާ ރަސްމީ ޖަލްސާގައި ކަމަށެވެ.

މި އަހަރުގެ ގައުމީ ދުވަހަކީ އަންނަ ސެޕްޓެމްބަރު މަހުގެ ހަތަރު ވަނަ ދުވަހެވެ.