Roadha Mihaaru
ހެލިކޮޕްޓަރު ވެއްޓި އިރާނުގެ ރައީސް އަވަހާރަވެއްޖެ

ހެލިކޮޕްޓަރު ވެއްޓުނު ހާދިސާގައި އިރާނުގެ ރައީސް ރައިސީ އަވަހާރަވެއްޖެ

20 މެއި 2024

އިރާނުގެ ރައީސް އިބްރާހިމް ރައިސީ ދަތުރުކުރެއްވި ހެލިކޮޕްޓަރު ވެއްޓުނު ހާދިސާގައި، ރައިސީ އަވަހާރަވެފައިވާ ކަމަށް އެ ގައުމުގެ ދައުލަތުގެ މީޑިއާއިން ބުނެފި އެވެ.

އިރާނުގެ ރައީސް އިބްރާހިމް ރައިސީ ދަތުރުކުރެއްވި ހެލިކޮޕްޓަރު ވެއްޓުނު ހާދިސާގައި، ރައިސީ އަވަހާރަވެފައިވާ ކަމަށް އެ ގައުމުގެ ދައުލަތުގެ މީޑިއާއިން ބުނެފި އެވެ.

އެ ހާދިސާ ހިނގީ އުތުރުގައި އޮންނަ އަޒަރުބައިޖާން ސަރަހައްދުގައި ޑޭމް ޕްރޮޖެކްޓެއް އިފްތިތާހު ކުރެއްވުމަށްފަހު އެނބުރި ވަޑައިގެންނެވި މަގުމަތީގަ އެވެ. އާޒަރުބައިޖާންގައި އިއްޔެ އެ ގައުމާއި އިރާން ގުޅޭ ސަރަހައްދުގައި ހެދި ޑޭމްއެއް ދެ ގައުމުގެ ވެރިން އިފްތިތާހު ވެސް ކޮށްދެއްވި އެވެ.

ހެލިކޮޕްޓަރު ވެއްޓުނީ ފަރުބަދަމަތީގެ ހިސާބަކަށް ވުމުގެ އިތުރަށް މޫސުން ގޯސްވުމުގެ ސަބަބުން، ހެލިކޮޕްޓަރާ ހަމައަށް ރެސްކިއު ޓީމުތައް ދާން އެތައް ގަޑިއިރެއް ހޭދަވި އެވެ. ހެލިކޮޕްޓަރު ވެއްޓުމުގެ ކުރިން ހެލިކޮޕްޓަރަށް މައްސަލަ ދިމާވި ކަމަށް ވެސް ބައެއް ރިޕޯޓްތައް ބުނެ އެވެ.

އެ ސަރަހައްދުގައި ބޯދުންފިނީގެ ސަބަބުން، ވެއްޓުނު ހެލިކޮޕްޓަރު ހޯދަން 40 އަށް ވުރެ ގިނަ ރެސްކިއު ޓީމު ހަރަކާތްތެރިވި މަންޒަރު ފެންނަ ވީޑިއޯތަކެއް ވެސް އިރާނުގެ ދައުލަތުގެ ޓީވީން ވަނީ އާންމުކޮށްފަ އެވެ. ރެސްކިއު ޓީމުތަކުން ވަނީ ކުއްތާ އާއި ޑްރޯންގެ އެހީ ވެސް ހޯދައިފަ އެވެ.

ރައިސީ އާ އެކު އެއް ހެލިކޮޕްޓަރުގައި އިރާނުގެ ފޮރިން މިނިސްޓަރު ހުސައިން އަމީރު އަބްދުالله ހައިން އަދި އިތުރު ދެ ބޭފުޅަކު ތިއްބެވި އެވެ.

ހެލިކޮޕްޓަރު ވެއްޓުނު ތަން ހޯދުނީ ތުރުކީގެ ޑްރޯނެއްގެ އެހީތެރިކަމާ އެކު އެވެ.

މި ހާދިސާ ހިނގިތާ 15 ގަޑިއިރެއްހާ އިރު ފަހުން، އެ ހެލިކޮޕްޓަރާ ހަމައަށް ދެވުނު އިރު، ހެލިކޮޕްޓަރު އެކީގައި އަނދާފައިވާ ކަމަށް މީޑިއާ ރިޕޯޓުތައް ބުންޏެވެ.

އަދި ހެލިކޮޕްޓަރުގައި ދަތުރުކުރެއްވި އެއްވެސް ބޭފުޅަކު ސަލާމަތްވި ކަމުގެ އެއްވެސް ނިޝާނެއް ނެތް ކަމަށް އިރާނުގެ ދައުލަތުގެ މީޑިއާއިން ދާދި ދެންމެއަކު ބުންޏެވެ.

ރައިސީ އަވަހާރަވުމާ ގުޅިގެން ދުނިޔޭގެ އެކި ގައުމުތަކުގެ ލީޑަރުން ދަނީ ހިތާމަފާޅުކުރައްވައި ތައުޒިޔާ ވިދާޅުވަމުންނެވެ.

ރައިސީ: މުސްތަގުބަލުގައި އިރާނުގެ ރޫހާނީ ލީޑަރު؟

ރައިސީގެ ސިޔާސީ ހަޔާތް ފެއްޓެވީ 1979 ވަނަ އަހަރު އިރާނުގެ އިސްލާމިކް ރިވޮލިއުޝަނަށްފަހު އެވެ. ރައިސީއަކީ އިރާނުގެ އެންމެ ބާރުގަދަ، ރޫހާނީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީގެ ވަރަށް އަރިސް ބޭފުޅެކެވެ.

