Roadha Mihaaru
ރައިސީ އަވަހާރަވުން: ޝޮކާ އެކު އެތައް ސުވާލެއް!

ރައިސީ އަވަހާރަވުން: ޝޮކާ އެކު އެތައް ސުވާލެއް!

20 މެއި 2024

މެދުއިރުމަތީގެ އެންމެ ވަރުގަދަ އެއް ބާރު ކަމަށްވާ އިރާނުގެ ރައީސް އިބްރާހިމް ރައިސީ އަވަހާރަވުމާ ގުޅިގެން މުޅި ދުނިޔެއަށް ވަނީ ކުއްލި ސިހުމެއް ލިބިފަ އެވެ.

މެދުއިރުމަތީގެ އެންމެ ވަރުގަދަ އެއް ބާރު ކަމަށްވާ އިރާނުގެ ރައީސް އިބްރާހިމް ރައިސީ އަވަހާރަވުމާ ގުޅިގެން މުޅި ދުނިޔެއަށް ވަނީ ކުއްލި ސިހުމެއް ލިބިފަ އެވެ.

ރައިސީ ދަތުރުކުރެއްވި ހެލިކޮޕްޓަރު ވެއްޓުނީ އުތުރުގައި އޮންނަ އަޒަރުބައިޖާން ސަރަހައްދުގައި ޑޭމް ޕްރޮޖެކްޓެއް އިފްތިތާހު ކުރެއްވުމަށްފަހު އެނބުރި ވަޑައިގެންނެވި މަގުމަތީގަ އެވެ. އާޒަރުބައިޖާންގައި އިއްޔެ އެ ގައުމާއި އިރާން ގުޅޭ ސަރަހައްދުގައި ހެދި ޑޭމްއެއް ދެ ގައުމުގެ ވެރިން އިފްތިތާހު ވެސް ކޮށްދެއްވި އެވެ.

ރައިސީ އާ އެކު އެ ހެލިކޮޕްޓަރުގައި ދަތުރުކުރެއްވި އިރާނުގެ ފޮރިން މިނިސްޓަރު ހުސައިން އަމީރު އަބްދުالله ހައިން އާއި، އުތުރު އަޒަރުބައިޖާނު ޕްރޮވިންސްގެ ގަވަރުނަރު މާލިކު ރަހުމަތީ އަދި ތަބްރީޒުގެ އިމާމު މުހައްމަދު އަލީ އަލްހާޝިމް ވެސް ވަނީ އަވަހަރާވެފަ އެވެ.

ރައިސީ ހެލިކޮޕްޓަރުގައި އިންނެވި އިރު ނަގާފައިވާ ވީޑިއޯއެއްގެ ސްކްރީން ގްރެބްއެއް: ހެލިކޮޕްޓަރު ވެއްޓިފައިވަނީ އޭގެ ކުޑައިރުކޮޅެއް ފަހުން. --

ރައިސީ ހެލިކޮޕްޓަރުގައި އިންނެވި އިރު ނަގާފައިވާ ވީޑިއޯއެއްގެ ސްކްރީން ގްރެބްއެއް: ހެލިކޮޕްޓަރު ވެއްޓިފައިވަނީ އޭގެ ކުޑައިރުކޮޅެއް ފަހުން. --

އެ ސަރަހައްދުގައި މޫސުން ގޯސްވުމުގެ ސަބަބުން، މި ހާދިސާ ހިނގިތާ 15 ގަޑިއިރެއްހާ އިރު ފަހުން، އެ ހެލިކޮޕްޓަރާ ހަމައަށް ދެވުނު އިރު، ހެލިކޮޕްޓަރު އަޅިއަށްވެފައިވާ ކަމަށް މީޑިއާ ރިޕޯޓުތައް ބުންޏެވެ. އަދި ހެލިކޮޕްޓަރުގައި ދަތުރުކުރި ފަސަންޖަރުންގެ ހަށިގަނޑުތައް އެކީގައި އަނދާފައިވާ ކަމަށްވެ އެވެ.

ހާދިސާއާ ގުޅޭ ގިނަ ސުވާލުތަކެއް

މި ހާދިސާ ހިނގައިގެން އުޅޭ ކަމުގެ މައުލޫމާތު އެންމެ ފުރަތަމަ ފެންމަތިވެގެން އައި އިރު، އިރާނުގެ ދައުލަތުގެ މީޑިއާއިން އެންމެ ފުރަތަމަ ބުނީ، ރައިސީ ދަތުރުކުރެއްވި ހެލިކޮޕްޓަރު ވަރަށް ބާރަށް ބިންމަތީގައި ޖެހިފައިވާ ކަމަށެވެ. ހެލިކޮޕްޓަރު ވެއްޓުނު ކަމެއް އޭރަކު ނުބުނެ އެވެ.

އެކަމަކު މިއީ ރަޝިއާ ފަދަ ގައުމުތަކުގައި ވައިގެ އުޅަނދެއް ވެއްޓުނަސް ބޭނުންކުރާ ބަސްމަގު ކަމަށް ތަޖުރިބާކާރުން ވިދާޅުވެ އެވެ.

