Roadha Mihaaru

ކިމް ޖޮން-ނަމް މަރާލަން ހަމަލާ ދޭ ވީޑިއޯ އާއްމުކޮށްފި

20 ފެބުރުއަރީ 2017

ކުއާލަ ލަމްޕޫރު (ފެބްރުއަރީ 20) - ނޯތު ކޮރެއާގެ ލީޑަރު ކިމް ޖޮން-އުންގެ ބޭބެ ކިމް ޖޮން-ނަމް މަރާލަން، އޭނާގެ މޫނުގައި ވިހަ ލާފައިވާ ފޮތިގަނޑު އަޅާ މަންޒަރުގެ ސީސީޓީވީ ފުޓޭޖް އާއްމުކޮށްފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ކުއާލަ ލަމްޕޫރު (ފެބްރުއަރީ 20) - ނޯތު ކޮރެއާގެ ލީޑަރު ކިމް ޖޮން-އުންގެ ބޭބެ ކިމް ޖޮން-ނަމް މަރާލަން، އޭނާގެ މޫނުގައި ވިހަ ލާފައިވާ ފޮތިގަނޑު އަޅާ މަންޒަރުގެ ސީސީޓީވީ ފުޓޭޖް އާއްމުކޮށްފި އެވެ.

ޖަޕާނުގެ ފުޖީ ޓީވީން މިއަދު އާއްމުކުރި ވީޑިއޯ އިން ފެންނަ ގޮތުގައި ޑިޕާޗާ ހޯލުގައި ކިމް ހިނގާފައި ދަނިކޮށް ހުދުކުލައިގެ ހެދުމެއް ލައިގެން ހުރި އަންހެނަކު ފަހަތުން ގޮސް މޫނުގައި ފޮތިގަނޑު އަޅަ އެވެ. އެއަށް ފަހު އެ އަންހެން މީހާ ދުވެފައި ދެ އެވެ. ހަމަލާ އަށް ފަހު ދެ ވަނަ އަންހެނަކު ދާ މަންޒަރު ވެސް ފެނެ އެވެ. އެކަމަކު ކިމް އަށް ވިހަ ދިނުމުގައި އެ އަންހެން މީހާ ބައިވެރިވިކަން އަދި ޔަގީނެއް ނޫނެވެ.

ހަމަލާ އަށް ފަހު މޫނު ފޮހެމުން މީހަކު އަންނަ މަންޒަރު ވެސް ފުޓޭޖުން ފެނެ އެވެ. އޭގެ ފަހުން އޭނާގެ މޫނަށް އިޝާރާތްކޮށް މީހުންގެ އެހީ އަށް އެދެ އެވެ. އަދި ފަހުން އޭނާ ވަނީ އެއާޕޯޓުގެ ކްލިނަކަށް ގެންގޮސްފަ އެވެ. ކްލިނިކުގެ ތެރޭގައި ސިއްހީ ފަރުވާ ހޯދާ މަންޒަރު ވެސް ބައެއް އެހެން ފުޓޭޖްތަކުން ފެނެ އެވެ.

މެލޭޝިއާ ފުލުހުން ބުނެފައި ވަނީ ދެ އަންހެނަކު ވެގެން ތެތް ފޮތިގަނޑެއް މޫނުގައި އެޅިކަމަށް ބުނެ މީހަކު ވަނީ އެއާޕޯޓް ކަސްޓަމާ ސާވިސް އަށް މައްސަލަ ހުށަހަޅާފައި ކަމަށެވެ.

ކިމް ޖޮން-ނަމް މަރުވީ އޭނާ ހޮސްޕިޓަލަށް ގެންދިއުމުގެ މަގުމަތީގަ އެވެ. ހޮސްޕިޓަލަށް ގެންދިއުމުގެ ކުރިން ވަނީ ފިޓްޖެހިފަ އެވެ.

ކިމް ޖޮން-ނަމްގެ މަރާ ގުޅިގެން މިހާރު ވެސް ވަނީ ހަތަރު މީހަކު ހައްޔަރުކޮށްފަ އެވެ. އެއީ ނޯތު ކޮރެއާ މީހަކާއި އިންޑޮނީޝިއާ އަންހެނަކާއި މެލޭޝިއާ ފިރިހެނަކާ އަދި ވިއެޓްނާމުގެ ޕާސްޕޯޓް ގެންގުޅޭ އަންހެނެކެވެ. އަދި ނޯތު ކޮރެއާގެ އިތުރު ހަތަރު މީހަކު ހޯދަން ދަނީ މަސައްކަތް ކުރަމުންނެވެ. އެ ހަތަރު މީހުން މެލޭޝިއާ އިން ފުރީ ކިމް މަރާލި ދުވަހު އެވެ.

ނޯތު ކޮރެއާގެ ކުރީގެ ލީޑަރު ކިމް ޖޮން-އިލް 2011 ވަނަ އަހަރު އަވަހާރަވުމާ ގުޅިގެން ވެރިކަން ލިބެން އޮތީ ކިމް ޖޮން-ނަމް އަށެވެ. ނަމަވެސް ވެރިކަން ހޯދީ އެއްބަފާ ކޮއްކޮ ކިމް ޖޮން-އުން އެވެ. އެ މައްސަލާގައި ކިމް ޖޮން-ނަމް ވަނީ އާއިލާއާ ދުރުވެފަ އެވެ. އޭނާ ގިނައިން ދިރިއުޅެނީ ވެސް ގައުމުން ބޭރުގަ އެވެ. އޭނާ 2012 ވަނަ އަހަރު ވަނީ ނޯތު ކޮރެއާގެ ލީޑަރުގެ ކިބައިގައި ލީޑަޝިޕެއް ނެތް ކަމަށް ބުނެފަ އެވެ. ނަމަވެސް ވެރިކަމާ ހަވާލުވުމުގެ ޝައުގުވެރިކަން ނެތް ކަމަށް ކިމް ޖޮން-ނަމް ބުނެފައިވެ އެވެ.