Roadha Mihaaru
4 ދައުރަށް ފަހު މަޖިލީހުގެ ރައީސް އަސްލަމް ކަޓައިފި

ހަތަރު ދައުރަށް ފަހު މަޖިލީހުގެ ރައީސް އަސްލަމް ކަޓައިފި

21 އެޕްރީލް 2024

ރައްޔިތުންގެ މަޖިލީހުގައި ހަތަރު ދައުރު ފުރިހަމަ ކުރެއްވި، މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމަށް ހިތަދޫ އުތުރު ދާއިރާގެ ގޮނޑި ގެއްލިއްޖެ އެވެ.

އައިޝަތު ނުޒުހާ އައިޝަތު ނުޒުހާ

ރައްޔިތުންގެ މަޖިލީހުގައި ހަތަރު ދައުރު ފުރިހަމަ ކުރެއްވި، މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމަށް ހިތަދޫ އުތުރު ދާއިރާގެ ގޮނޑި ގެއްލިއްޖެ އެވެ.

މިއަދު ކުރިއަށް ގެންދިޔަ 20 ވަނަ މަޖިލީހުގެ އިންތިހާބުގައި ހިތަދޫ އުތުރު ދާއިރާގެ ގޮނޑިއަށް ޖުމްލަ ހަތް ކެންޑިޑޭޓުން ވާދަކުރެއްވި އެވެ.

އިންތިހާބުގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން މި ގޮނޑި ކާމިޔާބު ކުރެއްވީ، ސަރުކާރު ހިންގާ ޕާޓީ ޕީއެންސީގެ ކެންޑިޑޭޓު މުހައްމަދު ސިނާން (ސިނާ) އެވެ. ސިނާންއާ އެންމެ ގާތުން ވާދަކުރެއްވީ އަސްލަމް އެވެ.

މި ދާއިރާގެ ގޮނޑިއަށް ދެން ވާދަކުރައްވާފައިވަނީ އަމިއްލަ ގޮތުން ވާދަކުރެއްވި އިމްދާދު ޒުބެއިރާއި އަހުމަދު ސައީދާއި މުހައްމަދު މިރުޒާގާއި ޝަބީނާ އިބްރާހިމް ދީދީގެ އިތުރުން ޝަޒީމާ ރަޝީދެވެ.

ރައްޔިތުންގެ މަޖިލިހުގެ 7 ގޮނޑީގައި ވެސް މިހާރު ތިއްބެވީ އެމްޑީޕީގެ މެމްބަރުންނެވެ. އެކަމަކު، ކުރިއަށް އޮތް 20 ވަނަ ރައްޔިތުންގެ މަޖިލިހަށް އައްޑު އަށް އެއް ގޮނޑި އިތުރު ކޮށްފައިވާއިރު އެމްޑީޕީ އަށް މި ފަހަރު ކާމިޔާބު ކުރެވުނީ އެންމެ ގޮނޑި އެކެވެ.

އަސްލަމަކީ ރައްޔިތުންގެ މަޖިލީހުގައި މިވަގުތު ތިއްބެވި އެންމެ ގިނަ ދުވަސްވީ އެންމެ މެންބަރެވެ. މިދިޔަ ނޮވެންބަރު މަހުން ފެށިގެން މަޖިލީހުގެ ރައީސްކަން ކުރައްވަމުން ގެންދަވާ އަސްލަމް ވަނީ މަޖިލީހުގައި ހަތަރު ދައުރު ފުރިހަމަ ކުރައްވާފައިފަ އެވެ.

މިއީ މި ދާއިރާގެ ގޮނޑި ޕީއެންސީއިން ކާމިޔާބު ކުރި ފުރަތަމަ ފަހަރެވެ.