Roadha Mihaaru
ޖޭޕީ ޓިކެޓް ދޫކޮށް، ނިޝާމާގެ ތާއީދު ފަޒީލަށް

ދާންދޫ ދާއިރާގެ ޖޭޕީ ޓިކެޓް ދޫކޮށް، ނިޝާމާގެ ތާއީދު ޕީއެންސީގެ ކެންޑިޑޭޓު ފަޒީލަށް!

26 މާޗް 2024

އަންނަ މަހުގެ 21 ގައި ބާއްވާ ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގައި ގއ. ދާންދޫ ދާއިރާ އަށް ވާދަކުރައްވާ ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ކެންޑިޑޭޓު ނިޝާމާ މުހައްމަދު އެ ޓިކެޓް ދޫކޮށްލައްވައި، ސަރުކާރު ކޯލިޝަންގެ ކެންޑިޑޭޓު މުހައްމަދު ފަޒީލަށް ތާއީދު ކުރައްވަން ނިންމަވައިފި އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

އަންނަ މަހުގެ 21 ގައި ބާއްވާ ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގައި ގއ. ދާންދޫ ދާއިރާ އަށް ވާދަކުރައްވާ ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ކެންޑިޑޭޓު ނިޝާމާ މުހައްމަދު އެ ޓިކެޓް ދޫކޮށްލައްވައި، ސަރުކާރު ކޯލިޝަންގެ ކެންޑިޑޭޓު މުހައްމަދު ފަޒީލަށް ތާއީދު ކުރައްވަން ނިންމަވައިފި އެވެ.

ޕީއެންސީގެ ކެންޑިޑޭޓާ ސަލާން ކުރައްވަން ހުންނަވަނިކޮށް ނަގާފައިވާ ފޮޓޯއަކާ އެކު، ރޭ ނިޝާމާ ކުރެއްވި ޕޯސްޓެއްގައި ވަނީ ދާންދޫ ދާއިރާގެ ގޮނޑި އަށް ވާދަކުރައްވަން ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމް އޭނާ އަށް ދެއްވި ފުރުސަތަށް ޝުކުރު އަދާކުރައްވައިފަ އެވެ.

ޖޭޕީގެ ކައުންސިލް މެމްބަރު ނިޝާމާ ވިދާޅުވީ، މަޖިލިސް އިންތިހާބާ ދެމެދު އޮތް މަދު ދުވަސްކޮޅުގެ ތެރޭގައި ނުކުމެވަޑައިގެން ކުރެއްވި މަސައްކަތުގައި ރައްޔިތުންގެ ލޯތްބާއި އިހުތިރާމާއި އެއްބާރުލުން އޭނާ އަށް ލިބުނު ކަމަށެވެ.

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ޑެޕިއުޓީ މިނިސްޓަރުކަން ކުރެއްވި ނިޝާމާ ވިދާޅުވީ، އިންތިހާބެއް ކާމިޔާބު ކުރުމަށް ހިތްވަރާ އެކު ކުރާ މަސައްކަތެއްގެ އިތުރަށް ވަރަށް ބޮޑެތި ހަރަދުތައް ކެންޑިޑޭޓު ކުރަން ޖެހޭ ކަމަށެވެ.

"ވަގުތު ނެތުމާއި އަދި ފަންޑު ބޭސް ނެތުމާ އެކު، އެދެވޭ ނަތީޖާއެއް ލިބިދާނެ ކަމަށް އޅުގަނޑަށް އުންމީދެއް ނުކުރެވޭ،" އެ ޕޯސްޓުގައި އޭނާ ވިދާޅުވި އެވެ.

ނިޝާމާ ވިދާޅުވީ، މި ހާލަތުގައި އެންމެ ރަނގަޅު ގޮތް ކަމަށް އޭނާ އަށް ވިސްނިވަޑައިގަތީ، މަޖިލިސް އިންތިހާބުގައި ދާންދޫ ދާއިރާގައި ސަރުކާރު ތަމްސީލު ކުރާ ޕާޓީގެ ކެންޑިޑޭޓަށް ތާއީދު ކުރެއްވުން ކަމަށެވެ. އެހެންވެ، ނިޝާމާ ވަނީ އެ ދާއިރާގައި އޭނާ އަށް ތާއީދު ކުރާ، ދާއިރާގެ ހުރިހާ މެމްބަރުން ވެސް ފަޒީލަށް ތާއީދު ކުރުމަށް އެދިވަޑައިގެންފަ އެވެ.

ދާންދޫ ދާއިރާގެ ޓިކެޓް ލިބުނު ކެންޑިޑޭޓަކު ޓިކެޓް ދޫކޮށް، ސަރުކާރު ކެންޑިޑޭޓް ފަހަތަށް އަރާފައި ވާއިރު މައްޗަންގޮޅި މެދުދާއިރާގެ ޕީއެންސީގެ ޓިކެޓުގައި ވާދަކުރުމަށް ޕްރައިމަރީ ކާމިޔާބުކުރި މުހައްމަދު އަބްދުލް ގާދިރު (ކޫކު) ވަނީ އެ ދާއިރާ އަށް އަމިއްލަ ގޮތުން ވާދަކުރާ ކެންޑިޑޭޓް އަހުމަދު ޒަމީރަށް ތާއީދު ކުރަން ރޭ ނިންމައިފަ އެވެ.

ޒަމީރުގެ ކެމްޕެއިން ޖަގަހަ ހުޅުވުމަށް ރޭ ބޭއްވި ޖަލްސާގައި ކުކޫ ވަނީ ބައިވެރިވެފަ އެވެ.