Roadha Mihaaru
10،000 މީޓަރު ރެކޯޑަށްވުރެ ބާރަށް ޝަމްހާ ދުވެފި

ރެކޯޑަށްވުރެ ބާރަށް ޝަމްހާ ދުވެފި، އެކަމަކު ރެކޯޑެއް ކަމަށް އަދި ކަނޑަނާޅާ

22 އެޕްރީލް 2024

ޖަރުމަނުގެ ސީގްބާގްގައި ކުރިއަށް ދިޔަ 10،000 މީޓަރުގެ ރެހުގައި ވާދަކޮށް، ޝަމްހާ އަހްމަދު، ރާއްޖޭގެ ގައުމީ ރެކޯޑަށް ވުރެ އަވަހަށް ރޭސް ނިންމައިފި އެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

ޖަރުމަނުގެ ސީގްބާގްގައި ކުރިއަށް ދިޔަ 10،000 މީޓަރުގެ ރެހުގައި ވާދަކޮށް، ޝަމްހާ އަހްމަދު، ރާއްޖޭގެ ގައުމީ ރެކޯޑަށް ވުރެ އަވަހަށް ރޭސް ނިންމައިފި އެވެ.

ނަމަވެސް، އޭނާގެ ރެކޯޑް ގައުމީ ރެކޯޑެއްގެ ގޮތުގައި ކަނޑައަޅާފައެއް ނުވެ އެވެ. މިކްސްކޮށް ވަނަތައް ހޮވި އިވެންޓްގައި ޝަމްހާ ރޭސް ނިންމީ 40 މިނެޓާއި 18.49 ސިކުންތުންނެވެ.

އެ އިވެންޓްގެ ރެކޯޑް މިހާރު ދަމަހައްޓަމުން ދަނީ މަރްޔަމް އަބްދުލް ކަރީމް (މަރީ) އެވެ. އޮސްޓްރޭލިއާގެ ގޯލްޑްކޯސްޓް މެރަތަންގައި ވާދަކޮށް، 10،000 މީޓަރު މަރީ ނިންމީ 44 މިނެޓާއި ހަތް ސިކުންތުންނެވެ.

ޝަމްހާގެ ކޯޗު ނަސްރުﷲ އަހްމަދު ބުނި ގޮތުގައި ޝަމްހާގެ ރެކޯޑް ގައުމީ ރެކޯޑެއްގައި އަދި ބަލައިގެނަފައި ނުވަނީ މިކްސް އިވެންޓަކަށް ވުމުން ކަމަށެވެ.

މިކަމާ ގުޅިގެން އެތުލެޓިކްސް އެސޯސިއޭޝަންގެ ޖެނަރަލް ސެކްރެޓަރީ އަހްމަދު މުންތަގިމް ވިދާޅުވީ، މިހާރު ގަވާއިދު އޮތް ގޮތުން މިކްސްޑް ޖެންޑާ އިވެންޓްތަކުގެ ރެކޯޑް ބަލައިގަތުމުގެ އުސޫލެއް ނެތް ކަމަށެވެ.

"އެކަމަކު އަޅުގަނޑުމެން އެބަ މަސައްކަތް ކުރަން ގައުމީ ރެކޯޑެއްކަމަށް ކޮންސިޑާ ކުރެވޭތޯ،" މުންތަގިމް ވިދާޅުވި އެވެ.

ހޮނިހިރު ދުވަހު އޮތް ރޭހުގައި ވާދަކުރުމުގެ ކުރިން، މިދިޔަ ބުދަ ދުވަހު ޝަމްހާ ވަނީ 5،000 މީޓަރުގެ ރޭހުން ހަތަރުވަނަ ހޯދައި ގައުމީ ރެކޯޑް ހަދައިފަ އެވެ.

އާމިނަތު ޖައިޝާ، 2022 ގެ ގައުމީ މުބާރާތުގައި 19 މިނެޓާއި 43.09 ސިކުންތުން ހެދި ރެކޯޑް ޝަމްހާ މުގުރާލީ 19 މިނެޓާއި 42.45 ސިކުންތުން ނިންމައިގެންނެވެ.