Roadha Mihaaru
ހަފްތާއެއްގެ ތެރޭ ސިޓީ ކައުންސިލްތަކަށް ބާރުތައް ދެނީ

ހަފުތާއެއްގެ ތެރޭ ސިޓީ ކައުންސިލްތަކަށް ގިނަ ބާރުތަކެއް ދެވޭނެ: ރައީސް

01 ޑިސެމްބަރ 2018

މި ފެށޭ ހަފްތާގައި ސިޓީ ކައުންސިލްތަކަށް ގިނަ ބާރުތަކެއް ދެވިގެންދާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

މި ފެށޭ ހަފްތާގައި ސިޓީ ކައުންސިލްތަކަށް ގިނަ ބާރުތަކެއް ދެވިގެންދާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.

ޗަމްޕާ އާއިލާގެ އަލިފުޅު ތުއްތު ފައުންޑޭޝަނާއި މީރުފެންފުށި ރިސޯޓާ ގުޅިގެން ކ. ދިއްފުށީގައި ގާއިމްކުރި ފެނާއި ނަރުދަމާގެ ހިދުމަތް އިފްތިތާހުކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ލާމަރުކުޒީ އުސޫލުން ރާއްޖެ ތަރައްގީ ކުރުމަށް މަސައްކަތް ކުރާއިރު ލާމަރުކަޒީ ގާނޫނަށް ގެންނަން ޖެހޭ އިސްލާހުތައް ދިރާސާކުރުމުގެ މަސައްކަތް ވެސް ވަރަށް އަވަހަށް ކުރައްވާނެ ކަމަށެވެ.

"ލާމަރުކަޒީ ގާނޫނަށް ގެންނަން ޖެހޭ އިސްލާހުތައް ދިރާސާކުރެވި، ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާނަން. މިހާރު އަމަލުކުރަމުންދާ ލާމަރުކަޒީ ގާނޫނުގެ ދަށުން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ އިހްތިޔާރުގެ ތެރެއިން ދޫކޮށްލެވެން ހުރި ބާރުތައް މި ހަފްތާ ތެރޭގައި ދޫކޮށްލާނަން،" ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ މާލޭ ސިޓީ އާއި އައްޑޫ ސިޓީ އަދި ފުވައްމުލަކު ސިޓީއަށް ގިނަ ބާރުތަކެއް ލިބިގެންދާނެ ކަމަށެވެ. އަދި އާ ސަރުކާރުން މަސައްކަތް ކުރާނީ ކައުންސިލްތައް ބާރުވެރި ކުރުވާ ރައްޔިތުންނަށް ގާތުން ހިދުމަތް ދީގެން ކަމަށް ވެސް ވިދާޅުވި އެވެ. އެކަމަކު ރައީސް ވިދާޅުވީ އެކަން ކުރުމަށްޓަކައި ގާނޫނަށް ގިނަ އިސްލާހުތަކެއް ގެންނަން ޖެހޭ ކަމަށެވެ.

ލާމާރުކަޒީ ނިޒާމުގެ ތެރެއިން އިދާރީ ދާއިރާތައް ހިންގުމުގެ ގާނޫނަށް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ދައުރުގައި ބޮޑެތި ބަދަލުތަކެއް ގެނެސް ކައުންސިލްތަކުގެ ބާރު ކަނޑުވާލި އެވެ. އެގޮތުން ކައުންސިލްތަކުގެ ބައެއް މަސްއޫލިއްޔަތުތައް ވަނީ ސަރުކާރުގެ އެހެން އިދާރާތަކާ ހަވާލުކޮށްފަ އެވެ.

ކުރިން ނަމަ މާލޭ ސިޓީ ކައުންސިލްތަކަށް ވެރިރަށުގެ ގިނަ މަސައްކަތްތަކެއް ހަވާލުކޮށްފައި އޮތެވެ. އޭގެ ތެރޭގައި ހިމެނޭ މާލޭން ކުނި ނައްތާލުމާއި މަގުތަކާއި ބިންތައް ބެލެހެއްޓުމާއި ވިހާމަރުވާ މީހުންގެ ރެކޯޑް ބެލެހެއްޓުމާއި މާލޭ ރަށްވެހިންގެ ދަފްތަރުގައި ރަޖިސްޓްރީވުމުގެ ކަންކަން ބެލެހެއްޓުމުގެ މަސައްކަތް ވެސް ކުރީގެ ސަރުކާރުން އޮތީ ހައުސިން މިނިސްޓްރީގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ.