Roadha Mihaaru
ސްލޮވާކިއާގެ ބޮޑުވަޒީރުގެ ގަޔަށް ބަޑިޖަހައިފި

ސްލޮވާކިއާގެ ބޮޑުވަޒީރުގެ ގަޔަށް ބަޑިޖަހައި ޒަހަމްކޮށްލައިފި، ހާލު ސީރިއަސް

15 މެއި 2024

ސްލޮވާކިއާގެ ބޮޑުވަޒީރު ރޮބަޓް ފިކޯގެ ގަޔަށް ބަޑިޖަހައި ވަރަށް ބޮޑަށް ޒަހަމްކޮށްލައިފި އެވެ.

ސްލޮވާކިއާގެ ބޮޑުވަޒީރު ރޮބަޓް ފިކޯގެ ގަޔަށް ބަޑިޖަހައި ވަރަށް ބޮޑަށް ޒަހަމްކޮށްލައިފި އެވެ.

ފިކޯގެ ގަޔަށް ބަޑިޖަހާފައިވަނީ އެ ގައުމުގެ ހެންޑްލޯވާގައި އޮތް ބައްދަލުވުމަކަށްފަހު ނުކުމެވަޑައިގެންނެވި ތަނުން ކަމަށް ސަރުކާރުން ބުންޏެވެ.

މީޑިއާ ރިޕޯޓުތައް ބުނާ ގޮތުން ފިކޯއަށް ހޮސްޕިޓަލުގައި ފަރުވާދެމުންދާއިރު، ހާލު މި ވަގުތު ވަރަށް ސީރިއަސް އެވެ.

ހަމަލާދީފައިވަނީ ފިކޯ އަވަހާރަކޮށްލުމުގެ ނިޔަތުގައި ކަމަށާއި ހަމަލާދިން މިހާ ހައްޔަރުކޮށްފައިވާ ކަމަށް ސްލޮވާކިއާގެ ރައީސް ޒުޒާނާ ކަޕުޓޯވާ ވަނީ ހާމަކުރައްވައިފަ އެވެ.

ފިކޯއަކީ މީގެ ކުރިން ދެ ފަހަރެއްގެ މަތިން ބޮޑުވަޒީރުގެ މަގާމު އަދާކުރައްވާފައިވާ ސްލޮވާކިއާގެ ތަޖުރިބާކާރު ސިޔާސީ ލީޑަރަކެވެ.

މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު ބޮޑުވަޒީރުކަމަށް ވަޑައިގެންނެވުމުގެ ކުރިން، ފިކޯ ވަނީ 2006-2010 އަށް އަދި 2012-2018 އަށް އެ މަގާމު އަދާކުރައްވައިފަ އެވެ.

މި ފަހަރު ވެރިކަމަށް ވަޑައިގެން، ފިކޯ ވަނީ ޔޫކްރެއިން-ރަޝިއާ ހަނގުރާމައިގައި ރަޝިއާއަށް ތާއީދުކޮށް ވާހަކަ ދައްކަވައިފަ އެވެ. ފިކޯ ވަނީ ޔޫކްރެއިނަށް ހަތިޔާރު ވިއްކުން ހުއްޓާލައްވައި، ޔޫކްރެއިންގެ މިނިވަންކަމާ މެދު ސުވާލު އުފައްދަވައިފަ އެވެ.