Roadha Mihaaru
ކިމްގެ މަރު ތަހުގީގު ކުރާތީ ނޯތު ކޮރެއާ ރުޅިގަދަވެއްޖެ

ކިމްގެ މަރު ތަހުގީގު ކުރާތީ ނޯތު ކޮރެއާ ރުޅިގަދަވެއްޖެ

23 ފެބުރުއަރީ 2017

ޕިއޮންޔޮން (ފެބްރުއަރީ 23) - ކުއާލަ ލަމްޕޫރު އެއާޕޯޓުގައި މަރާލި ނޯތު ކޮރެއާގެ މީހެއްގެ ޒިންމާ އުފުލަން ޖެހޭނީ މެލޭޝިއާ އިން ކަމަށާއި އެ މަރު މާބޮޑަށް ސިޔާސީ ކޮށްލައިފި ކަމަށް ނޯތު ކޮރެއާ އިން ބުނެފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ޕިއޮންޔޮން (ފެބްރުއަރީ 23) - ކުއާލަ ލަމްޕޫރު އެއާޕޯޓުގައި މަރާލި ނޯތު ކޮރެއާގެ މީހެއްގެ ޒިންމާ އުފުލަން ޖެހޭނީ މެލޭޝިއާ އިން ކަމަށާއި އެ މަރު މާބޮޑަށް ސިޔާސީ ކޮށްލައިފި ކަމަށް ނޯތު ކޮރެއާ އިން ބުނެފި އެވެ.

ނޯތު ކޮރެއާގެ ލީޑަރު ކިމް ޖޮން-އުންގެ ބޭބެ ކިމްގެ ނަން ނުބުނެ އެ ގައުމުގެ ރަސްމީ ނޫސް އެޖެންސީ ކޭސީއެންއޭ އިން ބުނީ ޑިޕްލޮމެޓިކް ޕާސްޕޯޓުގައި ދަތުރު ކުރި ޑީޕީއާރުކޭ (ޑިމޮކްރެޓިކް ޕީޕަލްސް ރިޕަބްލިކް އޮފް ކޮރެއާ) ގެ ރައްޔިތަކު މެލޭޝިއާ އެއާޕޯޓުގައި މަރުވީ ހިތް ހުއްޓިގެން ކަމަށެވެ. އެ މީހާ މަރުވީ ވިހަ ދީގެން ކަމަށް ބުނާ ވާހަކައަކީ ދޮގެއް ކަމަށާއި އެ ގޮތަށް ވާހަކަތައް ފަތުރަނީ ނޯތު ކޮރެއާއާ ދެކޮޅަށް ސައުތު ކޮރެއާގެ ރޭވުމެއްގެ ދަށުން ކަމަށެވެ.

ކޭސީއެންއޭ އިން ބުނީ ޑިޕްލޮމެޓިކް ޕާސްޕޯޓް އޮތް މީހެއްގެ ޕޯސްޓް-މޯޓަމް ހަދަން ޖެހޭނީ އޭނާ ނިސްބަތްވާ ގައުމުގެ ހުއްދައާ އެކު ކަމަށެވެ. އަދި އެ ގޮތަށް ކަންތައް ކުރުމަކީ އިންސާނީ ހައްގުތަކާ ޚިލާފު ކަމެއް ކަމަށް ވެސް ބުނެފައިވެ އެވެ.

"އެ މަރުގެ ޒިންމާ އުފުލަން ޖެހޭނީ މެލޭޝިއާ އިން. އަދި އޭނާގެ ހަށިގަނޑު ހަވާލު ކުރަން ދެކޮޅު ހެދުމަކީ މި މައްސަލަ ސިޔާސީ ކަމަކަށް ހަދަން މަސައްކަތް ކުރާ ކަމުގެ ހެއްކެއް. އަދި އެއީ ބައިނަލްއަގުވާމީ ގާނޫނާ ވެސް ޚިލާފު ކަމެއް،" ކޭސީއެންއޭ އިން ބުނެފައިވެ އެވެ.

މިއީ ކިމްގެ މަރާ ގުޅިގެން ނޯތު ކޮރެއާގެ ރަސްމީ މީޑިއާއަކުން ވާހަކަ ދެއްކި ފުރަތަމަ ފަހަރެވެ.

ކިމް މަރާލާފައި ވަނީ ކުއާލަ ލަމްޕޫރު އެއާޕޯޓުން އޭނާ ފުރަން ދަނިކޮށް ދެ އަންހެނަކު ވެގެން މޫނުގައި ވިހަ ފޮތިގަނޑެއް އަޅައިގެންނެވެ. އޭނާގެ ހަށިގަނޑު މިހާރު އޮތީ މެލޭޝިއާގެ ހޮސްޕިޓަލެއްގެ މޯޗަރީގަ އެވެ.

ކިމްގެ މަރާ ގުޅިގެން ނޯތު ކޮރެއާގެ ގިނަ ބަޔަކު ދަނީ ހޯދަމުންނެވެ. އޭގެ ތެރޭގައި އެ ގައުމުގެ ޑިޕްލޮމެޓަކު ސްޓާފަކު ވެސް ހިމެނެ އެވެ. ނޯތު ކޮރެއާގެ ހަތަރު މީހަކު ވަނީ ކިމް މަރާލި ދުވަހު މެލޭޝިއާ އިން ފުރައިފަ އެވެ. މެލޭޝިއާ ފުލުހުންގެ ވެރިޔާ ޚާލިދު އަބޫ ބަކަރު ވިދާޅުވީ ކިމްގެ މަރާ ގުޅިގެން ތުހުމަތު ކުރެވޭ ހަތަރު މީހުން ހައްޔަރު ކުރުމަށް އިންޓަޕޯލުގެ އެހީ އަށް އެދިފައިވާ ކަމަށެވެ.

މެލޭޝިއާ ފުލުހުން ބުނީ ކިމް މަރާލާފައި ވަނީ ވަރަށް ބޮޑަށް ރާވައިގެން ކަމަށެވެ. އަދި އޭނާގެ މޫނުގައި ވިހަލާފައިވާ ފޮތިގަނޑު އެޅީ ތަމްރީނު ލިބިފައިވާ ބަޔަކު ކަމަށް ވެސް ބުނެފައިވެ އެވެ.

ނޯތު ކޮރެއާގެ ކުރީގެ ލީޑަރު ކިމް ޖޮން-އިލް 2011 ވަނަ އަހަރު އަވަހާރަވުމާ ގުޅިގެން ވެރިކަން ލިބެން އޮތީ ކިމް ޖޮން-ނަމް އަށެވެ. ނަމަވެސް ވެރިކަން ހޯދީ އެއްބަފާ ކޮއްކޮ ކިމް ޖޮން-އުން އެވެ. އެ މައްސަލާގައި ކިމް ޖޮން-ނަމް ވަނީ އާއިލާއާ ދުރުވެފަ އެވެ. އޭނާ ގިނައިން ދިރިއުޅެނީ ވެސް ގައުމުން ބޭރުގަ އެވެ. އޭނާ 2012 ވަނަ އަހަރު ވަނީ ނޯތު ކޮރެއާގެ ލީޑަރުގެ ކިބައިގައި ލީޑަޝިޕެއް ނެތް ކަމަށް ބުނެފަ އެވެ. ނަމަވެސް ވެރިކަމާ ހަވާލުވުމުގެ ޝައުގުވެރިކަން ނެތް ކަމަށް ކިމް ޖޮން-ނަމް ބުނެފައިވެ އެވެ.