Roadha Mihaaru

ކިމް ޖޮން މަރާލަން ބޭނުންކޮށްފައި ވަނީ ވީއެކްސް ނާވް ގޭސް

24 ފެބުރުއަރީ 2017

ކުއާލަ ލަމްޕޫރު (ފެބްރުއަރީ 24) - ދެކުނު ކޮރެއާގެ ލީޑަރު ކިމް ޖޮން-އުންގެ ބޭބެ ކިމް ޖޮން-ނަމް މަރާލަން ބޭނުންކޮށްފައި ވަނީ ވީއެކްސް ނާވް ގޭސް ކަމަށް މެލޭޝިއާގެ ކެމިސްޓްރީ ޑިޕާޓްމަންޓުގެ ރިޕޯޓެއްގައި ބުނެފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ކުއާލަ ލަމްޕޫރު (ފެބްރުއަރީ 24) - ދެކުނު ކޮރެއާގެ ލީޑަރު ކިމް ޖޮން-އުންގެ ބޭބެ ކިމް ޖޮން-ނަމް މަރާލަން ބޭނުންކޮށްފައި ވަނީ ވީއެކްސް ނާވް ގޭސް ކަމަށް މެލޭޝިއާގެ ކެމިސްޓްރީ ޑިޕާޓްމަންޓުގެ ރިޕޯޓެއްގައި ބުނެފި އެވެ.

މެލޭޝިއާ ފުލުހުން ބުނެފައި ވަނީ ކިމްގެ ލޮލާއި މޫނުގެ ޓެސްޓްތަކުން، ބައިނަލްއަގުވާމީ ގޮތުން މަނާކޮށްފައިވާ، ވީއެކްސް ގޭހުގެ އަސަރުކޮށްފައިވާކަމުގެ ހެކި ލިބިފައިވާ ކަމަށެވެ.

އެމެރިކާގެ ސެންޓާ ފޯ ޑިޒީޒް ކޮންޓްރޯލް އެންޑް ޕްރިވެންޝަން (ސީޑީސީ) އިން ބުނެފައި ވަނީ ކެމިކަލް ހަތިޔާރުގެ އެންމެ ނުރައްކާ ވައްތަރަކީ ނާވް ގޭސް ކަމަށާއި އޭގެ ތެރޭން ވެސް ވީއެކްސް ގޭހުގެ ނުރައްކާ ބޮޑު ކަމަށެވެ.

ކިމް ޖޮން-އުންގެ އާއިލާއާ ދުރުގައި އުޅޭ ކިމް ޖޮން-ނަމްގެ މޫނުގައި ވިހަލާފައިވާ ފޮތިގަނޑެއް އެޅީ އޭނާ މަކާއޫ އަށް ފުރަން މެލޭޝިއާ އެއާޕޯޓުގައި ހުއްޓާ މި މަހު 13 ވަނަ ދުވަހު އެވެ. މެލޭޝިއާ ފުލުހުން ބުނެފައި ވަނީ ކިމްގެ މޫނުގައި ވިހަ ފޮތިގަނޑު އެޅީ ދެ އަންހެނުން ކަމަށެވެ. އަދި އެ ދެ މީހުން އެކަން ކުރީ ނޯތު ކޮރެއާގެ ހަތަރު މީހަކު ބުނެގެން ކަމަށެވެ. ވިހަ ފޮތިގަނޑު މޫނުގައި އެޅުމާ އެކު ކިމް އުނދަގޫތަކެއް ވާތީ އޭނާ ވަނީ އެއާޕޯޓުގެ ސްޓާފުންނަށް އެކަން ރިޕޯޓްކޮށްފަ އެވެ. އަދި އޭނާ މަރުވީ އެއާޕޯޓުގެ ކްލިނިކުގައި ފަރުވާ ދިނުމަށް ފަހު އެމްބިއުލެންސްގައި ހޮސްޕިޓަލަށް ގެންދަނިކޮށެވެ.

ނޯތު ކޮރެއާގެ ލީޑަރުގެ ބޭބެ މަރާލަން ވިހަލީ ކަމަށް ބެލެވޭ އަންހެން މީހާ.

ނޯތު ކޮރެއާގެ ލީޑަރުގެ ބޭބެ މަރާލަން ވިހަލީ ކަމަށް ބެލެވޭ އަންހެން މީހާ.

މެލޭޝިއާ ފުލުހުންގެ މި ރިޕޯޓް ނޯތު ކޮރެއާ އިން ދޮގު ކުރެ އެވެ. އެ ގައުމުން ބުނެފައި ވަނީ އެއީ އެވަރުގެ ބާރުގަދަ ވިހައެއް ނަމަ އެ ދެ އަންހެނުން ވެސް މަރުވާނެ ކަމަށެވެ.

މެލޭޝިއާ ފުލުހުންގެ ވެރިޔާ ޚާލިދު އަބޫ ބަކްރު ވިދާޅުވީ ކިމް އަށް ހަމަލާ ދިން ކަމަށް ބެލެވޭ އަންހެން މީހާ ވެސް ވަރަށް ބޮޑަށް ބަލިވެ އޭނާ ހޮޑު ވެސް ލީ ކަމަށެވެ. އަދި އެ އަންހެން މީހާ އެއާޕޯޓުގައި އުޅުނު ހުރިހާ ސަރަހައްދެއް ވަރަށް ބޮޑަށް ސާފުކޮށްފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.

ވެޕަންސް އިންސްޕެކްޝަންގެ ތަޖްރިބާކާރުން ބުނާ ގޮތުގައި ވީއެކްސް ގޭހުގެ ކިތަންމެ ކުޑަ މިންވަރަކުން ވެސް އަސަރު ކުރާނެ އެވެ. މި ގޭހުގެ އަސަރު ހަށިގަނޑަށް ކޮށްފި ނަމަ އަތާއި ފައި ތުރުތުރު އަޅާ މީހާގެ ގައިގެ ބާރު ދޫވެގެން ބިން މައްޗަށް ވެއްޓި އަދި ނޭވާ ހާސްވެ އެވެ.

ކެމިކަލް ވެޕަންސް ކޮންވެންޝަން (ސީޑަބްލިއުސީ) ގެ ދަށުން ވީއެކްސްގެ މާއްދާތައް ވަނީ މަނާކޮށްފަ އެވެ. ތަޖްރިބާކާރުން ގަބޫލްކުރާ ގޮތުގައި ސީޑަބްލިއުސީގައި ސޮއިކޮށްފައި ނުވާ ނޯތު ކޮރެއާ އިން ދަނީ ވީއެކްސް ގޭސް އުފައްދަމުންނެވެ.

ކިމްގެ މަރާ ގުޅިގެން މެލޭޝިއާ އިން ކުރިއަށް ގެންދާ ތަހުގީގުގައި 11 މީހަކަށް ވަނީ ތުހުމަތުކޮށްފަ އެވެ. މީގެ ތެރޭން ތިން މީހުން ހައްޔަރުކޮށްފައިވާ އިރު ބައެއް މީހުން ވަނީ މެލޭޝިއާ އިން ފިލައިފަ އެވެ.