Roadha Mihaaru
ކިމްގެ މަރާ ގުޅިގެން ކޮރެއާ އެމްބަސީ އޮފިޝަލަކު ހޯދަނީ

ކިމްގެ މަރާ ގުޅިގެން ނޯތު ކޮރެއާ އެމްބަސީ އޮފިޝަލަކު ހޯދަނީ

22 ފެބުރުއަރީ 2017

ކުއާލަ ލަމްޕޫރު (ފެބްރުއަރީ 22) - މެލޭޝިއާ އެއާޕޯޓުގައި ވިހަ ދީގެން މަރާލި، ނޯތު ކޮރެއާގެ ލީޑަރު ކިމް ޖޮން-އުންގެ ބޭބެ ކިމް ޖޮން-ނަމްގެ މަރުގެ ތުހުމަތުގައި ނޯތު ކޮރެއާ އެމްބަސީގެ އޮފިޝަލަކު ހޯދަމުންދާ ކަމަށް މެލޭޝިއާ ފުލުހުން ބުނެފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ކުއާލަ ލަމްޕޫރު (ފެބްރުއަރީ 22) - މެލޭޝިއާ އެއާޕޯޓުގައި ވިހަ ދީގެން މަރާލި، ނޯތު ކޮރެއާގެ ލީޑަރު ކިމް ޖޮން-އުންގެ ބޭބެ ކިމް ޖޮން-ނަމްގެ މަރުގެ ތުހުމަތުގައި ނޯތު ކޮރެއާ އެމްބަސީގެ އޮފިޝަލަކު ހޯދަމުންދާ ކަމަށް މެލޭޝިއާ ފުލުހުން ބުނެފި އެވެ.

ކިމްގެ މަރުގެ ފަހަތުގައި ވަނީ ނޯތު ކޮރެއާ ކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ. ނަމަވެސް މެލޭޝިއާގައި ހުންނަ ނޯތު ކޮރެއާ ސަފީރު ވަނީ އެކަން ދޮގު ކޮށްފަ އެވެ.

ކުއާލަ ލަމްޕޫރުގައި އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މެލޭޝިއާ ފުލުހުންގެ ވެރިޔާ ޚާލިދު އަބޫ ބަކްރު ވިދާޅުވީ ކިމްގެ މަރާ ގުޅިގެން ކުރިން ހޯދަން އުޅުނު ނޯތު ކޮރެއާގެ ހަތަރު މީހުންގެ އިތުރުން ނޯތު ކޮރެއާގެ އިތުރު ތިން މީހަކު ހޯދަމުންދާ ކަމަށެވެ. އަދި ފަހުން ހޯދާ ތިން މީހުން ތިބީ މެލޭޝިއާގައި ކަމަށް ބެލެވޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. މީގެ ތެރޭން އެކަކީ ކުއާލަ ލަމްޕޫރުގައި ހުންނަ ނޯތު ކޮރެއާ އެމްބަސީގެ ދެ ވަނަ ސެކްރެޓަރީ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މެލޭޝިއާ ފުލުހުން ކުރިން ހޯދަން އިއުލާންކުރި ހަތަރު މީހުން ވަނީ އެ ގައުމުން ފުރައިގެން ގޮހެވެ. އެ މީހުން ފުރީ ކިމް މަރާލި ދުވަހު އެވެ. ކިމްގެ މަރުގެ ތުހުމަތުގައި ވަނީ ނޯތު ކޮރެއާ، އިންޑޮނީޝިއާ، މެލޭޝިއާ އަދި ވިއެޓްނާމް ބަޔަކު ހައްޔަރުކޮށްފަ އެވެ.

ކިމްގެ ހަށިގަނޑު ހަވާލު ނުކުރުމުން ނޯތު ކޮރެއާ އިން ވަނީ ހިތްހަމަ ނުޖެހުން ފާޅުކޮށްފަ އެވެ. އަދި ކިމްގެ އޮޓޮޕްސީ މެލޭޝިއާ އިން ހެދުމުން ވެސް އެ ގައުމު ވަނީ ނުރުހިފަ އެވެ.

ކިމް އޮތް މޯޗަރީގައި މެލޭޝިއާ ފުލުހުން މިހާރު ވަނީ ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކޮށްފަ އެވެ.

ނޯތު ކޮރެއާގެ ކުރީގެ ލީޑަރު ކިމް ޖޮން-އިލް 2011 ވަނަ އަހަރު އަވަހާރަވުމާ ގުޅިގެން ވެރިކަން ލިބެން އޮތީ ކިމް ޖޮން-ނަމް އަށެވެ. ނަމަވެސް ވެރިކަން ހޯދީ އެއްބަފާ ކޮއްކޮ ކިމް ޖޮން-އުން އެވެ. އެ މައްސަލާގައި ކިމް ޖޮން-ނަމް ވަނީ އާއިލާއާ ދުރުވެފަ އެވެ. އޭނާ ގިނައިން ދިރިއުޅެނީ ވެސް ގައުމުން ބޭރުގަ އެވެ. އޭނާ 2012 ވަނަ އަހަރު ވަނީ ނޯތު ކޮރެއާގެ ލީޑަރުގެ ކިބައިގައި ލީޑަޝިޕެއް ނެތް ކަމަށް ބުނެފަ އެވެ. ނަމަވެސް ވެރިކަމާ ހަވާލުވުމުގެ ޝައުގުވެރިކަން ނެތް ކަމަށް ކިމް ޖޮން-ނަމް ބުނެފައިވެ އެވެ.