ގިނަ ބަޔަކު ވޯޓުލާން ނުކުންނަން ދެކޮޅު ހަދައި، ސިޔާސީ ވާދަވެރިން ކުރިމަތިނުލެވޭ ގޮތަށް ބޭއްވި އިންތިހާބު ކާމިޔާބު ކުރައްވައި ރައިސީ އިރާނުގެ ރައީސް ކަމަށް ވަޑައިގެންނެވީ 2021 ވަނަ އަހަރެވެ.

ޚާމަނާއީ އެކޭ އެއްގޮތަށް، ރައިސީ އަކީ އިރާނުގެ އެންމެ ބޮޑު އަދުއްވުންގެ ގޮތުގައި އެމެރިކާ އާއި އިޒްރޭލު ކަނޑައަޅުއްވައި، ފާޅުގައި ކެރިވަޑައިގެން ދެކޮޅަށް ވާހަކަ ދައްކަވާ ބޭފުޅެކެވެ.

މިދިޔަ އޮކްޓޯބަރު މަހުގެ ހަތް ވަނަ ދުވަހުން ފެށިގެން ހަމާސް ނައްތާލުމުގެ ނަމުގައި އިޒްރޭލުން ފަލަސްތީނަށް ދެމުންދާ ހަމަލާތަކާ ގުޅިގެން ރައިސީ ވަނީ ވަރަށް ވަރުގަދަ ސްޓޭންޑެއް ނަންގަވައިފަ އެވެ. އަދި އިރާނުން ފަލަސްތީނާ އެކު ސާބިތުކަމާ އެކީ އޮތް ކަން ރައިސީ ވަނީ ތަކުރާރުކޮށް ވިދާޅުވެފަ އެވެ.

ނަވާރަ ސަތޭކަ ފަސްދޮޅަސް ވަނަ އަހަރު އިރުއުތުރުގެ މަޝްހާދު ސިޓީއަށް އުފަން ރައިސީ ވަނީ ޒުވާން އުމުރުގައި ޚާމަނާއީގެ ދަރިވަރެއްގެ ގޮތުގައި ދީނީ އިލްމާއި އިސްލާމީ ފިގުހު ކިޔަވާވިދާޅުވެފަ އެވެ.

އުމުރުން އެންމެ 20 އަހަރުގައި އެމެރިކާއިން ވާގިވެރިފައިވާ އޮތް ރަސްކަން ވައްޓާލި އިސްލާމީ އިންގިލާބުގެ ތެރެއިން ރައިސީއަށް ތެހެރާނާ ޖެހިގެން އޮންނަ ކަރާޖުގެ ޕްރޮސިކިއުޓާ ޖެނެރަލްގެ މަގާމު ލިބިވަޑައިގަތެވެ.

ރައިސީ ވަނީ 1989 އިން 1994 އަށް ތެހެރާނުގެ ޕްރޮސިކިއުޓާ ޖެނެރަލްގެ މަގާމާއި 2004 ވަނަ އަހަރުން ފެށިގެން 10 އަހަރު ވަންދެން ޖުޑީޝަލް އޮތޯރިޓީގެ ޑެޕިއުޓީ ޗީފްގެ މަގާމާއި، އޭގެ ފަހުން 2014 ވަނަ އަހަރު ގައުމީ ޕްރޮސިކިއުޓާ ޖެނެރަލްގެ މަގާމު އަދާކުރައްވައިފަ އެވެ.

އޭގެފަހުން، 2016 ވަނަ އަހަރު ޚާމަނާއީ ވަނީ މަޝްހާދުގައި ހުންނަ އިމާމް ރެޒާގެ ޒިޔާރަތް ބެލެހެއްޓުމާއި ސިނާއީ އަދި މުދަލުގެ ގިނަ އެސެޓުތަކެއް ކޮންޓްރޯލްކުރާ ޗެރިޓަބަލް ފައުންޑޭޝަނެއްގެ އިސްވެރިއަކަށް ރައިސީ އައްޔަނުކުރައްވައިފަ އެވެ.

އޭގެ ތިން އަހަރު ފަހުން ޚާމަނާއީ ޖުޑީޝަލް އޮތޯރިޓީގެ ވެރިއަކަށް ރައިސީ އައްޔަން ކުރެއްވިއިރު، އޭނާ އަކީ ރޫހާނީ ލީޑަރު ހޮވާ ތަޖުރިބާކާރުންގެ މަޖިލީހުގެ މެންބަރެކެވެ.

އިންސާނީ ހައްގުތަކަށް އަރައިގަތުމުގެ ތުހުމަތުގައި ރައިސީ ވަނީ އެމެރިކާއިން ބްލެކްލިސްޓުކޮށްފަ އެވެ. ރައިސީއަށް ތުހުމަތުކުރަނީ 1988 ވަނަ އަހަރު ޑެޕިޔުޓީ ޕްރޮސެކިޔުޓަރަކަށް ހުންނެވި އިރު، ވާތުފިޔައިގެ އެތައް ބަޔަކު މެރުމުގައި އިސް ދައުރެއް އަދާކުރި ކަމަށެވެ.

އެކަމަކު ރައިސީ ވަނީ އެ ތުހުމަތުތައް ދޮގުކުރައްވައިފަ އެވެ.

ރައިސީ އަވަހާރަވުމާ ގުޅިގެން، އޭނާގެ ޒިންމާތަކާ ވަގުތީ ގޮތުން ހަވާލުވެވަޑައިގަންނަވާނީ ނައިބު ރައީސް މުހައްމަދު މޮޚްބެރް އެވެ. އިރާނުގެ ގާނޫނުއަސާސީ ބުނާ ގޮތުން، 50 ދުވަހުގެ ތެރޭގައި އިންތިހާބެއް ބާއްވައި އާ ރައީސަކު އިންތިހާބު ކުރަންޖެހެ އެވެ.