ދެން އެންމެ ބޮޑަށް ސުވާލު އުފެދުނީ، ރައިސީއާ އެކު އެ ހަފްލާގައި ބައިވެރިވެވަޑައިގެންނެވި ވަފުދު ދަތުރުކުރެއްވީ ތިން ހެލިކޮޕްޓަރުގައި ކަމަށް މައުލޫމާތު ލިބުމުންނެވެ. ރައިސީ ދަތުރުކުރެއްވި ހެލިކޮޕްޓަރު ވެއްޓުނު ތަން ހޯދަމުންދާ ކަމަށް ބުނިއިރު، އަނެއް ދެ ހެލިކޮޕްޓަރަށް އެ ހާދިސާ ހިނގިކަން ނޭނގޭތޯ ސުވާލު އުފެދުނެވެ. އިރާނުން ފަހުން މައުލޫމާތު ދިން ގޮތުގައި، އަނެއް ދެ ހެލިކޮޕްޓަރު ވަނީ ސަލާމަތުން މަންޒިލަށް ޖައްސައިފަ އެވެ. އެކަމަކު އެކަމުން ވެސް އުފެދުނީ އިތުރު ސުވާލެވެ. ގައުމެއްގެ ރައީސްގެ ހެލިކޮޕްޓަރު އެކަނި ދަތުރުކުރަން ދޫކޮށްލީ ކީއްވެތޯ ގިނަ ބަޔަކު ސުވާލު އުފައްދަމުން ދިޔަ އެވެ.

ރައިސީ ގޮވައިގެން ހެލިކޮޕްޓަރު ނައްޓާލަނީ: ހެލިކޮޕްޓަރު ވެއްޓިފައިވަނީ އޭގެ ކުޑައިރުކޮޅެއް ފަހުން. --

ރައިސީ ގޮވައިގެން ހެލިކޮޕްޓަރު ނައްޓާލަނީ: ހެލިކޮޕްޓަރު ވެއްޓިފައިވަނީ އޭގެ ކުޑައިރުކޮޅެއް ފަހުން. --

އެއާ އެކު މިއީ ގަސްދުގައި ހިންގި އަމަލެއް ކަމުގެ ތުހުމަތުތައް އަމާޒުވާން ފެށި އެވެ. އެކަމަކު އެފަދަ ކަމެއްގެ އިޝާރާތެއް ވެސް ލިބިފައިނުވާ ކަމަށް އިރާނުގެ ކަންކަން ވަރަށް ގާތުން ބަލަމުންދާ އެމެރިކާއިން ވެސް ވަނީ ބުނެފަ އެވެ. އަދި އެ ހާދިސާ ހިނގާފައިވަނީ މޫސުން ގޯސްވުމުގެ ސަބަބުން ކަމަށް އިރާނުގެ ސަރުކާރުގެ އިސް އޮފިޝަލުން ވެސް ވަނީ ވިދާޅުވެފަ އެވެ.

އޭވިއޭޝަން ސޭފްޓީ ވަރަށް ދަށް

ރައިސީ ދަތުރުކުރެއްވި ހެލިކޮޕްޓަރު ވެއްޓެން މެދުވެރިވި ސީދާ ސަބަބެއް އިރާނުން އަދި ރަސްމީކޮށް ނުބުނެ އެވެ. އެކަމަކު ވައިގެ އުދުހުންތަކުގައި އިރާނަކީ ސަލާމަތީ ގޮތުން ވަރަށް ދަށް ރެކޯޑެއް އޮންނަ ގައުމެކެވެ.

މީގެ މައިގަނޑު ސަބަބަކީ އެތައް އަހަރެއް ވަންދެން އެމެރިކާއިން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކެވެ. އެ ފިޔަވަޅުތަކުގެ ސަބަބުން ވައިގެ އުޅަނދުތައް ރަނގަޅަށް މަރާމާތު ނުކުރެވޭ ކަމަށް ތަޖުރިބާކާރުން ވިދާޅުވެ އެވެ.

ރައިސީ ދަތުރުކުރެއްވީ "ބެލް 212" މަރުކާގެ ހެލިކޮޕްޓަރެއްގައި ކަމަށް އިރާނު ސަރުކާރުން ވަނީ ބުނެފަ އެވެ. މިއީ އެމެރިކާއިން އުފައްދާފައިވާ މޮޑެލްއެއް ކަމުން، މި ހެލިކޮޕްޓަރު އިރާނަށް ވިއްކާފައި ނޫނީ ލިބިފައިވާނީ 1979 ވަނަ އަހަރުގެ އިސްލާމީ އިންގިލާބުގެ ކުރިންނެވެ.

މީގެކުރިން ވެސް، އިރާނުގެ ބައެއް މިނިސްޓަރުންނާއި ދިފާއީ ބާރުގެ އިސްވެރިން ވެސް ހެލިކޮޕްޓަރު ވެއްޓުނު ހާދިސާތަކުގައި ވަނީ އަވަހާރަވެފަ އެވެ.

މީގެކުރިން، ނިއުކްލިއާ ހަރަކާތްތައް މަދުކޮށް، ހުޅަނގުގެ ގައުމުތަކާ ވާހަކަ ދައްކައިގެން ވައިގެ އުޅަނދުތައް އާ ކުރުމުގެ މަސައްކަތްތަކެއް ވެސް ކުރެވުނެވެ. އެކަމަކު އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިރާނާ އެކު ކުރެވުނު މަޝްވަރާތަކުން ދުރަށް ވަޑައިގަތުމުން، އެ މަސައްކަތް ވެސް ހުއްޓިގެން ދިޔައީ އެވެ.

ރައިސީގެ ސަރުކާރުން ވަނީ 2021 ވަނަ އަހަރު ވެރިކަމަށް އައިސް، ހުޅަނގާ އެކު ގުޅުން ބަދަހިކުރުމަށް ކުރީގެ ސަރުކާރުން ގެންގުޅުނު ވިސްނުމަށް ވަރަށް ބޮޑަށް ފާޑުކިޔައި، އިރާނުގެ އަމިއްލަ ގާބިލުކަމުގައި އޭވިއޭޝަން ސޭފްޓީ ވެސް ގާއިމުކުރެވޭނެ ކަމަށް ބުނެފަ އެވެ.